ކަސްޓަމުން މިހާރު ހިންގާ ތަހުގީގަކަށް ސަން އައިލެންޑް ރިސޯޓުގައި ހުރި ރަލާއި އޫރު މަސްތައް ރަށުން ގެންދަން އުޅުނަސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ރިސޯޓުން ދެންމެ ބުނެފި އެވެ.
"ގާނޫނާ ޚިލާފަކަށް އެއްވެސް އެއްޗެއް ނުގެންދެވޭނެ،" ރިސޯޓުގެ މެނޭޖްމަންޓުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
މި ރިސޯޓުގައި މި ވަގުތު 1،000 އަށް ވުރެ ގިނަ ޓޫރިސްޓުން އެބަތިއްބެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު މި ރިސޯޓުގެ ފުލް އޮކިއުޕަންސީ އެވެ.
މެނޭޖްމަންޓުން ބުނާ ގޮތުގައި ކަސްޓަމްގެ ހަތަރު މީހަކާއި ދެ ފުލުހަކު ރިސޯޓުގައި މިވަގުތު ވެސް އެބަތިއްބެވެ.
ސަން އައިލެންޑް ރިސޯޓުގެ އިތުރުން، ވިލާގެ ޕެރެޑައިސް އާއި ރޯޔަލް އާއި ފަން އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓު ބަލާ ފާސްކުރަނީ ބޮންޑެޑް ވެއާ ހައުސް އިން ރޯޔަލް އަށް ދޫކުރި ބަނގުރާތަކެއް އެ ރިސޯޓާ ގުޅުން ހުރި އެހެން ރިސޯޓުތަކަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކަށެވެ. އެކަމަކު މި އަމުރުގައި އެއްވެސް އެއްޗެއް އެ ރިސޯޓުތަކުން ގެންދެވޭނެ ކަމުގެ ވާހަކައެއް ނެތެވެ.
"ވަރަށް ކަންބޮޑުވެފައި މިތިބީ. ގެސްޓުން ވެސް މިތިބީ ކަންބޮޑުވުމެއްގެ ތެރޭގައި. މިތަނުގެ ބާތަކާއި ތަންތަނަށް ވަދެ ފާސްކުރަންޏާ ގެސްޓުން ކަންބޮޑުވާނެތާ،" އޮފިޝަލް ވިދާޅުވި އެވެ.
"މިއަދު ވެސް ކޮފީޝޮޕްގައި އެންމެ ބާރުބޮޑުވި ގަޑީގައި އެތަން ފާސްކުރަން ވަނީ."
މި ރިސޯޓަށް މިދިޔަ މާޗް 22 އިން ފެށިގެން އެތެރެ ކޮށްފައި ހުރި ހުރިހާ ރަލަކާއި އޫރު މަހެއް ރިސޯޓުން ގެންދާނެ ކަމަށް ކަސްޓަމުން ވަނީ އަންގައިފަ އެވެ. އެހެންވެ، ރާއްޖޭގެ ޓީވީ ސްޓޭޝަންތަކާއި ބައެއް ނޫސްވެރިން ވެސް ވަނީ މި ފަސް ރިސޯޓަށް ގޮސްފަ އެވެ.
ސަން އައިލެންޑުން ބުނީ، މި ތަނަށް އައިސް ތިބި ތަހުގީގު ޓީމު ބޭނުންވާ ހުރިހާ ލިޔުންތަކެއް ހަވާލުކޮށްފައިވާ ކަމަށެވެ.
"ދެން މިރޭ އެންގީ ހުރިހާ އެއްޗެހި ގެންދަން ބޭނުމޭ،" އޮފިޝަލް ވިދާޅުވި އެވެ. "އެކަމަކު ގާނޫނާ ހިލާފަކަށް އެއްވެސް އެއްޗެއް މި ރިސޯޓަކުން ނުގެންދެވޭނެ. އެއީ ވަރަށް ބައިވަރު އެއްޗެހި."
"މިއީ ފުލްކޮށް ގެސްޓުން ތިބޭ ރަށެއް. އެތައް މިލިއަން ޑޮލަރެއްގެ މުދާ އެއީ. އެ އެއްޗެހި ގެންގޮސްފިއްޔާ ރިސޯޓު މުޅިން ހުއްޓުމަކަށް އަންނާނެ."
ރިސޯޓުގެ އެ ތަކެތި ބާލާނެ އިރެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް، އެނގިފައިވާ ގޮތުގައި އެ ތަކެތި ބަލާ ދޯނިތަކެއް މި ރަށަށް އަންނަން ވަނީ ފުރައިފަ އެވެ.