ވިލާގެ ރިސޯޓުތަކުގެ ދިފާއުގައި މާމިގިލީގައި މުޒާހަރާ ކުރަން ފަށައިފި

ވިލާ ގުރޫޕްގެ ރިސޯޓްތަކަށް ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އޮފިޝަލުން އަރައި ބަލައި ފާސްކުރަމުން ދާތީ އެކަމާ ދެކޮޅަށް މާމިގިލީގައި މުޒާހަރާ ކުރަން ފަށައިފި އެވެ.


ފުލުހުންނާއި ކަސްޓަމްސްއިން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް އަރައި ފާސްކުރަނީ، ރޯޔަލް އަށް ގެންދާ ރަލާއި އޫރުމަސް އެހެން ރިސޯޓުތަކަށް ބަދަލުކޮށް ބޭނުން ކުރަމުން އަންނަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެވެ. އެކަމަކު، ވިލާގެ ރިސޯޓުތަކުން ބުނަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް މުދަލެއް އެތެރެކޮށްފައި ނުވާނެ ކަމަށެވެ. އަދި ރޯޔަލް އިން ރަލާއި އޫރުމަސް އެ ކުންފުނީގެ އެހެން ރިސޯޓްތަކަށް ގެންދަނީ ލިޔެކިޔުންތައް ފުރިހަމަކޮށް، ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ވިލާއިން ބުނެ އެވެ.

މާމިގިލީ ކައުންސިލްގެ ރައީސް އަބްދުﷲ މުފީދު "މިހާރު" އަށް މިއަދު ވިދާޅުވީ ގާސިމްގެ ވިޔަފާރިތައް ހުއްޓުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާތީ، މުޒާހަރާގައި ބައިވެރިވާ 300 އަށް ވުރެ ގިނަ މީހުން ތިބީ ވަރަށް ބޮޑަށް "ރުޅިގަދަވެފައި" ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތަކާ ހެދި އެތައް ދިވެހިންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.

މާމިގިލީގައި މިއަދު ކުރިއަށްދާ މުޒާހަރާ. - ފޮޓޯ: ސޯޝަލް މީޑިއާ

މުޒާހަރާގައި ބައިވެރިވާ ގިނަ ބަޔަކު ގޮވާލަމުން އަންނަނީ ގާސިމަށް ކުރާ އަނިޔާތައް ހުއްޓާލުމަށެވެ. އަދި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ރިސޯޓުތަކަށް އަރައި ބަލައި ފާސް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ދިވެހި ރައްޔިތުން ވެސް އެކަން ބަލައިނުގަންނަ ކަމަށް އެ މީހުން ބުންޏެވެ.

"ސަރުކާރުން މި ދެނީ ރައްޔިތުންނަށް އަނިޔާ. އެހެންވީމަ، ސަރުކާރުން މި ކުރާ ކަންކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް މުޒާހަރާގެ ބައިވެރިން ތަކުރާރުކޮށް ގޮވާލަމުން ދަނީ،" ގާސިމްގެ އުފަން ރަށް މާމިގިލީގައި ކުރާ މުޒާހަރާއާ ގުޅޭ ގޮތުން އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އަމަލުތަކުގެ ސަބަބުން ގެއްލުން ލިބެނީ ޓޫރިޒަމް ސިނާއަތަށެވެ. އަދި މިކަން ކަން ހައްލު ކުރުމުގައި މި ނޫން މަގެއް އިހްތިޔާރު ކުރުން މުހިންމު ކަމަށް ވެސް ގާސިމްގެ ދިފާއުގައި ވާހަކަ ދައްކެވި އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ މި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވުމަކީ ގާސިމާ މެދު އޮންނަ ގުޅުން ވަރުގަދަ ކަމުގެ ހެއްކެކެވެ.

މާމިގިލީގައި މިއަދު ކުރިއަށްދާ މުޒާހަރާ. - ފޮޓޯ: ސޯޝަލް މީޑިއާ

މުޒާހަރާގެ ބައިވެރިން ދެކޭ ގޮތުގައި ގާސިމްގެ ރިސޯޓްތަކަށް ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުން އަރާފައިވަނީ ސިޔާސީ މަގުސަދެއްގައި ގާސިމަށް ޖެއްސުން ކުރުމުގެ ނިޔަތެއްގަ އެވެ. އަދި އެމީހުން ދަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާ އަށް ވެސް ގޮވަމުންނެވެ.

ގާސިމްގެ ފޮޓޯ އާއި އޭނާއަށް ހެޔޮއެދޭ ކަން އަންގައިދޭ ލިޔުންތަކާއި އަދި ސަރުކާރާ ދެކޮޅު ޝުއޫރުތައް ހިމެނޭ ލިޔުންތަކާއެކު ކުރާ މުޒާހަރާގައި މާމިގިލީގެ ކުދިބޮޑު އެންމެން ބައިވެރިވެ އެވެ.

މާމިގިލީގެ ގިނަ އަދަދެއްގެ ބަޔަކު، އެ ރަށާ ކައިރީގައި އޮންނަ ސަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރެ އެވެ. އަދި މާމިގިއްޔަކީ ގާސިމްގެ ތާއީދު ވަރަށް ބޮޑު ރަށެއް ވެސް މެ އެވެ.

ގާސިމްގެ ހަތަރު ރިސޯޓަކަށް ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ބާތިލްކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. ކަސްޓަމުން ބުނި ގޮތުގައި ހިދުމަތް ދިނުން ހުއްޓާލީ މީރާ އަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ އެވެ. އެ ހަތަރު ރިސޯޓަކީ ސަން އައިލެންޑް ރިސޯޓު، ޕެރެޑައިސް އައިލެންޑް ރިސޯޓު، ފަން އައިލެންޑާއި ހޮލިޑޭ އައިލޭންޑް ރިސޯޓެވެ.