މިނިވަން ވިޔަފާރިއަކީ އިގުތިސާދީ ގުޅުމުގެ ވަރުގަދަ ހަތިޔާރެއް: ސަފީރު އަހުމަދު

ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިގުތިސާދީ ގުޅުންތަކުގެ އެންމެ ވަރުގަދަ އެއް ހަތިޔާރު ކަމަށް، އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.


އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކި ކަންތައްތަކާ ހިތްހަމަނުޖެހިގެން އުޅޭ ސިޔާސީ މީހުންނާއި ހާރިޖީ މާހިރުން ކަމަށް އަމިއްލަ އަށް ބުނާ މީހުން ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ކަމަށެވެ.

އެ ޓްވީޓުގައި ހާރިޖީ މާހިރުން ކަމަށް އަހުމަދު އެ އިޝާރަތްކުރައްވަނީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކަމަށް ބެލެވެ އެވެ. އިދިކޮޅު ބައެއް މީހުން ވަނީ ޗައިނާއާ އެކު ރާއްޖޭން މިނިވަން ވިޔަފާރީގެ ގުޅުން ގާއިމްކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފްރީ ޓޭރޭޑް އެގްރިމެންޓާ ގުޅޭގޮތުން ސަފީރު އަހުމަދު ކުރެއްވި ޓްވީޓް

އިންޑިޔާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރަން އިންޑިއާ ސަރުކާރުގެ އިސް ވަފުދެއް ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާގައި ވަނީ ބުނެފަ އެވެ. އޭގައިވާ ގޮތުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރަން އިންޑިއާ ސަރުކާރުގެ ވަފުދެއް އަންނަ މަހުގެ ކުރީކޮޅު ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ނޫހުގައިވެ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާ އާއި ރާއްޖެ ސޮއިކޮށްފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހެވެ. އެ އެގްރިމެންޓުން ދިވެހިންނަށް ހައްގުވާ ތަރައްގީ ހޯދައިދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.