އަދީބު، ހުމާމާ ބައްދަލުކުރުން: އާދައިގެ ކަމެއް ނޫން!

ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިނުގެން ހާދަ ބޮޑެތި ޖަރީމާތަކެއް ސަރުކާރުގެ ތެރޭގައި ހިންގައިފި އެވެ؛ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތެވެ. ރިޝްވަތު ހުށަހަޅައިގެން ފުލުހުންގެ މުއައްސަސާ ކޮރަޕްޓުކޮށްލުމެވެ. މިދިޔަ އާދީއްތަދުވަހު އާ ކަމެއް، އަނެއްކާވެސް އާއްމުންނާ ހިއްސާކުރެއްވި އެވެ؛ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލް، ހުސެއިން ހުމާމް، ޖަލުން ނެރެ ރިސޯޓަކަށް ގެންގޮސް ދައުލަތުގެ އިސް ވެރިއަކު އޭނާއާ ބައްދަލުކުރެއްވި ވާހަކަ އެވެ.


އެ ވާހަކަ ފައްޓަވަމުން ރައީސް ވިދާޅުވީ، އެއީ ދައްކަން ފަސޭހަ ވާހަކައެއް ނޫން ކަމަށެވެ. އެކަމަކު ހިނގާފައި އޮތް ކަމަކަށް ވާތީ، ފުލުހުން ތަހުގީގު ފަށައިގެން އުޅޭ ކަމަށް ވިދާޅުވި އެވެ. އެ ތަހުގީގު ކުރަން ފުލުހުންނަށް އެންގެވީ، އެ ބައްދަލުވުމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންނެވުމުން ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ ކުރިން، ފުލުހުންގެ އިންޓެލިޖެންސާއި ހޯމް މިނިސްޓްރީ އާއި ގައިދީން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ ތިބި ކަރެކްޝަނަލް ސާވިސް އޮތީ "ނިދައިފަ" އެވެ. ސަރުކާރުގެ ބައެއް ދާއިރާތައް ހާދަ ދޯދިޔާ އެވެ. ބޮޑެތި ޖަރީމާތައް ހިންގާއިރު، އަޅައެއް ނުލަ އެވެ.

ސިއްރު ބައްދަލުވުމެއް ހުމާމާ އެކު ބޭއްވެވި ކަމަށް ތުހުމަތުކުރަނީ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށެވެ.

ޕީޕީއެމުން މިދިޔަ އާދީއްތަ ދުވަހު ސްޓެލްކޯގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާ ކުރިން އަޑު ފެތުރުނު، އޭރު އަޅާނުލީ ކީއްވެ؟

ނައިބު ރައީސް ކަމުގައި ހުންނަވައި، އެއީ ވެސް އަދީބު ހިންގެވި ޖަރީމާއެއް ކަމަށް ދޭހަވާ ގޮތަށް ރައީސް އެ ވާހަކަފުޅު ދެއްކެވިއިރު، މިއީ އާއްމުންނަށް އާ ވާހަކައެއް ނޫނެވެ. ސޯޝަލް މީޑިއާގައި މި ތުހުމަތު އަދީބުގެ މައްޗަށް މާ ކުރިން ވެސް ކުރި އެވެ. އެ ބައްދަލުވުމުގެ ހަގީގަތް ހާމަކޮށްދޭން، އެކި މީހުން އަޑުއުފުލި އެވެ. ސިޔާސީ ބައެއް ވެރިން ޕޯޑިއަމްތަކުގައި ވެސް ސަރުކާރަށް ފާޑުކިޔެވެ.

އެކަމަކު، އޭރު އަޅައެއް ނުލި އެވެ. ސީރިއަސް ތުހުމަތަކަށް ވެގެން ތަހުގީގެއް ނުކުރި އެވެ. އަފްރާޝީމް އަވަހަރާކޮށްލި މައްސަލަ ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރާ ކަމަށް ބުނާއިރު، އޭރު އެ މައުލޫމާތުތައް މުހިއްމެއް ވެސް ނުވި އެވެ.

