ފުއާދުގެ ހަ އަހަރުގެ ދަރިފުޅު: އެ ކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ލަންކާގައި
21 ޖެނުއަރީ 2018 - 21:58
އައިޖީއެމްއެޗުން އާދައިގެ ހުމެއް ކަމަށް ބުނެ ފަރުވާ ދިން ހަ އަހަރުގެ ކުޑަކުއްޖަކު، ރާއްޖޭން ބޭރަށް ގެންދިޔުމުން އޭނާއަށް ސީރިއަސް ބައްޔެއް ޖެހިފައިވާކަން އެނގިއްޖެ އެވެ.
"މިހާރު"އާ ވާހަކަ ދައްކަމުން، ހަ އަހަރުގެ އެ އަންހެން ކުއްޖާގެ ބައްޕަ ފުއާދު އަހުމަދު ބުނީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު "އާދައިގެ ހުމެއް" ކަމަށް ބުނެ އައިޖީއެމްއެޗުގައި ފަރުވާ ދިން އޭނާގެ ދަރިފުޅު، ސްރީލަންކާއަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން މައިބަދަ އާއި ލޮލުގެ ނާރެއް ދުޅަވެ، ސިކުނޑިއަށް ސިގްނަލް ފޮނުުވުން ހުއްޓިފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެއް އަހަރު ވާންދެން އެ ކުއްޖާއަށް ފަރުވާ ދޭން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
ފުއާދު ބުނީ އުފަން ރަށް، އއ. އުކުޅަހުގައި ހުއްޓާ ދަރިފުޅު ހުން އައުމުން އެންމެ ފުރަތަމަ ގެންދިޔައީ އެ ރަށު ހެލްތު ސެންޓަރަށް ކަމަށެވެ. އެކަމަކު ފަހުން އެ ކުއްޖާ އެއްވެސް އެއްޗެއް ނުކާތީ އައިޖީއެމްއެޗަށް ބަދަލު ކުރި ކަމަށާއި އޭރު އޭނާގެ ދުލާއި ކަރުތެރެ ވަރަށް ބޮޑަށް ހުދުވެފައިވާ ކަމަށް ބުންޏެވެ.
ފުއާދުގެ ހަ އަހަރުގެ ދަރިފުޅު: އޭނާގެ ހާލު ސީރިއަސް
ކުޑަކުއްޖާ ބެލުމަށް ފަހު އައިޖީއެމްއެޗުން ބުނީ އެއީ އާދައިގެ ހުމެއް ކަމާއި ގަދަކަމުން ނަމަވެސް ކާން ދިނުމަށެވެ.
"ދަރިފުޅު ވަރަށް މަސައްކަތް ކުރި ކާން. ފެންބޯން ވެސް އުޅުނު. އެކަމަކު އެއްވެސް އެއްޗެއް އެ ކުއްޖާގެ އަރުތެރޭން ނުދިރޭ،" ދަރިފުޅަށް އިތުރު ފަރުވާ ދިނުމަށް ސްރީލަންކާގައި ހުރި ފުއާދު ބުންޏެވެ.
އޭނާ ބުނީ ކުޑަކުއްޖާ އެ ހާލުގައި ހަތަރު ދުވަސް ވާންދެން އޮތް ކަމަށާއި އެކަމަކު ހަށިގަނޑުގެ ހަރަކާތް ކެނޑި ހާލު މާ ގޯސްވާން ފެށުމުން އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ޑޮކްޓަރުގެ ހުއްދައަށް އެދުނު ކަމަށެވެ. އެކަމަކު ކުޑަކުޑަ ކަމެއް ބޮޑު ކުރަނީ ކަމަށާއި ބޭރަށް ގެންދިޔުމަކީ ބޭކާރު ކަމެއް ކަމަށް ބުނެ ޑޮކްޓަރު ރުޅިގަދަވެގެން އޭނާއާ ވާހަކަ ދެއްކި ކަމަށް ފުއާދު ބުންޏެވެ.
ކުޑަކުއްޖާ ބޭރަށް ގެންދަން ހުއްދަ ދިނުމުގެ ސިޓީގެ ކޮޕީއެއް "މިހާރު"އަށް ލިބިފައިވާއިރު އޭގައި އޮތީ ވެސް އޭނާގެ ހާލު ރަނގަޅު ކަމަށާއި ބެލެނިވެރިންގެ އެދުމަށް ރާއްޖޭން ބޭރަށް ފޮނުވަނީ ކަމަށެވެ.
އައިޖީއެމްއެޗުން ދޫކޮށްލުމާއެކު ފުއާދު އޭނާގެ ދަރިފުޅު ގެންދިޔައީ ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލަށެވެ.
