އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ރޭ ކުރި އަމުރަށް ފަހު ވެސް ވަޒީރުން ތިއްބެވީ ރައީސް އަބްދުﷲ ޔާމީނާއެކު ކަމަށް އެބޭފުޅުން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރުމަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ރޭ ނެރުނު އަމުރުގައި ސަރުކާރަށް ވަނީ އަންގައިފަ އެވެ.
އެ ބޭފުޅުން މިނިވަން ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފައިވާ އިދިކޮޅު 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ވެސް ވަނީ ބާތިލްކޮށްފަ އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ މި އަމުރާ ގުޅިގެން، މި ސަރުކާރުގެ އެންމެ ބާރުގަދަ އެއް ވަޒީރު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، މިއީ ހިތްވަރު ދައްކަންވީ ވަގުތު ކަމަށެވެ. އަދި އިތުރު ބަޣާވާތަކަށް ފުރުސަތު ނުދެވޭނެ ކަމަށާއި މުޅި ކެބިނެޓު ވެސް އޮތީ ރައީސް ޔާމީނާއެކު ކަމަށް ޝައިނީ ވިދާޅުވި އެެވެ.
ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ގައުމު ދޫކޮށް ދިއުމުގެ އެއްވެސް ވިސްނެވުމެއް ނެތް ކަމަށާއި ހުންނެވީ ރައީސް ޔާމީނާއެކު ކަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވީި އިސްލާމް ދީނާއި ގައުމުގެ ހައްގުގައި ރައީސް ކުރައްވަމުން އަންނަ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުމާއެކު ކާމިޔާބު ވާނެ ކަމަށެވެ. ހައްގަށް ނަސްރު ލިބިގެންދާނެ ކަމަށް އޭނާ ކުރެއްވި ޓްވީޓުގައި ވެ އެވެ،
ކޯޓުގެ އަމުރާއެކު އިދިކޮޅު ފަރާތްތަކުން އަންނަނީ އުފާާ ފާޅުކުރަމުންނެވެ. ނަމަވެސް އަމުރަށް 12 ގަޑިއިރު ވެސް އިދާރާތަކުން އެ އަމުރެއް ތަންފީޒެއް ނުކުރެ އެވެ.