ދަރުބާރުގޭ ކުލިން ދެ މިލިއަން ރުފިޔާ ނުލިބި އެބައޮތް: އޮޑިޓް

އެކި ބޭނުންތަކަށް ދަރުބާރުގެ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ދެ މިލިއަން ރުފިޔާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.


އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި މިއަދު ނެރުނު ހައުސިން މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނީ، ދައުލަތުގެ ތަންތަނުން ކުރާ މަސައްކަތަށް ނުވަތަ ދޭ ހިދުމަތްތަކަށް ލިބެން ޖެހޭ އަގު، އެކަމެއް ނިމުނު ދުވަހުން ފެށިގެން މަސް ދުވަހުގެ ތެރޭގައި ހޯދަންވާނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. އެކަމަކު ހައުސިން މިނިސްޓްރީގެ ދަށުން ބަލަހައްޓާ ދަރުބާރުގޭގެ މާލަންތަކާއި ތަންތަން ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ދެ މިލިއަން ރުފިޔާ، ގަވާއިދާ އެއްގޮތަށް ހޯދާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އަދި އެ ފައިސާގެ ތެރޭގައި ހިމެނޭ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ހައުސިން މިނިސްޓްރީގެ ދަށަށް ދަރުބާރުގެ ބަދަލުކުރުމުގެ ކުރިން 2010-2013 އަށް ޚިދުމަތް ހޯދާފައިވާ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާއެއް ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.

ދަރުބާރުގެ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދަން އޮޑިޓް އޮފީހުން ވަނީ ހައުސިން މިނިސްޓްރީ އަށް ލަފާ ދީފަ އެވެ.