ޕީޕީއެމުން ވަކިވެވަޑައިގެންނެވި މެމްބަރުން އެ ޕާޓީއާ އަލުން ގުޅިވަޑައިނުގެންފި ނަމަ، އެ މެމްބަރުންގެ ދާއިރާތަކަށް ވެސް އަރާވަޑައިނުގެންނެވޭނެ ކަމުގެ އިންޒާރު މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ރޭ ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ސަރުކާރަށް ނަގައިގެން، އަމަލުކުރަމުންދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ބައެއް މެމްބަރުން ޕީޕީއެމުން ވަކިކޮށްފައިވާއިރު، އަނެއް ބައި މެމްބަރުން ވަނީ އަމިއްލަ އަށް އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅި ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ އެއިން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
ވެސްޓް ޕާކް ރެސްޓޯރަންޓް ހިންގި ބިމުގައި ހަދާފައިވާ، ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން އޮފީހުގައި ބޭއްވި "ގައުމަށްޓަކައި އަންހެނުން" ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްމާ ވިދާޅުވީ ޕީޕީއެމަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިއްޖެ ކަމަށް ވާހަކަ ދެއްކި ނަމަވެސް ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވާއިރު ޕީޕީއެމަށް އަޣުލަބިއްޔަތު އޮންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ކައިރިން ވަޑައިގެންނެވި ބޭފުޅުން ވެސް ވަޑައިގަންނަވަން ޖެހޭނީ. އެހެން ނޫނީ، އެ ބޭފުޅުންގެ ދާއިރާތަކަށް އަރާވަޑައިނުގެންނެވޭނެ،" ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އަސްމާ ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ ގައުމަށް ޣައްދާރުވެ، ގައުމު ވިއްކާލަން އުޅޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށެވެ.
"ރަށަށް ދިޔައިމަ މޫދަށް ފައްތާނެ، ކަރުގައި ކަރުގޮހޮރު ނޭޅުވިއްޔާ ދެރަ،" އަސްމާ ވިދާޅުވި އެވެ.
ވަރަށް ފޯރީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި ކުށްވެރިންތަކެއް ދޫކޮށްލަން އަންގައި ސުޕްރީމް ކޯޓު ފަސް ފަނޑިޔާރުން ނެރުއްވި އަމުރާ ހެދި މިދިޔަ ހުކުރު ދުވަހު އޭނާ އުޅުއްވީ "ވަރަށް ހާލުގަ" އެވެ.
"އެއްޗެއް ނުކައި ނޮބޮއި އުޅުނީ. ބައްލަވާ އަޅުގަނޑު ހިކިފައި ހުރި ވަރު. މިއީ ދޮގެއް ނޫނޭ، އަދި މިއުޅެނީ ނުކިރައި، ކިރާލީމަ އެނގޭނީ [އަމުރާ ހެދި ބަރުދަން ލުއިވެ] ހިކުނު ވަރު،" އަސްމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިން މަޑުން އިންނެވިއަސް އޭނާ ދެން ފެންނާނީ ތަފާތުކޮށް ކަމަށެވެ. އޭނާއަކީ "ކެރޭ އަންހެނެއް" ކަން ދައްކާލައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.