ކުޑަކުއްޖާ ބޭރަށް ފޮނުވަން އައިޖީއެމްއެޗުން ދީފައިވާ ލިޔުން
"އެތަނުގެ ޑޮކްޓަރުން ބުނީ ދަރިފުޅުގެ ކަރުތެރެ ވަަރަށް ބޮޑަށް އިންފެކްޓްވެފައިވާ ކަމަށް. މި އިންފެކްޝަންގެ ސަބަބުން ސިކުނޑިއަށް އެކަށީގެންވާ ވަރަށް ލޭ ނުފޮނުވި ސިކުނޑިން ސިިގްނަލް ފޮނުވުން ހުއްޓިފައިވާ ކަމަށް ވެސް ބުނި،" ވެކްސިނެއްގެ ސަބަބުން މީގެ ހަ އަހަރު ކުރިން ހަ މަހުގެ ދަރިއެއް ވެސް މަރުވެފައިވާ ފުއާދު ބުންޏެވެ.
ޓެސްޓުތައް ހެދި އިރު ކުޑަކުއްޖާގެ ހާލު ސީރިއަސް އެވެ. އިންފެކްޝަނުގެ އަސަރު އޭނާގެ މައިބަދަ އަށާއި ނޭވާހޮޅި އަދި ލޮލުގެ ނާރުތަކަށް ކޮށްފައިވާއިރު، ނިއުރޯ މައިލީޓިސް އޮޕްޓިކާ ކިޔާ ބައްޔެއް ވަނީ ދެނެގަނެވިފަ އެވެ. މިއީ އާއްމުކޮށް ނުފެންނަ އެކަމަކު ހާލު ވަރަށް ސީރިއަސް ވެދާނެ ބައްޔެކެވެ.
"މީގެ ސަބަބުން ދަރިފުޅުގެ ލޮލެއް ނުހުޅުވޭ. އަނގައެއް ނުހުޅުވޭ. ތަނެއްގައި އިށީނދެގެން ނީނދެވޭ. ހަށިގަނޑުގެ ގުނަވަންތަކަށް ސިކުނޑިން ސިގްނަލެއް ނުފޮނުވާ،" ފުއާދު ބުންޏެވެ.
އޭނާ ބުނީ ބަލި ރަނގަޅު ކުރެވެން އޮތީ އެއް އަހަރު ވާންދެން އެންޓި ބޮޑީސް ޓްރީޓްމަންޓް ދީގެން ކަމަށާއި އެހެން ނޫނީ އެ ބަލީގެ އަސަރު އަލުން ކުރުމުގެ ފުުރުސަތު އޮތް ކަމަށެވެ.
ފުއާދުގެ އާއިލާއިން މިހާރު ތައްޔާރު ވަނީ އެ ފަރުވާ ކުރުމަށް އިންޑިއާއަށް ދިޔުމަށެވެ.
އޭނާ ގަބޫލު ކުރާގޮތުގައި ދަރިފުޅުގެ ހާލު އެހާބޮޑަށް ދަށްވީ އާދައިގެ ހުމެއް ކަމަށް ބަލައި އައިޖީއެމްއެޗުން އަޅާ ނުލުމުންނެވެ. އެހެންވެ، އެއީ ސިއްހީ އިހުމާލުގެ މައްސަލައެއްގެ ގޮތުގައި ބަލައި، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗުން ބުނީ އެ މައްސަލަ ރަސްމީކޮށް އެ ހޮސްޕިޓަލަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
އައިޖީއެމްއެޗްގެ ޑިރެކްޓަރު ޕަބްލިކް ރިލޭޝަންސް އަހްމަދު މައުސޫމް ވިދާޅުވީ ބައްޕަގެ ޝަކުވާތައް ސޯޝަލް މީޑިއާއިން ފެނިގެން އެކަން ހިނގައިދިޔައީ ކިހިނެއްކަން ސާފުކޮށްދިނުމަށް ހުށަހަޅާފައިވާ ކަމަށާއި އެކަމަކު ރަސްމީކޮށް އެތަނުން މައްސަލަ ނުބަލާ ކަމަށެވެ.
"މި ފަަދަ މައްސަލައެއް ކުރިމަތިވެގެން އެކަން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްފި ނަމަ މިތަނުން މައްސަލަ ބަލާނެ. އަދި އެއީ އިހުމާލެއް އޮތް ކަމަށް ވާނަމަ އެކަމުގެ ފިޔަވަޅު ވެސް އަޅާނެ،" މައުސޫމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީފުކުލީފުކު
23 January 2018
ހުސް ސަބްސްޓޭންޑަޑް ބަންގާޅީ ޑޮކްޓަރުން ލައިގެން މިހާރު އައި.ޖީ.އެމް.އެޗް ހިންގަނީ. ދަސްކުރާ ފެންވަރު ޑޮކްޓަރުން. ދިވްހިންނަށް ވުރެ އަވަހަށް އިމަރޖެންސީއަށް ދާ ބަންގާޅު މީހާ ބެލާނެ. އެހެންތާ ވާނީ. އެބަހަށް އެމީހުން ފަރިތަވާނީ ވެސް. ތިޔަ ބަންގާޅީ ޑޮކްޓަރުންނަކަށް އަހަރަމެން އިތުބާރެއް ނުކުރަމު. ވަރަށް ސަލާމް
އަބްދުއްލާ
23 January 2018
ޑޮކްޓަރުންނަކީ މީހާ ފެންނަ އިރަށް އެމީހެއްގެ ބަލި އެގޭބައެއްނޫން .އެމީހާ އަށް ވާހުރިހާގޮތްތަށް ކިޔާދިނީމަ ޑޮކްޓަރަށް އެގޭނީ މިކަންމިދިމާވަނީ މިވެނިކަމެއްވީމައޭދެންމިދެނީބޭސް އާދައިގެ ހުމެއްނަމަ 3ދުވަހުންރަނގަޅުވާނެ. 3 ދުވަހުން ރަނގަޅު ނުވިނަމަ މައްސަލަ އެއް އުޅެނީ ދެން ޑޮކްޓަރު ބަލާނީ ސައްކުކުރެވޭ ކަންކަމަށް ޓެސްޓް ހެދުމަށް. ވީމާ ޑޮކްޓަރަށް މައުލޫމާތު ދިނުމަކީ ކޮންމެހެމް ކުރަންޖެހޭކަމެއް.
