ހުމާމްގެ ތަހުގީގާއި ޝަރީއަތް ފުރިހަމައެއް ނުވޭ، އޭނާ އަދި މަރައިގެން ނުވާނެ: ޑރ. މަޖީދު

މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމް އަހުމަދު ނުމަރާ މަޑު ކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިއަދު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަޖީދު ވިދާޅުވި ގޮތުގައި ހުމާމުގެ މައްޗަށް ގިސާސް ހިފުމުގެ މަސައްކަތް ކުރާއިރު އިސްލާމީ ޝަރީއަތުގައި ވާރިސުންގެ ބަސް ހޯދުން އޮންނަނީ ތަސައްރަފް ފުދިފައި ތިބި މީހުންގެ އެވެ. އެހެންވެ، އަފްރާޝީމްގެ ބައެއް ވާރިސުންނަށް 18 އަހަރު ފުރެންދެން ހުމާމް ނުމަރާ މަޑު ކުރަން ޖެހޭ ކަމަށް މަޖީދު ވިދާޅުވި އެވެ.

އަފްރާޝީމްގެ 18 އަހަރު ނުވާ ކުޑަ ދެ ކުދިން އެބަތިއްބެވެ.

އިދިކޮޅު އިއްތިހާދުން އެމްޑީޕީން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބާރީ (މ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ

މަޖީދު ވިދާޅުވީ ހުމާމްގެ މައްޗަށް ހުކުމް އައީ ޝަރީއަތާއި ތަހުގީގާ ގުޅޭ ގިނަ ކަންކަން ފުރިހަމަ ނުވެ އޮއްވަ އެވެ.

ތަހުގީގު ފުރިހަމަ ނުކޮށް ހުމާމް މަރަން ބޭނުން ނުވާ ކަމަށް އަފްރާޝީމްގެ ބައްޕަ އަލީ ޒާފިރު އާއި ބޭބެ އަބްދުއްނާސިރު ވަނީ ބުނެފަ އެވެ. އަފްރާޝީމް އަވަހަރާކޮށްލަން ބަޔަކު ފައިސާ ދިން ކަމަށް ފުލުހުން ބުނެފައި ވާއިރު އެއީ ކޮން ބައެއްކަން އަދިވެސް ހޯދިފައި ނުވާ ކަމަށާއި މިފަދަ އެތައް ކަމަކާ ހުރެ ތަހުގީގު ފުރިހަމަވެފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ.

މަޖީދު ވިދާޅުވި ގޮތުގައި މަރަށް މަރު ހިފުމަކީ ވާރިސުންގެ އަތުގައި އޮތް ބާރަކަށް ވާއިރު، ހުމާމްގެ މައްޗަށް ގިސާސްގެ ހުކުމް ތަންފީޒު ކުރުމުން އެ މައްސަލައިގެ އެންމެ ފުނަކަށް ނުދެވޭނެ އެވެ.

"އިސްލާމީ ޝަރީއަތުގައި ހައްދެއް ތަންފީޒު ކުރެވޭނީ އެއްވެސް މިންވަރަކަށް ޝައްކު ނުއުފެދޭ މިންވަރަށް ސާބިތުވުމުން އެކަނި،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މަރުގެ ހުކުމާ ދެކޮޅު ނުހަދާ ކަމަށާއި އެކަމަކު އެކަން ކުރަން ޖެހޭނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށް މަޖީދު ވިދާޅުވި އެވެ. އަދި މަރަށް މަރު ހިފުމަކީ ސަރުކާރުން ބޭނުންވެގެން ކުރަން އޮންނަ ކަމެއް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަފްރާޝީމް އޭނާގެ ހަގު ދަރިކަލުންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން: އަފްރާޝީމް އަވަހާރިކޮށްލިކަން ސާބިތުވާ ކަމަށް ތިން ކޯޓުން ވެސް ވަނީ ނިންމާފައި. --ފޮޓޯ: ސޯޝަލް މީޑިއާ

މަޖީދު ވިދާޅުވި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ އިތުރުން، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެ އިން ފިސްތޯލަ ފެނުނު މައްސަލައިގެ ތަހުގީގު ވެސް ފުރިހަމަވެފައެއް ނުވެ އެވެ. ނާޒިމްގެ ޑީއެންއޭ ފިސްތޯލައިގައި ނެތްކަން އެނގުނީ ހުކުމަށް ފަހު ކަމަށް ވާތީ އޭނާ އަށް އިންސާފު ލިބެން ޖެހޭނެ ކަމަށް ބާރީ ވިދާޅުވި އެވެ.

އިސްލާމީ ޝަރުއީ ނިޒާމަކީ ނުފޫޒުން އެއްކިބާވެފައިވާ ނިޒާމެއް ކަމަށާއި ރާއްޖޭގެ ގާނޫނުތަކުން ވެސް އެކަން ކަށަވަރު ކޮށްދޭކަން މަޖީދު ފާހަގަކުރެއްވި އެވެ. އެކަމަކު، ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރާފައިވާ މިންވަރު ކަންބޮޑުވާ ދަރަޖަ އަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުމާމްގެ މައްޗަށް ކުރި ޝަރީއަތުގައި ހުރި ބޭއިންސާފު ކަމަށް ބުނާ ކަންކަން އެކި ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އޭގެ ތެރޭގައި، މަޖުބޫރުކޮށްގެން ހުމާމް ކުށަށް އިއުތިރާފް ކުރުވާފައިވާ ކަމަށް ބުނުމާއި ހުމާމް އަނބުރާ ގެންދިޔަ އިއުތިރާފު ބަޔާން ޝަރީއަތަށް ބަލައިގަތުމާއި ހުމާމްގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް އާއިލާ އިން ބުންޏަސް އެކަން ބަލާފައި ނުވުން އަދި ހުމާމް މެރުން ފަސް ކުރަން އަފްރާޝީމްގެ އާއިލާ އިން އެދުނު އެދުމަށް އިޖާބަ ނުދިނުން ހިމެނެ އެވެ.

ހުމާމްގެ ތަހުގީގު ހިންގި އިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ރިޔާޒު އިއްޔެ "މިހާރު" އަށް ވިދާޅުވީ ހުމާމަށް އެއްވެސް ގޮތަކުން މަޖުބޫރުކޮށްފައި ނުވާނެ ކަމަށެވެ. އަދި އަފްރާޝީމް މަރާލިކަން އޭނާގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތުމަށް ފަހު އެކަން ކުރަން އުޅޭތީ ބޭރުގެ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އދ. އާއި އީޔޫގެ އިތުރުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިމެނެ އެވެ. މީގެ އިތުރުން، ބޭރުގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ތޯރިގު ރަމަޟާން ވެސް ވަނީ ހުމާމް މެރުން އިސްލާމީ ޝަރީއަތާ ހިލާފު ކަމަށް ވިދާޅުވެފަ އެވެ.