އަޑުއެހުމަކަށް ހުމާމް ކޯޓަށް ވައްދަނީ. --ފޮޓޯ/މިހާރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި އަދީބު، ހުމާމާ ބައްދަލުކުރެއްވި މައްސަލަ ތަހުގީގު ފެށީ، ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާ އަށް ފަހު އެވެ. ޚާލިދު ބިން ވަލީދުގެ ގޮތުގައި ރައީސް ސިފަކުރެއްވި އަދީބު ގޯސްވީ އެ ހިސާބުންނެވެ. ފުލުފުލުގައި އެތައް ކުށެއްގެ ތުހުމަތާ އެކު އަދީބގެ މައްޗަށް ތަހުގީގު ހިންގަން ފެށީ ވެސް އެ ހިސާބުންނެވެ.

މައްސަލައަކީ، އޭގެ ކުރިން މިކަމާ މެދު ފަރުވާ ކުޑަކުރުމެވެ. ސޯޝަލް މީޑިއާގައި މި ވާހަކަ ފަޅާއަރުވާލުމާ އެކު ތަހުގީގުކުރަން ފުލުހުންނަށް ރައީސް ނޭންގެވީ ކީއްވެ ހެއްޔެވެ؟ ފުލުހުންގެ އިންޓެލިޖެންސަށް މި މައުލޫމާތު އޭރު ނުލިބެނީ ހެއްޔެވެ؟ ލިބިފައި އޮތް ނަމަ، އަޅާ ނުލީ ކީއްވެ ހެއްޔެވެ؟ ހުމާމް ބެލެހެއްޓި ކަރެކްޝަނަލް ސާވިސްގެ ޒިންމާ ކޮބައި ހެއްޔެވެ؟ އެތަނުން އޭނާ ނެރުނު އޮފިސަރުން ކޮބައި ހެއްޔެވެ؟ ޖަލު ބެލެހެއްޓެވުމާ އޭރު ހަވާލުވެ ހުންނެވި އިސް ވެރިޔާ އަށް މި ޖަރީމާގެ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވަނީ ހެއްޔެވެ؟

ހުމާމް ބަހައްޓާފައި ހުރީ، މާފުށީ ޖަލުގެ ހައި ސެކިއުރިޓީ ގޮޅިއެއްގަ އެވެ. ވަށައިގެން ސީސީޓީވީ ކެމެރާ ހުރެ އެވެ. އޭނާ އެތަނުން ނެރުނު މަންޒަރު ސީސީޓީވީ އަށް ވެސް ނާރަނީ ހެއްޔެވެ؟

ނޭނގި މިވަރުގެ ކަމެއް، ގަބޫލުކުރަން ދަތި!

އަދީބާއި ހުމާމުގެ ސިއްރު މި ބައްދަލުވުމަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލެވޭކަށް ނެތެވެ. އަފްރާޝީމްގެ މަރާ ގުޅޭ ތުހުމަތުތައް އެއަށް ވުރެ މާ ސީރިއަސް އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި، ހުމާމްއާ އަދީބު ބައްދަލުކުރެއްވި މައްސަލަ ތަހުގީގު ކުރަން އެންގެވީ، އެމަނިކުފާނަށް އެނގިވަޑައިގެން ކަމަށް ރައީސް ވިދާޅުވުމަކީ ވެސް ހެއްދެވި އިތުރުފުޅެކެވެ.

މާފުށީ ޖަލު: ހުމާމް މިތަނުގައި ހުއްޓައި ނެރެގެން ރިސޯޓަކަށް ގެންދިޔައީ ގާނޫނާ ޚިލާފަށް.-- ފޮޓޯ: ކެވިންޓިއޯ.ބްލޮގްސްޕޮޓް.ކޮމް

"ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި މީހަކު ރޭގަނޑު ދަންވަރުގެ ވަގުތެއްގައި ވިއަސް އަދި އެހެން ގަޑިއެއްގައި ސިއްރިޔާތުގައި ގެންދެވޭނީ ހަމައެކަނި ކަރެކްޝަންސްގެ މީހުންނަށް އެކަނި އެނގިގެންނެއް ނޫން. އެ ސަރަހައްދުގައި ފުލުހުން ވެސް ތިބޭނެ. ވަރަށް ގިނަ ދިމާލުން ކޯޑިނޭޓުވެގެން އެ ވަރުގެ ކަމެއް ކުރެވޭނީ،" ރިޔާޒް ވިދާޅުވި އެވެ.

