ދިވެހިން އަބަދު ތިބެން ޖެހެނީ ސިޔާސީ ލީޑަރުންގެ ހިޔަނީގައި ނޫން ކަމަށާއި އޭގެ ބަދަލުގައި ތިބެންވީ އުސޫލުތަކެއްގެ ތެރޭގައި ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ "ރުމާލު 2" ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހި ދައުލަތް ހިންގަނީ އުސޫލުތަކެއްގެ މަތީގައި ކަން ދައްކަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، ދައުލަތުގެ މަގާމެއްގައި ވަކި ބޭފުޅަކު ނެތިގެން ނުވަތަ ވަކި ބޭފުޅަކު އަވަހާރަވުމުން، ދައުލަތް ހުއްޓިދާނެ ކަމުގެ ވިސްނުން ޒުވާން ޖީލުތަކަށް ފޯރުކޮށްދީގެން ނުވާނެ ކަމަށެވެ.

"މި ދައުލަތަކީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ހިނގާ ދައުލަތެއް ކަން އަޅުގަނޑުމެން ދައްކަން ޖެހޭނެ. ކުރީގެ ސަރުކާރުތަކުގައި އެކަން ނުދެއްކިއްޖެ ކަމަށް ވަންޏާ، ކަށަވަރު ކުރައްވާ، މި ސަރުކާރުން އެކަން ދައްކާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން ކުރަން ނިންމާފައިވާ ބައެއް ކަންކަމުގެ އެޖެންޑާ ވެސް ހާމަކުރެއްވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ ރައީސް ވިދާޅުވި ގޮތުގައި، އެކި ގޮތްގޮތުން ދައުލަތުން ގެއްލިފައިވާ ފައިސާ ހަރުދަނާ ކަމާއެކު ހޯދުމެވެ. އަދި އެކަން އެ ބަޔަކު ކޮށްފައި ވަނީ ކޮންމެ ސަރުކާރެއްގައި ކަމަށް ވިޔަސް ޒިންމާދާރުވާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ކުރާނެ ދެވަނަ ކަމުގެ ތެރޭގައި ބޮޑެއް، ކުޑައެއް، ޕާޓީއެއް، ފިކުރެއް، ޚިދުމަތެއް، އެހެން އެއްޗަކަށް ބެލުމެއް ނޯންނާނެ. ގާނޫނާ ޚިލާފު ވެއްޖެ ކަމަށް ވަންޏާ، ގާނޫނުގައި އޮންނަ ހައްގު އަދަބު ލިބޭނެކަން ކަށަވަރު ކުރައްވަން ވާނެ. މި ސަރުކާރުގައި ގާނޫނާ ޚިލާފު ކަމެއް ހިންގީމާ ތަހުގީގު ހިނގާނެ. އަދި ތަހުގީގު ހިންގާފައި ޕްރޮސެކިއުޓަ ޖެނެރަލްއަށް ފެނިގެން ޝަރީއަތަށް މައްސަލަ ގޮސްފި ކަމަށް ވަންޏާ މައްސަލަ ނިންމާނީ ކޯޓުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޯޓުން އެ މައްސަލައެއް ނިންމުމާއެކު ތަންފީޒީ މަރުހަލާ ފެށޭނެ ކަމަށާއި އެކަން ވެސް ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ. އޭގެ ބޭނުމަކީ ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ދިވެހި މުޖުތަމައަކީ ސިޔާސީ ލީޑަރުންގެ ދަހިވެތި ކަމާއި އެ ލީޑަރުންގެ އަޅުވެތި ކަމުން ސަލާމަތް ކޮށްދިނުމެވެ.

ރައީސް ޔާމީންގެ ސަރުކާރުން މިނިވަން މުއައްސަސާތަކަށް ހިސޯރު ކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރުގެ ތާރީޚަށް ދިޔައީމާ އެކަން ކޮށްފައިވާ މިންވަރު ވެސް ފެންނާނެ ކަމަށެވެ. އެކަމުގެ މިސާލެއް ނަންގަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ފުލުހުންގެ މުއައްސަސާ ހިންގީ އޭރުގެ ޕޮލިސް ކޮމިޝަނަރު ނޫން ކަމަށެވެ.

"ބޮޑެތި ކަންތައް ނިންމަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ކޮންމެވެސް ބޭފުޅަކު ވަޑައިގެން ސީޕީގެ ގޮނޑީގައި އިންނަވަނީ. އެހެންވީމާ މުއައްސަސާތައް ހިސޯރު ކުރެވުނީ ކޮން އިރަކު، ކިހިނެއްކަން އަދި އެއަށް ވުރެ ދުރަށް ޖެހިލިޔަސް އަޅުގަނޑުމެންނަށް އެނގޭނެ،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީގެ ވެރިކަމުގައި ފުލުހުންގެ މުއައްސަސާއަށް އެ ޕާޓީގެ ބާރާއި ނުފޫޒު އޮތް މިންވަރު ހާމަކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގާނޫނުއަސާސީ ބަދަލު ކޮށްފައި އެ އޮތީ މުއައްސަސާ ހިސޯރު ނުކުރެވޭ ގޮތަށް. ރައީސުލްޖުމްހޫރިއްޔާ އަކީ އަޒުލް ކުރެވޭ މީހެއް."

ރައީސް ޔާމީން މިރޭ ވިދާޅުވިގޮތުގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް އޮތީ ވަރަށް ބަދަހިކަން މަތީގަ އެވެ.

"އަޅުގަނޑުމެންގެ ގައިގައި ފާރުގަނޑެއް ޖެހީމާ މުޅި ގަޔަށް ތަދުވާހެން، އަޅުގަނޑުމެންނަށް އުނދަގޫވާނެ އަނެއްކާވެސް މެމްބަރުން ތަފާތު ގޮތަކަށް ވިސްނަވަންޏާ. އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ މި ދެންނެވި ގޮތަށް، ހަމަ ދުނިޔޭގެ މާއްދިއްޔަތަށް އެ މީހުންގެ ފިކުރު އޮޔާލައި ދިޔައީމާ އޭގެ ތެރެއިން މެމްބަރުންތަކެއް ގެއްލިގެން ދިޔައީމާ،" ޕީޕީއެމްގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން، އެ ޕާޓީގެ މަޖިލިސް މެމްބަރުންތަކެއް ގޮނޑި ޕީޕީއެމުން އެދިގެން ގެއްލުވާލި މައްސަލައަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

"އެ މެމްބަރުން މިއަދު ކޮންތާކުތޯ ތިއްބެވީ؟ އެތާނކު ވެސް ނޫން. މިތާނކު ވެސް ނޫން. މަގަކު ވެސް ނޫން. އަދި ކީއްތޯ؟ ގާނޫނު ތަންފީޒު ކުރަން ނުވަތަ ގާނޫނު ހަދާ މުއައްސަސާއާ ކައިރިއަށް ވެސް އާދެވޭ ހިސާބަކު ނޫން. އެއީ ރައްޔިތުންގެ ނިންމުން."

ރައީސް ޔާމީން ވިދާޅުވީ އެ މެމްބަރުން ދެން އަންނަ ދައުރަށް ކުރިމަތިލައްވާއިރު، ޕީޕީއެމް ދޫކުރެއްވި ސަބަބު ވެސް ރައްޔިތުންނަށް އޮޅުން ފިލުއްވައި ދެއްވަން ޖެހޭނެ ކަމަށެވެ.