ދަ ރޮކް
22 January 2018
އެއްފަހަރު މަ ދިޔައިން ތިތަނައް އަތުގަ ރިއްސާ ވަރުން ކުޅެނިކޮ ވެއްޓިގެން ..ދެއްކީމަ އެކްސްރޭ ނަގާފަ ބުނީ ނެތޯ ކަމެއް . އެއްޗެއް އުނގުޅަން ދިނީ..ހަމަ ހިލާ ކެތެއް ނުވެގެން ތަދުވާތީ އެހެން މީހަކަށް ދެއްކީމަ ބުނީ އިޓްސް އަ ކުރެކް އޯ !
އަބްދުއްލާ
22 January 2018
ހުން އަންނަ ކުއްޖާގެ ބެލެނިވެރިޔާ ދޭ މައުލޫމާތަށް ޑޮކްޓަރު ބޭސްދޭނީ އާދައިގެ ހުމަށް ބޭސްދީ 3 ދުވަހުން ރަނގަޅުނުވާނަމަ ޓެސްޓް ހަދަން އެންމެންގާތު ވެސް ބުނާނެ.
ހަސަނޫ
22 January 2018
ކީޭއްވެހޭ ރަނގަޅު ފެންވަރުގެ ޓެސްޓޤ ނެހެދެނީ. ކީޭއްވެހޭ ޓޭސްޓޤ ނަހަދާ ބުނަނީ ކޮން ހުމެއްތޯ. ސާފު މައުލޫމާޓު ދޭށޭ.
ނުދަންނަމީހާ
22 January 2018
ހުށައެޅިޔަސް ވާނެ އެއްކަމެއް ނޯންނާނެ. ގޯސްވާނީ ވެސް ހުށައެޅިމީހާ
ހުސް ވާހަކަ
22 January 2018
ތިތާ ނެޔް އެއްޗެއް އިންގޭ އެކަކުވެސް... ޑޮކްޓަރުން ނޭ ކިޔާފަ ތިބެނީ ނަރުސް ފެންވަރުގެ މީހުން... ގައުމުގެ ހާލަތު...
ފީފާ
23 January 2018
ޢަހަންނަށް ހީވަނީ ކަލެއާއި ހަވާލު ކުރަނިކޮށް ހުރިހާ ކަމެއް ރަގަޅު ވާނެހެން. ާއކަމަކު މައްސަލަ އަކީ ކަލޭ ގްރޭޑް 10 އާއި ހަމަޔަށް ވެސް ނުކިޔަވާބހުރިކަން.
ޑފގގހ
22 January 2018
ނޭނގުނީއޭ؟ ބަލަ ޑަކުޓަރީކަން ކިޔަވަނީ އެނގެން! ނޭނގެންޏާ ބަލިމީހުން ނުބަލައި އެހެން މަސައްކަތެއް ކުރަން ދާނީ. އިންސާނުންގެ ފުރާނަޔާ ކުޅޭނީއެއް ނޫން. ނޭނގުނީއޭ؟ ލަދުކޮބާ؟
ޗިކުސް
22 January 2018
ސޯޝަލް މީޑާއިން ފެނުނީމަތަ ، ތިކަންފާހަގަ ކުރެވުނީތީ ހިތާމަކުރަން ، ތިތަނުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކިތެއް މައުސޫމް ކުދިންގެ ފުރާނަ ގޮސްފައިވޭތޯ؟ ކޮންމެ މީހަކީ ސޯޝަލް މީޑިއާގަ ޝޫރުފާޅުކުރެވޭނެ މީހެއް ނޫން. ވެރިން ވެރިންގެ ފުރިހަމަ ޒިންމާ އަދާކުރައްވާ.
އިސްމާއިލް އަބުދުﷲ
22 January 2018
ކިހާދެރަ އިރާދަ ކުރެއްވިއްޔާ ތިޔަ ދަރިފުޅަށް މާތް ﷲ ޝިފާ ދެއްވާނެ