ސްރީ ލަންކާ އަށް މިހާރު ކުރަމުން ދާ ގަދަ ވިއްސާރައިގައި، ދިވެހިން އުޅޭ ބައެއް ގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގައި ދިރިއުޅޭ ބައެއް ދިވެހިން ބުނެފި އެވެ.
ސްރީ ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ބޮޑަށް ގޯސްވެ ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެތީ، އާއްމުން ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން އިއްޔެ ހަވީރު ޑީއެމްސީން ވަނީ ރެޑް އެލާޓް ވެސް ނެރެފަ އެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނީ ދިވެހިން އުޅެމުން އަންނަ އަށް ގެއަކަށް އެކި ވަރުގެ ގެއްލުން ލިބުނު ކަމަށެވެ.
އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ހުސައިން މާޒިން ވިދާޅުވި ގޮތުގައި ދިވެހިން ދިރިއުޅޭ ގެއެއްގެ ފުރާޅު އެއްލައިލުމުގެ އިތުރުން ސޯސަން ވިލާގައި ހަރުކޮށްފައި ހުރި ބޯޑްތަކަކަށް ގެއްލުންވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ލަންކާގައި ދިރިއުޅޭ ބައެއް މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ ދެހެވެލަ ސަރަހައްދުގެ ބައެއް ގޭތަކުގެ ފުރާޅު އެއްލާލައިގެން އެ ގޭތަކުން ދިވެހިން އެހެން ތަންތަނަށް ބަދަލުވާން ޖެހުނެވެ. އަދި ރޭ ކަރަންޓް ކެނޑުނު ގޮތަށް ދެހެވެލަ އަށް ކަރަންޓް ލިބުނީ މިއަދު ހެނދުނު ކަމަށް އެ މީހުން ބުންޏެވެ.
"ވަރަށް ބޯކޮށް ވާރޭވެހި ވައިގަދަ. ވަރަށް ގިނަ ގަސްތައް ވެސް ހުރީ ވެއްޓިފައި. އެހެންވެ ކަރަންޓް ކެނޑުނު ވަރަށް ގިނަ އިރަށް،" ދެހެވެލާގައި ދިރިއުޅެމުން އަންނަ މުފީދާ އަހުމަދު ބުންޏެވެ.
ކޮލަމްބޯގެ ބޮރެއްލާގައި ދިރިއުޅޭ ދިވެއްސަކު ބުނި ގޮތުގައި އޭނާ އުޅޭ ގޭގެ ގަރާޖުގެ ގޭޓު ވެސް ވަނީ ރޭ އައި ކޮޅިގަނޑުގައި އެއްލާލައިފަ އެވެ.
ލަންކާގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފައިބައިފާނެކަމުގެ އިންޒާރު ނޭޝަނަލް ބިލްޑިން ރިސާޗް އޮގަނައިޒޭޝަން (އެންބީއާރުއޯ) އިން ވަނީ ދީފަ އެވެ.
ނަމަވެސް ވާހަކަދެއްކި ބައެއް ދިވެހިން ބުނި ގޮތުގައި ދިވެހިން އުޅޭ އެއްވެސް ހިސާބެއްގައި ފެންބޮޑުވެފައެއް ނުވެ އެވެ.
މާޒިން ވިދާޅުވީ ލަންކާ އަށް ކުރަމުން ދާ ވިއްސާރަ މިހާރު ރަނގަޅުވަމުން އަންނަ ކަމަށް މޫސުން ލަފާކުރާ ފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ. އެކަމަކު ދިވެހިންނަށް އޭނާ ނަސޭހަތްތެރިވެވަޑައިގަތީ މި ދުވަސްވަރު ގެއިން ބޭރަށް ނުނިކުތުމަށެވެ.