އެތައް އޮފީހަކަށް ހިނގައިފި، އިއްތިހާދުގެ ޖަލްސާ އަށް އަދިވެސް ތަނެއް ނުލިބޭ!

އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއް ބާއްވާނެ ތަނެއް ނުލިބިގެން ހައުސިން މިނިސްޓްރީ އާއި އިލެކްޝަންސް ކޮމިޝަންގެ ވެރިންނާ، އިދިކޮޅު ބައެއް ބޭފުޅުން އިއްޔެ ބައްދަލުކުރައްވައިފި އެވެ.


އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު މުސްތަފާ ލުތުފީ ވަނީ ހައުސިން މިނިސްޓްރީ އަށް ވަޑައިގެން އިއްތިހާދުގެ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ހޯދަން މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މީގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ވަނީ އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުންނާ ބައްދަލުކުރައްވައި، ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުލިބުމުގެ ޝަކުވާ ކުރައްވައިފަ އެވެ.

މުޒާހަރާއެއް ކޮންޓްރޯލްކުރުމުގައި ފުލުހުން ހަރަކާތްތެރިވާއިރު ނިޔާޒް ކުރީ ސަފުގައި. މާދަމާ ރޭގެ ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)

އިއްތިހާދުގެ ޖަލްސާ މާދަމާ ރޭ ބާއްވަން ކާނިވާ ސަރަހައްދު ދޫކޮށް ދިނުމަށް އެދި އެމްޑީޕީން ސިޓީ ފޮނުވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު ކާނިވާ ސްޓޭޖް ސަރަހައްދު ކުއްޔަށް ހިފާފައިވާ ފަރާތަށް އެހެން ބަޔަކަށް ހުއްދަ ދޫކުރެވޭނީ، ހައުސިން މިނިސްޓްރީގެ ރަސްމީ ހުއްދައެއް ލިބިގެން ކަމަށްވެ އެވެ.

ނިޔާޒް މިއަދު ވިދާޅުވީ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ދޫކުރުމުގެ ހުރިހާ ބާރެއް އޮތީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ކަމަށެވެ. އަދި އެ ސަރަހައްދު އެހެން ބަޔަކަށް ދީފައި ނުވާތީ ހުއްދަ ލިބޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިއަދު ޖަވާބެއް ދެއްވާނެ ކަމަށް މިނިސްޓްރީން ބުނީ. މިއަދު ވެސް މިނިސްޓްރީ އަށް ދާނަން. އެތަން ނުލިބިއްޖެ ނަމަ ޖަލްސާ ބާއްވާނެ ތަނެއް މިއަދު އިއުލާން ކުރާނަން،" ނިޔާޒް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޖަލްސާ ބާއްވާނެ ތަނެއް ނުލިބޭ ކަމަށް ބުނެ އެކަމުގެ ޝަކުވާ ހުށަހެޅީ ޖަލްސާ ބާއްވަން ވަރަށް ކައިރިވެފައި އޮއްވާ ކަމަށެވެ.

އެމްޑީޕީގެ ދެ މެމްބަރަކު އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުންނާ އިއްޔެ ބައްދަލުކުރައްވަނީ. ސިޔާސީ ހަރަކާތްތައް ނުހިންގޭތީ އިދިކޮޅު ފަރާތްތަކުގެ ޝަކުވާތައް ވަނީ ބޮޑުވެފައި. - ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ވަނީ ޖަލްސާ ބާއްވާނެ ތަނެއް ހޯދަން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީގެ ކޮޕީއެއް ނުރަސްމީކޮށް ކޮމިޝަނަށް ފޮނުވައިފަ އެވެ. އެ ސިޓީއާ ގުޅިގެން ހައުސިން މިނިސްޓްރީއާ ގުޅިގެން އެމްޑީޕީއަށް ތަނެއް ހޯދައިދޭން މަސައްކަތް ކުރި ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް މިއަދު ޖަވާބެއް ދެއްވާނެ ކަމަށް މިނިސްޓްރީން ބުނީ. މިއަދު ވެސް މިނިސްޓްރީއަށް ދާނަން. އެތަން ނުލިބިއްޖެ ނަމަ ޖަލްސާ ބާއްވާނެ ތަނެއް މިއަދު އިއުލާން ކުރާނަން. --ނިޔާޒް

އިއްތިހާދުގެ ޖަލްސާ ބޭއްވުމަށް މަގުފަހިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ ކަންކަން ހަލުވިކަމާ އެކު ކުރާނެ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.

"ސިޓީގެ ޖަވާބެއް ނުލިބުނީމަ، ދުރާލާ އަންގަން ޖެހޭނެ. ރަސްމީކޮށް ކޮމިޝަނާ ކަންކަން ހިއްސާ ކުރީމަ ޕާޓީތަކުން އެދޭ ކަންކަން އެހެން އިދާރާތަކާ ގުޅިގެން އަޅުގަނޑުމެންނަށް ކޮށްދެވޭނީ،" އަކްރަމް ވިދާޅުވި އެވެ.

އެއްވެ އުޅުމަކީ ގާނޫނުއަސާސީ އާއި އެއްވެ އުޅުމުގެ ގާނޫނުން ލިބިދޭ ހައްގަކަށް ވިޔަސް ފަހަކަށް އައިސް އެ ފުރުސަތު ފުލުހުން ނުދޭކަމުގެ ޝަކުވާ ވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ އުފުލަމުންނެވެ. އަދި ޕާޓީތަކުގެ ޖަލްސާ ބާއްވަން އެއްވެސް ތަނެއް ދޫނުކުރާ މައްސަލަ ވެސް އެ މީހުން ނަގަ އެވެ.

ޖަލްސާތައް ބޭއްވުމުގެ ހުއްދަ ނުދެނީ، އިދިކޮޅު ސިޔާސީ ފަރާތްތަކަށް ހުރަސް އަޅަން ކަމަށާއި ހުއްދަ ނުދޭކަން އިލެކްޝަންސް ކޮމިޝަނާއި ފުލުހުންނަށް ވެސް އެނގޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.