މާލޭގެ ބައެއް މަގުތަކުގައި ކުނި ގިނަވެ، އާއްމުން ޝަކުވާ ކުރަން ފަށައިފި އެވެ.

މާލޭގެ ގޭގެއިން ކުނި އުކާލުމާ ވެމްކޯއިން ހަވާލުވިތާ ކުރީކޮޅު މި ޝަކުވާ ބޮޑުވި ނަމަވެސް ފަހުން އެ މައްސަލަ އޮތީ ވަރަށް ބޮޑަށް ހައްލުވެފަ އެވެ. ނަމަވެސް، އުކާލަން ނެރޭ ކުނި ނުގެންގޮސް ގިނަ ދުވަސް ވަންދެން މަގުމަތީގައި ހުންނަ ކަމުގެ ޝަކުވާ އަނެއްކާވެސް ވަނީ ބޮޑުވެފަ އެވެ.

ވެމްކޯއާ ހަވާލު ނުކޮށް އަމިއްލައަށް ކުނި އުކުމުގެ ފުރުސަތު އޮތް ނަމަވެސް އެކަން ކުރަން ޖެހެނީ ރަޖިސްޓްރީކޮށްގެން، ވަކި ހަމައެއްގެ މަތިންނެވެ.

"މި ގޯޅީގެ ހުރިހާ ގެތަކުންހެން ވެސް ކުނިކޮތަޅުތައް ގެންގޮސް ބަހައްޓަނީ މަގުގެ ކަންމަތީގައި. ދެން ވެމްކޯއިން އަންނަންދެން އެހެން ހުންނާނީ،" މާފަންނު އަލަމާގޯޅީގައި އުޅޭ އަންހެނަކު ބުންޏެވެ.

އަލަމާގޯޅި ކަންމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް-- މިހާރު ފޮޓޯ
އަލަމާގޯޅި ކަންމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް-- މިހާރު ފޮޓޯ

އޭނާ ބުނީ ކޮންމެ ދުވަހަކު ވެސް އެ ގޯޅި ކަންމައްޗަށް ކުނި ކޮތަޅުތައް އެއްކުރާއިރު، ވެމްކޯއިން އެތަނުން ކުނި ގެންދަނީ ދުވާލަކު ވަކި ވަރަކަށް ކަމަށެވެ. އެހެންވެ، އެތަނުން ކުނި ހުސްނުވާ ކަމަށް އޭނާ ބުންޏެވެ.

"ބަދިގެ ތެރެއިން ނެރޭ ކުނިވާ ޒާތުގެ ކުނިވެސް އެތަނަށް ނެރެފައި ހުންނަނީ. އެ އެއްޗެހި ނުގެންގޮސް ގިނަ ދުވަސްވަންޏާ ކިހާ ނުބައި ވަހެއް ދުވާނެ. ވަރަށް މުޑުދާރުކޮށް މިތަން އޮންނަނީ،" އެ އަންހެން މީހާ ބުންޏެވެ.

"މިހާރު"އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ ވެމްކޯއިން ގަވައިދުން ކުނި އުކަން ނާންނަ މައްސަލަ އަދިވެސް ބޮޑު ކަމަށެވެ. އެހެންވެ، ނުބައިވާ ޒާތުގެ ކުނި ގޭތެރޭގައި ބަހައްޓަން ނުކެރިގެން މަގުމައްޗަށް ނެރެން މަޖުބޫރުވާ ކަމަށް އޭނާ ބުންޏެވެ.

"ޖެހިޖެހިގެން ހުރެދާނެ ދެ ދުވަސް ވެސް ކުނި އުކަން ނައިސް. މިގެއަކު ކުނި އުކައިދޭނެ މީހަކު ނުހުރޭ. އެހެންވެ، ނުބައިވާ ކުނި ގޭތެރޭގައި ބަހައްޓަން ނުކެރިގެން މަގުމައްޗަށް ނެރެނީ،"

ވެމްކޯއިން ވެސް ވަނީ ކުނި އުކާލުމާ ގުޅޭ ޝަކުވާތައް ފަހަކަށް އައިސް އިތުރުވެފައިވާކަން ފާހަގަކޮށްފަ އެވެ. އެކަމަކު އެތަނުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި ކުނި އުކާނުލެވެނީ، ހިދުމަތް ދެމުންދާ ގެތަކުގެ ތެރޭން ތިން ޕަސެންޓު ގެއިންނެވެ.

މަގުމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް
މަގުމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް

ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ ކުނި އުކާލުމާ ގުޅޭ ޝަކުވާތައް އަބަދުވެސް ލިބޭ ކަމަށާއި އެކަމަކު ވޭތުވެ ދިޔަ ދެ ހަފުތާ އެކަން އިތުރުވެފައިވާ ކަމަށެވެ. އަދި ބޮޑަށް އެހެން ދިމާވީ މި ފަހުން ކުރި ވިއްސާރައާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް މުވައްޒަފުން މަދުވެގެން ހިދުމަތް ނުދެވެނީކީ ނޫން. އެކަމަކު މި ވިއްސާރައާ ގުޅިގެން ބައެއް ގެތަކަށް ހިދުމަތް ފޯރުކޮށް ނުދެވި ހުރެދާނެ. އަދި މިއީ ބަންދުތެރެ ކަމަށް ވުމުން ގެތަކަށް ގޮސް ކުނި ނެގުމުގައި ދަތިތަކެއް އެބަހުރި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއްމުންގެ ޝަކުވާތަކަށް ބަލައި، ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި ވެސް ވެމްކޯއިން ހިދުމަތް ދެމުން އަންނައިރު ކުނި އުކާލުމަށް މިހާތަނަށް 17،180 ގޭބިސީއަކުން އެ ކުންފުނީގައި ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަދި އަމިއްލައަށް ކުނި އުކާލަން 1،100 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީކޮށްފައިވެ އެވެ.