ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކޮށްފައިވާ މައްސަލާގައި، އޭނާގެ ދައްތަ ޔުމްނާ މައުމޫން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެޗްއާރްސީއެމްގެ މެންބަރުންނާ ބައްދަލު ކުރެއްވީ، ފާރިސް ހުންނެވީ ގާނޫނާ ޚިލާފު ބަންދެއްގައި ކަމަށް ގަބޫލު ކުރެއްވޭތީ އާއި އެކަމުގައި ހުރި އާއިލާގެ ކަންބޮޑުވުންތައް އެ ކޮމިޝަނާ ހިއްސާ ކުރެއްވުމަށް ކަމަށެވެ.
ފާރިސްގެ ދިފާއުގައި އޭނާގެ އާއިލާއިން އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ޔުމްނާ އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރެއްވި ނަމަވެސް އޭގެ ތަފުސީލެއް އަދިއެއް ނުދެއްވަ އެވެ.
ހަ މަސް ދުވަހު ޖަލުގައި ބަންދުކޮށް އަދި ކްރިމިނަލް ކޯޓުން ދޫކޮށްލިތާ ދެ ދުވަސް ފަހުން މިދިޔަ ހޮނިހިރު ދުވަހު އަލުން ފާރިސް ހައްޔަރުކުރީ މަޖިލީހުގެ މެމްބަރުތަކަކަށް ފައިސާ ބެހި ކަމަށާއި މަޖިލީހުގެ މެމްބަރުންތަކަކާ ގުޅިގެން ވެރިކަން ވައްޓާލަން ގާނޫނާ ހިލާފަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ. އަދި އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ފާރިސްގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.
ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އަދި ފާރިސްގެ ފޯނު ހިފަހައްޓަން ނެރުނު އަމުރު ވަނީ އިސްތިއުނާފްކޮށްފަ އެވެ.
ފާރިސް ބަންދުކުރަން ނެރުނު އަމުރު އިސްތިއުނާފަށް ހުށަހެޅިއިރު، އޭނާ ހައްޔަރު ކުރަން ނެރުނު އަމުރު ވެސް އިއްޔެ ވަނީ ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. އަދި ފާރިސް ބަންދު ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، އޭނާ ބަންދުން ދޫކުރުމުގެ އަމުރަކަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ވެސް ފާރިސްގެ ވަކީލުން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.
ފާރިސް ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅުއްވާ މ. ސްނޯރޯސް އާއި އޭނާގެ ބައްޕާފުޅު އަދި މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެ ވެސް ފުލުހުން ވަނީ ފާސްކޮށްފަ އެވެ.