"ސީރިއަސް މައްސަލައެއް އެއީ. އަމުދުން ކެބިނެޓުގެ މިނިސްޓަރަކު ބައްދަލުކުރުން. ސުވާލަކީ އެވަރުގެ ކަމެއް ރައީސުލް ޖުމްހޫރިއްޔާ އަށް ނޫނީ ހޯމް މިނިސްޓަރުގެ އެއްވެސް އިރުޝާދެއް ނެތި، އެހެން މިނިސްޓަރަކަށް އެކަން ކުރެއްވިދާނެތޯ؟ ނުވަތަ ކުރާނެތޯ؟ އެވަރުގެ ރިސްކެއް މުއައްސަސާތަކުން ނަންގަވާނެތޯ؟"

އަދީބުގެ އެ ބައްދަލުވުމަކީ ވެސް އެމަނިކުފާނަށް އެނގިވަޑައިނުގެން ހިނގި ކަމެއް ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅަށް ފާޑުވިދާޅުވަމުން ރިޔާޒް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ރައީސަށް އެނގިވަޑައިގެން ހިނގި އެއް ކަމެއް ވެސް ނެތް ކަމަށެވެ.

"ހިނގާފައިވާ އެއްވެސް ގޯސް ކަމަކީ އެމަނިކުފާނަށް އެނގިވަޑައިގެން ހިނގާފައިވާ ކަންކަމެއް ނޫން. ރަނގަޅު ކަމެއް ވިއްޔާ އެއީ ހަމަ އެމަނިކުފާނުގެ ދުރު ވިސްނުން، މޮޅުކަން،" ރިޔާޒް ވިދާޅުވި އެވެ.

ބޭނުމަކީ ހުމާމް ލައްވައި ވަކި ގޮތަކަށް ވާހަކަ ދެއްކުންތަ؟

އަދީބު، ހުމާމްއާ އެކު ބޭއްވެވި ސިއްރު ބައްދަލުވުމުގެ މަގްސަދު ސާފެއް ނޫނެވެ. އެކަމަކު މި ބައްދަލުވުން ބޭއްވި ކަމަށް ރައީސް ވިދާޅުވިއިރު، އަފްރާޝީމްގެ މަރުގެ ހަގީގަތް އެނގޭނީ ރައީސް ޔާމީނާއި އަދީބަށް ކަމަށް ޝަރީއަތުގެ އަޑުއެހުމެއްގައި ހުމާމް ވަނީ ބުނެފަ އެވެ. އެކަމަކު މި ބައްދަލުވުން ބޭއްވީ، ހުމާމް އެގޮތަށް ބުނުމުގެ ކުރިން ކަމެއް ނުވަތަ ފަހުން ކަމެއް ސާފެއް ނޫނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ މަގްސަދެއްގަ އެވެ. އެކަމަކު ތަހުގީގަށް ހަ އަހަރު ވީއިރު ވެސް ހަގީގީ ސަބަބު އެނގޭ ވަރެއް ނުވި އެވެ. އޭނާގެ އަވަހާރަކޮށްލަން ފައިސާ ހޭދަކުރި މީހުން ވެސް ނުހޯދުނެވެ.

ކުރީގެ ނައިބު ރައީސް އަދީބު: އެމަނިކުފާނު، ހުމާމާ ބައްދަލުކުރި މައްސަލަ އަންނަނީ ތަހުގީގުކުރަމުން.-- ފޮޓޯ: ރައީސް އޮފީސް

މި މަރުގައި މިހާ ގިނަ ސިއްރުތަކެއް ފަޅާނާރައި އޮއްވައި އަދީބު، ހުމާމާ ބައްދަލުކުރެއްވުމަކީ ޝައްކުތައް އިތުރުވާ ކަމެކެވެ. އޭގެ ބޭނުމެއް އޮންނާނެ އެވެ.

އެ ބައްދަލުވުމުގެ ހަގީގަތް އެނގުން ކޮންމެހެން ވެސް މުހިއްމެވެ. އަދީބުގެ މައްޗަށް ހަމައެކަނި ތުހުމަތުކޮށް ތަހުގީގު ކުރަމަކުން އަދި ނުނިމެ އެވެ. ބައްދަލުކުރި ސަބަބާއި ދެއްކެވި ވާހަކަތައް ވެސް ރައްޔިތުންނަށް ސާފުވާން ޖެހެ އެވެ.

މިކަން، ހަމައެކަނި އަދީބާ ހަމައިން ނިންމާލެވޭ ކަށް ނެތެވެ. އެއަށް ވުރެ އެ މައްސަލަ މާ ސީރިއަސް އެވެ.