ރާއްޖެ ޓީވީގައި ރޯކޮށްލަފާނެ ކަން ފުލުހުންނަށް ކުރިން އެނގިފައިވާތީ އެ ސްޓޭޝަން ހުންނަ އިމާރާތް ކައިރީގައި ފޯރިމަރަން ފުލުހުންގެ އިސް ވެރިންނަށް އޭރު އެންގެވި ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

މީގެ ތިން އަހަރު ކުރިން 2013 ގައި ރާއްޖެ ޓީވީގައި ރޯކޮށްލެވުނީ އެ ހާދިސާ ހިނގަން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނެތުމުން ކަމަށާއި އެ މައުލޫމާތު ކަމާ ގުޅޭ ޑިޕާޓްމަންޓްތަކުގެ އިސް ވެރިންނާ ހިއްސާކުރި ނަމަ، އެ ހާދިސާ ނުހިނގީސް ކަމަށް ރިޔާޒުގެ ފަހުން ކޮމިޝަނަރަކަށް ހުންނެވި ހުސެއިން ވަހީދު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ރިޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ ޓީވީގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަން ކަމާ ގުޅޭ ހުރިހާ ވެރިންނަށް އަނގަ ބަހުންނާއި ލިޔުމުން ވެސް އަންގަވާފައިވާނެ ކަމަށެވެ.

ޓުވީޓާ ގުޅޭ ތަފްސީލް ދެއްވަމުން ރިޔާޒް މިރޭ ވިދާޅުވީ ފުލުހުންގެ އިސް ވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖެ ޓީވީން ފޮނުވި ސިޓީއާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައި ވާނެ ކަމަށެވެ. އަދި ރާއްޖެ ޓީވީގައި ރޯކޮށްލަން އުޅޭ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް ވީހާވެސް އަވަހަކަށް އެޅުމަށާއި ރާއްޖެ ޓީވީ އިމާރާތުގައި ފޯރިމަރަން ވެރިންނަށް އެންގެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ސްޓޭޝަނުން ފޮނުވި ސިޓީގައި އެދިފައި އޮތީ ރާއްޖެ ޓީވީގައި ރޯކޮށްލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށާއި އެހެންވެ، ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ދިނުމަށެވެ.

"ފުލުހުންގެ ރިކޯޑުތަކުން ވެސް އެކަން އެނގެން އޮންނާނެ. އެ ބައްދަލުވުމަކީ އޭރުގެ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ހުސެއިން ވަހީދު ވެސް އިންނެވި ބައްދަލުވުމެއް. އެހެންވީމާ [އޭނާ] ކަނޑައެޅިގެން ދޮގެއް އެ ހަދަނީ،" ރިޔާޒް ވިދާޅުވި އެވެ.

ރާއްޖެ ޓީވީ ސްޓޫޑިއޯގައި މީހަކު ޕެޓްރޯލް އަޅައި ރޯކޮށްލާ މަންޒަރު ސީސީސީ ޓީވީ އަށް އަރާފައި: އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި އެ ހާދިސާގެ ވާހަކަ ހިމެނޭ ކަމަށް ވޭ --ފޮޓޯ: ރާއްޖެ ޓީވީ
ރާއްޖެ ޓީވީ ސްޓޫޑިއޯގައި މީހަކު ޕެޓްރޯލް އަޅައި ރޯކޮށްލާ މަންޒަރު ސީސީސީ ޓީވީ އަށް އަރާފައި: އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި އެ ހާދިސާގެ ވާހަކަ ހިމެނޭ ކަމަށް ވޭ --ފޮޓޯ: ރާއްޖެ ޓީވީ

ހުސެއިން ވަހީދު ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީގައި ފޯރިމަރަން ރިޔާޒް އެންގެވީ "ގްރައުންޑްގައި ތިބި ކުދި ބައެއްގެ" ކައިރީގައި ކަަމަށެވެ. އެކަމަކު އެ ޓީވީ ސްޓޭޝަނަށް ލިބުނު އިންޒާރުތައް "ސީރިއަސްކޮށް ނެގި ނަމަ"، އެކަން ފުލުހުންގެ އިސް ވެރިންނަށް އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުސެން ވަހީދުގެ އެ ވާހަކަތައް ވެސް ރިޔާޒު ދޮގުކުރެއްވި އެވެ.

