ފުލުހުން އަމަލު ކުރަން ގާނޫނާއި ގަވާއިދުތަކެއް ހަދާފައިވާއިރު، ގާނޫނާ ހިލާފުވާ ފުލުހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނެފި އެވެ.
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް މުހައްމަދު ފަރުހާދު މިއަދު ވިދާޅުވީ ފުލުހުން ފިޔަވަޅެއް އެޅުމުގެ ކުރިން ގައުމުގެ މަސްލަހަތަށް އިސްކަން ދޭނެ ކަމަށެވެ. އަދި ފުލުހުން ނިންމާ ނިންމުން ވެސް ވާން ޖެހޭނީ ގައުމުގެ މަސްލަހަތަށް ބަލައިގެން ނިންމާ ކަމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމުގެ އަމަން އަމާންކަން ގާއިމުކުރަން ފުލުހުން އަޅާ ފިޔަވަޅުތައް އެނގެން ޖެހޭނެ ކަމަށާއި އެއީ ވަކި ފަރުދަކަށް ނުވަތަ ވަކި ޖަމާއަތަކަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ނުދެކުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އަދި ކޮންމެ މީހަކު ކުށެއް ކުރިޔަސް އެކަން ބެލުމުގެ ފުރުސަތު ގާނޫނުން ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.
ފަރުހާދު ވިދާޅުވީ ގައުމީ މަސްލަހަތާ ހިލާފަށް ކަންކަން ކުރާ ފުލުހުންގެ މައްސަލަ ބެލުމުގެ ފުރުސަތު ގާނޫނުގެ ތެރެއިން ކޮމިޝަނަށް ލިބިފައިވާ ކަމަށާއި ގާނޫނާ ހިލާފުވާ ފުލުހުންނާ މެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.
"ގާނޫނާ ހިލާފަށް މީހަކު ކަމެއް ކުރާނަމަ، އެކަން ބެލޭނެ އިންތިޒާމު އެބައޮތް. އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި މިކަހަލަ ނިޒާމެއް ނެތް. ގައުމީ މަސްލަހަތާ ހިލާފަށް ފުލުހަކު ނުވަތަ މުއައްސަސާ ކުރިޔަސް އެކަން ބެލޭނެ މެކޭނިޒަމެއް އެބައޮތް،" ފަރުހާދު ވިދާޅުވި އެވެ.
ފުލުހުންގެ މައްސަލަތަކުގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމާއި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ވެސް އިންޓެގްރިޓީ ކޮމިޝަނަށް ލިބިގެންވެ އެވެ.
އެގޮތުން ކޮމިޝަނުން މައްސަލަ ބެލުމަށްފަހު އެ މުއައްސަސާއެއްގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިދާނެ އެވެ. ޖިނާއީ މައްސަލައެއް ނަމަ، ކޮމިޝަނުން ތަހުގީގުކޮށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ފޮނުވުމުގެ ބާރު ކޮމިޝަނަށް ލިބެ އެވެ.
"ދިވެހި ދައުލަތުގެ މުވައްޒަފުން ޖެހޭނީ ގާނޫނަށް އަމަލު ކުރަން. ގާނޫނުގެ ތެރެއިން ކަންކަން ކުރާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ފަރުހާދު ވިދާޅުވި އެވެ.
ފަރުހާދު ވަނީ އިދިކޮޅު އިއްތިހާދުން އެ ކޮމިޝަނާ ބައްދަލުކޮށް، ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާތީ ކޮމިޝަނުގެ ގާނޫނުގެ ތެރެއިން އެކަންކަން ބަލަމުންދާނެ ކަމަށް ވިދާޅުވެފަ އެވެ.
ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނީ ރަސްމީ ޑިއުޓީގައި ވަކިވަކި ފުލުހުން ކުރާ ކަންކަމާ ގުޅިގެން އެ ފުލުހުންނާ މެދު ފިޔަވަޅު ނޭޅޭނެ ކަމަށާއި އެކަމުގެ ޒިންމާ ނަގާނީ މުޅި ފުލުހުންގެ މުއައްސަސާއިން ކަމަށެވެ. އަދި ވަކިވަކި ފުލުހަކު އަދާކުރާ ދައުރާއި ގުޅިގެން ކުރިމަތިވާ ކަންކަމުގެ ޒިންމާ ނަގައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަސް ނުޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ގާނޫނާ ހިލާފަށް އަމަލުކުރާ ވަކިވަކި ފުލުހުންގެ މައްސަލަތައް އިދިކޮޅު އިއްތިހާދުން ކަމާ ބެހޭ ކޮމިޝަންތަކަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވި ގޮތުގައި ފުލުހުންނާ ބެހޭ ގޮތުން އާންމުން ކުރާ ޝަކުވާތައް ބެލޭނީ ހަމައެކަނި ފުލުހުންގެ މުއައްސަސާއަކަށް ނޫނެވެ. އަދި ފުލުހުންގެ މައްސަލަތައް ބެލުމުގެ ފުރުސަތު އެންއައިސީ އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވަކިވަކި ފުލުހަކު ކުރާ ކަންކަމަށް ފުލުހުންގެ މުއައްސަސާ ޒިންމާވާން ޖެހޭނެ ކަމަށް ފުލުހުންގެ ގާނޫނުގައި ކަނޑައަޅާފައި ނުވާ ކަމަށް ވެސް އޭނާ ވިދާލުވި އެވެ.
"ފުލުހުންގެ އިންޓާނަލް ޑިޕާޓްމަންޓް ތެރެއިން ބެލޭނެ. ވަކިވަކި ފުލުހަކު ކުރާ ކަންކަމަށް ފުލުހުންގެ މުއައްސަސާ ޒިންމާވާން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައެޅިފައެއް ނެތް. އަމިއްލަ މީހަކަށް ވެސް ހުށަހެޅިދާނެ ފުލުހުންގެ އިންޓާނަލް ޑިޕާޓްމަންޓަށް،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ކޮމިޝަނަކުން ފުލުހެއްގެ މައްސަލަ ބަލައި ތަހުގީގުކޮށް ނިންމުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވުމުގެ ބާރު އެ ކޮމިޝަނަކަށް ލިބިގެންވާ ކަމަށާއި ގާނޫނާ ހިލާފަށް ކުރި ކޮންމެ ކަމަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށެވެ.