ރިޔާސީ އިންތިހާބަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސޯޝަލް މީޑިއާ ކެމްޕޭން ރޭ ފައްޓަވައި "ހައްލަކީ އުމަރު" ސްލޯގަން މިފަހަރު ވެސް ބޭނުންކުރައްވައިފި އެވެ.
"ޔޫ2018" ޖައްސަވައި ޓުވީޓް ކުރެއްވި ފޮޓޯގައި ޕީޕީއެމް އެތެރޭގައި އުފެދިފައިވާ މައްސަލަ އަށް އިޝާރަތްކުރައްވައި ނުސީދާކޮށް ރައީސް އަބްދުﷲ ޔާމީނަށް މެސެޖްތަކެއް ދެއްވާފައިވާ ކަމަށް ބެލެވެ އެވެ.
ފޮޓޯގައި އުމަރު ވިދާޅުވީ ޕީޕީއެމްގެ އަސާސަކީ ފުރަތަމަ ގައުމު ކަމަށެވެ.
ޕީޕީއެމް އުފެއްދީ އުމަރު ވިދާޅުވި ގޮތުގައި، ހަމައެކަނި ގައުމަށް ހިދުމަތް ކުރުމަށެވެ. އަދި އަމިއްލަ ނަފްސާއި ފައިސާގެ ކުރިއަށް ވެސް ގައުމު ނެރުމަށެވެ.
ޕީޕީއެމްގެ ވެރިކަމުގައި އެންމެ ފުރަތަމަ އިސް ކުރަން ޖެހެނީ ގައުމު ކަމަށް އުމަރު ވިދާޅުވިއިރު، ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވެވަޑައިގެން ރައީސް ޔާމީން ވެރިކަން ކުރައްވަނީ ގައުމަށް ވުރެން ބޮޑަށް އަމިއްލަ މަސްލަހަތު ކުރިއަށް ނެރުއްވައިގެން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އޭގެ އިތުރުން ސަރުކާރު ތެރޭގައި ކަންބޮޑުވާ ދަރަޖައަށް ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ވިދާޅުވެ ރައީސް މައުމޫން ވަނީ ރައީސް ޔާމީނަށް ބަހުގެ ހަމަލާ ވެސް އަމާޒުކުރައްވައިފަ އެވެ.
ޕީޕީއެމްގެ އަސުރުމާ ކުލަ އާއި ޖުމްހޫރީ ޕާޓީގެ ރަތް ކުލަ ހިމެނޭ ފޮޓޯގައި "ކާލާ މަންނަ" ވެސް ބޭނުންކުރައްވާފައިވެ އެވެ.
ނުސީދާކޮށް އުމަރު އެ ވިދާޅުވީ، ރައީސް މައުމޫން ހުންނެވީ އޭނާ އެކުގައި ކަމަށް ބެލެވެ އެވެ. ސަބަބަކީ "އަޅުގަނޑާ ވާދަކުރައްވަން ހުންނެވި ބޭފުޅާގެ އަތުގައި ކާލާ މަންނަ މިހާރަކު ނޯންނާނެ" ކަމަށް މީގެ ހަފުތާއެއް ކުރިން އުމަރު ވިދާޅުވެފައި ވުމެވެ.
އުމަރު އެގޮތަށް ވިދާޅުވީ އިންތިހާބަށް ތާއީދު ހޯއްދަވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މައުމޫންގެ ތާއީދު ލިބިވަޑައިގަންނަވާނެތޯ ދެންނެވުމުންނެވެ. އޭނާ ކާލާ މަންނަ ބޭނުންކުރައްވަނީ މައުމޫނަށް އަމާޒުކުރައްވަ އެވެ.
ރައީސް ޔާމީން ދިފާއުކުރެއްވުމުގައި ގާތްގަނޑަކަށް ތިން އަހަރު ހޭދަކުރެއްވުމަށް ފަހު އުމަރު އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ހާމައެއް ނުކުރައްވަ އެވެ. އަދި އިސްތިއުފާ ދެއްވިތާ ހަފުތާއެއްހާ ދުވަސް ފަހުން، ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ވާދަކުރައްވާނެ ކަން އިއުލާންކުރެއްވީ ވެސް ކުއްލިއަކަށެވެ. ކުރިން އޭނާ ވިދާޅުވަމުން ގެންދެވީ އިންތިހާބަށް ނިކުންނަވާނީ 2023 ގައި ކަަމަށެވެ.
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕީޕީއެމް ދެ ފަޅި ވެފައިވާއިރު، އުމަރު ހުންނެވީ ރައީސް މައުމޫން ފަޅީގަ އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި 2018 އަށް މައުމޫން ނެރުއްވާނީ އުމަރާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ކަމަށް ވެސް ވަނީ އަޑު ފެތުރިފަ އެވެ.