އޭނާ ވިދާޅުވީ އާދައިގެ ފުލުހުންތަކެއް ކައިރީގައި ފޯރިމަރަން އަމުރު ކުރައްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ފުލުހުންގެ ތެރެއިން އެ މައްސަލަ ބަލައި، އިހުމާލުވި ފުލުހުންނާ މެދު ފިޔަވަޅު އަޅަން، ކޮމިޝަނަރެއްގެ ގޮތުން އަމިއްލަ އަށް އިސްނަންގަވައިގެން، އެންގެވި ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"ގްރައުންޑްގައި ތިބި ބަޔަކަށް ނުވެސް އަންގަން. ކޮމިޝަނަރު އަންގާކަށް ނުވެސް ޖެހޭ. ޑިޕާޓްމަންޓްތަކުގެ އިސް ވެރިންނަށް އެންގީމަ، އިސް ވެރިން އަންގާނީ ދެން ތިބި ފުލުހުންނަށް،" ރިޔާޒް ވިދާޅުވި އެވެ.

ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލާގައި އޭރުގެ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ކޮމިޝަނަރުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާފައިވާ ކަމާއި އޭގައި އިހުމާލުވަނީ އެ ތަނުގައި ފޯރިމަރަން ތިބި ފުލުހުން ކަމަށް ބުނެފައިވެ އެވެ. އަދި އެކަމުގައި އިހުމާލުވި ފުލުހުންނާ މެދު ފިޔަވަޅު އަޅަން ވެސް އެންގި އެވެ.

ރިޔާސީ އިންތިހާބު ތެރޭގައި ރާއްޖެ ޓީވީގައި ހުޅު ޖަހައި އަންދާލީ އޮކްޓޯބަރު 7، 2013ގެ ފަތިހުގެ ވަގުތެއްގައި އިމާރާތުގެ ދަގަނޑު ގޭޓެއް ހަލާކުކޮށްލައި، އެތެރެއަށް ވަދެ ޕެޓްރޯލް ޖަހައިފަ އެވެ. ބީކޭޓީ ބިލްޑިންގައި ހުރި އެ އިމާރާތުގައި ހުޅުޖެހި މައްސަލާގައި ހަ މީހަކު ހައްޔަރު ވެސް ކުރި އެވެ. އަދި ކްރިމިނަލް ކޯޓުގައި ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ.

ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލަ އަނެއްކާވެސް ފެންމަތިމިވީ އަލްޖަޒީރާއިން ތައްޔާރުކޮށްފައިވާ، ދިވެހި ސަރުކާރުގެ ކޮރަޕްޝަނާ ބެހޭ ރިޕޯޓްގައި އެ ވާހަކަ ހިމަނާފައި އޮތްކަމުގެ އަޑުތަކެއް އެރުމުންނެވެ. ރާއްޖެ ޓީވީ ރޯކޮށްލުމާ ބެހޭ ގޮތުން ހުސެން ވަހީދު ވެސް ވަނީ އެ ރިޕޯޓަށް މައުލޫމާތު ދެއްވައިފަ އެވެ.

ރިޔާޒު ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވީ ރައީސްކަމާ އަބްދުﷲ ޔާމީން ހަވާލުވެވަޑައިގަތުމާ އެކުގަ އެވެ. ދެން އެ މަގާމަށް ރައީސް ޔާމީން ލެއްވީ ހުސެން ވަހީދެވެ. އެކަމަކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންމެ އަރިސް އެކެއް ކަމަށް ބެލެވޭ ހުސެން ވަހީދު ވަނީ، ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާ އަށް ފަހު އެ މަގާމުން ވަކިކޮށް ހައުސިން މިނިސްޓްރީ އަށް ބަދަލުކޮށްފަ އެވެ.