ވޯޓު ވަގަށް ނެގިޔަ ނުދޭން އެންމެން ވޯޓު ލާން އެމްޔޫއޯ އިން ގޮވާލައިފި

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި "ވޯޓު ވަގަށް ނެގުމުގެ ފުރުސަތު" ނުލިބޭނީ އެންމެން ވޯޓުގައި ބައިވެރިވެގެން ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.


އެމްޔޫއޯ އިން އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މާލޭގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވާ މީހުންގެ އަދަދު މަދުކަން ފާހަގަކުރެވޭ ކަމަށެވެ. މުއްދަތު ހަމަވުމުގެ ކުރިން ވޯޓުލާން ރަޖިސްޓްރީވުން މުހިއްމު ކަމަށާއި އެއީ ވޯޓު ވަގަށް ނެގުމުގެ ފުރުސަތު ސަރުކާރަށް ނުދޭންވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވޯޓުލާން ނިކުމެ މި ވޯޓުގައި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެމްޔޫއޯގެ ޝެޑޯ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ކައުންސިލް އިންތިހާބަށް ތައްޔާރުވާން ކުރާ މަސައްކަތުގައި ވެސް ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން ފެކްޝަން ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ހުރަސްތައް ކުރިމަތިވާ ގޮތަށް ސަރުކާރުން ކަންކަން ކުރަމުންދާ ކަަމަށެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ދަރުބާރުގޭގެ ބޮޑު ހޯލެއް ދޫކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ޖަލްސާއެއް ބާއްވާނެ ތަނެއް ވެސް ނުދޭ ކަމަށެވެ. އެމްޔޫއޯގެ ޖަލްސާއެއް ބާއްވަން ކާނިވާ ދޫކޮށްދޭން އެދިފައިވީ ނަމަވެސް ހައުސިން މިނިސްޓްރީގެ ޖަވާބެއް ލިބިފައި ނުވާ ކަަމަށް މަލީހް ވިދާޅުވި އެވެ.

"ރައްޔިތުން ވޯޓު ދެއްވަން މި ޖެހެނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް، ހައުސިން މިނިސްޓްރީއާ ދެކޮޅަށް. ސަރުކާރުގެ މުއައްސަސާތަކާ ދެކޮޅަށް. ދަރުބާރުގެއާ ތަންތަން ހައިޖެކް ކުރައްވައިގެން އުޅުއްވާއިރު އެއީ އެ ބޭފުޅުންގެ ތަރިކަ މުދަލެއް ނޫން. ގާނޫނު އަސާސީއާ މުޅިން ހިލާފަށް ކުރާ ކަމެއް އެއީ،" އޭނާ ވިދާޅުވި އެވެ.

މަލީހް ވިދާޅުވި ގޮތުގައި ހަމައާ އިންސާފުން ބޭރުގައި ރައްޔިތުންގެ މުދާ ބޭނުންކުރާ މައްސަލާގައި ފިޔަވަޅު އަޅާނެ ދުވަހެއް އަދި އަންނާނެ އެވެ.

ޝެޑޯ ކެބިނެޓުގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ ސަރުކާރުގެ ބާރުވެރިކަން ދައްކައި ރައްޔިތުންގެ ހައްގުތަކުގައި އަތް އަޅައިގެން ތިއްބަސް ވޯޓުގައި ރައްޔިތުންގެ ބާރުވެރިކަން ފެންނާނެ ކަމަށެވެ. ކައުންސިލް އިންތިހާބުގައި ވަރަށް ރަނގަޅަށް އެ މަންޒަރު ދެއްކުމަށް އޭނާ ވެސް ގޮވާލެއްވި އެވެ.

ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި ވަނީ ޖެނުއަރީ 14 ގަ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.