ރާއްޖެ އަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި މޫސުން އެންމެ ގޯސްވާނީ މެދު ރާއްޖެ އާއި ދެކުނުގެ ހިސާބުތަކަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.
މޫސުން ލަފާކޮށް މެޓްގެ އޮފިޝަލަކު ވިދާޅުވީ ދެކުނާއި މެދު ރާއްޖޭގެ ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ވުރެ އުތުރަށް ގަދަ އަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ރާއްޖެ އަށް މިހާރު ކުރަމުން މި ދަނީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރަ އެކެވެ.
"ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަވާނެ ކަމަށް ލަފާކުރެވެނީ. އެކަމަކު މި ހަފުތާގެ ތެރޭގައި މޫސުން ރަނގަޅުވާން ފަށާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މެދުތެރޭ އަތޮޅުތަކަށް ވައިޖެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވަނީ އިރުއުތުރާއި އިރުން ގަޑިއަކު 10-20 މޭލު ބާރުމިނުގަ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 3-13 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކުރެ އެވެ.
ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5-15 މޭލު ބާރުމިނުގައި ވައިޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ އެވެ.
މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓުން ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު ހަވީރު 5:30 ވަންދެން ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެ ސަރަހައްދުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައި ވެ އެވެ.
މިިއީ އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް ކަމަށްވާ ނުލަ ނަކަތުގެ ހަތް ވަނަ ދުވަހެވެ. އިރުވައި މޫސުން ފެށެނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.