މަޝްހޫރު ފެހުންތެރިޔާ މިރުފަތު ހަނީފް (ހަނީ) މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ހަނީ އުމުރަށް ޖަލަށްލުމަށާއި 100،000ރ. އިން ޖޫރިމަނާކޮށް ކްރިމިނަލް ކޯޓުން 2014 ގައި ހުކުމްކުރީ ގ. ކަމަދޫގޭގައި އޭނާ ދިރިއުޅޭ ކޮޓަރިން އޮކްޓޫބަރު 2012 ގައި 11 ގްރާމްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.
އެ ހުކުމް އިސްތިއުނާފް ކުރަން ހަނީގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި މަސްތުވާތަކެެތި ގެންގުޅުނުކަން ހަނީގެ މައްޗަށް ސާބިތުވާ ކަމަށެވެ.
އެ މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވިދާޅުވީ ހަނީގެ ކޮޓަރީގައި ހުރި ވަތްގަނޑަކުން ފެނުނު މަސްތުވާތަކެއްޗަކީ އަހުމަދު އަމީތު ނަމަކަށް ކިޔާ މީހެއްގެ އެއްޗެއް ކަމަށް ބުނެ، އެ ތަކެތީގެ ޒިންމާ އެ މީހާ ނެގިޔަސް އެ މީހާގެ އެ ވާހަކަތައް ހަގީގަތާ ހިލާފް ކަމަށް ބެލެވޭ ކަމަށެވެ.
އެ ގޮޮތުން، އެ މަސްތުވާތަކެއްޗަކީ އަމީތުގެ އެއްޗެއް ކަމަށާއި އެ ތަނުގައި އޭތި ބޭއްވި ކަމަށް ބުނެ އޭގެ ޒިންމާ ދަށު ކޯޓުގައި އަމީތު ނެގިޔަސް އޭނާ ހަނީ ނުދަންނަ ކަމަށާއި އެ މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް އަމީތު ތަހުގީގުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ. އެހެންވެ ދެ މަރުހަލާގައި ދެ ގޮތަށް ވާހަކަ ދައްކާފައިވުމުން، އެއީ ހަނީ ކުށުން ބަރީއަކުރަން ހަގީގަތާ ހިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބެލެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ހައި ކޯޓުން ކުރިން ނިންމާފައިވާ މައްސަލައަކާ ހަވާލާ ދެއްވައި ފަނޑިޔާރު ރައޫފް ވިދާޅުވީ މަސްތުވާތަކެެތި ގެންގުޅުމުގެ މައްސަލަތަކުގައި ދައުވާ ލިބޭ މީހާ ފިޔަވައި އެހެން މީހަކު އެ ތަކެތީގެ ޒިންމާ ނެގިޔަސް ހަމައެކަނި ބުނެލާ ބުނެލުމަކަށް ބިނާކޮށް ދައުވާ ލިބޭ މީހާ ކުށުން ބަރީއަ ނުވެވޭނެ ކަމަށެވެ.
އެފަދަ ހާލަތްތަކުގައި އެ ތަކެއްޗަކީ އެ ތަކެތީގެ ޒިންމާ ނަގާ މީހާގެ އެއްޗެއް ކަން ސާބިތުކޮށްދޭނެ ހަރުދަނާ ހެކިތަކެއް ހުންނަން ޖެހޭނެ ކަމަށާއި އެކަމަކު ހަނީގެ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ އަމީތުގެ އެއްޗެއް ކަމަށް ބެލެވޭ ހެއްކެއް ނެތް ކަމަށް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ.
މީގެ އިތުރުން، އެ ގެ އަށް ވަނުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ހަނީގެ ފަރާތުން ބުނެފައި ވިޔަސް ގާނޫނާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެ ގެ އަށް ވަނީ ކޯޓު އަމުރެއްގެ ދަށުން އެ އަމުރުގެ ބާރު ހިނގަނިކޮށް ކަމަށާއި އެ ގެ އަށް ވަނުމުގެ ކުރިން ހަނީ އަށް ކޯޓު އަމުރު ދެއްކިކަން ލިއުންތަކުން އެނގޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ރައޫފްގެ އިތުރުން އެ މައްސަަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އެ މައްސަލާގައި ހަނީގެ އިތުރުން ކުރީގެ ފިލްމީ ތަރި އިބްރާހިމް އިޔާސް (ދާސް)ގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު ދަށު ކޯޓުން ނިންމީ ދާސް ކުށްވެރި ނުވާ ކަމަށެވެ.