އީސީ މިނިވަން ނަމަ ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރާނަން: އެމްޔޫއޯ

އިލެކްޝަންސް ކޮމިޝަން (އީސީ) އަކީ މިނިވަން ތަނެއް ނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.


އެމްޔޫއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެ އިއްތިހާދުން އުފައްދާފައިވާ ހިޔަނި ކެބިނެޓުގެ ޓޫރިޒަމް އެންޑް ގެސްޓްހައުސް މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވާން އިދިކޮޅު ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ހަމައެކަނި ނަމުން މިނިވަން ކޮމެޝިންތަކެއް ކަމަށާއި އެތަންތަނުގެ ބޭނުމެއް ނެތް ކަމަށެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން އަމާޒު ހިފާފައި ހުރީ ކޮމިޝަންތައް މިނިވަންކޮށް އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މަގުފަހިކުރުމަށްކަން މަލީހު ފާހަގަކުރެއްވި އެވެ.

"ރާއްޖޭގެ މިނިވަން މުއައްސަސާތައް މި އޮތީ ނިދާފައި. އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް،" އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހިޔަނި ކެބިނެޓުގެ ހެލްތް މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ، އަދާލަތު ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަނުކުރަން ނިންމީ އިންސާފުވެރި އިންތިހާބަހަކަށް ފަހިވާނެ މާހައުލެއް ރާއްޖޭގައި ނެތުމުން ކަމަށެވެ. ނަމަވެސް އިންތިހާބުގައި ބައިވެރިނުވިކަމުގައި ވިއަސް އިދިކޮޅު ކޯލިޝަނާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އީސީން އަމަލުކުރަމުން އަންނަގޮތުން ވަކި ބަޔަކަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށްދޭން ކުރެވެން އޮތް މަސައްކަތެއް ކުރާތަން ފެންނަ ކަމަށާއި އެހެންކަމުން އެފަދަ އިންތިހާބެއްގައި ބައިވެރި ނުވާން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ނިންމައިފަ އެވެ.

ޝިދާތާ ވިދާޅުވީ އިންތިހާބުގައި ބައިވެރިނުވުމަށް ނިންމި ނިންމުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެ އިންތިހާބު ކާމިޔާބުކުރުމުގައި އެމްޑީޕީއަށް އެއްބާރުލުން ދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިވަން މުއައްސަސާތައް މިނިވަން ކުރުމަށް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ކުރާނަން. އަދި އަޅުގަނޑުމެން މި ޕާޓީ، ކޯލިޝަން ފެންނަނީ ކުރިއަށް ވުރެ ވެސް ވަރުގަދަކޮށް،" ޝިދާތާ ވިދާޅުވި އެވެ.