މި މަހުގެ ފަސް ވަނަ ދުވަހު ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެ އަށް އަމަލުކުރަން ނުޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
ދައުރުން ބޭރު ޖަލްސާއެއްގެ ނަމުގައި މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާއި، އެ ހާލަތު އިތުރު 30 ދުވަހަށް ދަމަހައްޓަައިދިނުމަށް އެދިވަޑައިގެން ރައީސް ޔާމީން ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްކުރީ އެ ޖަލްސާގައި ބައިވެރި 38 މެމްބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް އިދިކޮޅު މެމްބަރުން ވަނީ އެ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ.
މަޖިލީހުގެ ޖަލްސާ އަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު، އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި މިފަދަ ނިންމުންތައް ފާސްވުމަށް ބޭނުންވާ ވޯޓުގެ އަދަދު ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި އެ އަދަދަށް މެމްބަރުން ހަމަނުވާތީ، އެ ނިންމުން ސައްހަ ނުވާނެ ކަމަށާއި އެ އަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ފެބްރުއަރީ 1 ގައި މިއަހަރުގެ ފުރަތަމަ ދައުުރުގެ ފެށިފައިވާ އިރު ވެސް، 48 ގަޑިއިރުގެ ތެރޭގައި އެ ގަރާރު މަޖިލީހަށް ހުށަހަޅާފައި ނުވާ ކަމަށް އިބޫ ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި ހުރި އަސާސީ ހައްގުތައް ވަަގުތީ ގޮތުން ހިފަހައްޓާލާފައި. މިވަރު ކަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ދާއިރުގައި ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި އެ ބުނާ އަދަދު، އެއީ މަޖިލީހުގެ އަގުލަބިއްޔަތު އޮންނަންޖެހޭ. އެހެން ނަމަވެސް މިއަދުގެ ޖަލްސާ ބާއްވައި ވޯޓަށް އެހިގެން ދިޔައީ ގާނޫނުއަސާސީގައި ބުނާ އެ އަަދަދު ހަމަނުވެ،" އިބޫ ވިދާޅުވި އެވެ.
"އެެހެންވީމާ ރައްޔިތުންގެ މަޖިލީހުގައި މިއަދު ފާސްކުރި ފާސްކުރުމަކީ ގާނޫނުއަސާސީގެ 87 ވަނަ މާއްދާއާ ހިލާފަށް ފާސްކުރި ފާސްކުރުމެއް. އެހެންވީމާ އެ އަށް އަމަލުކުރަން ޖެހޭ އެއްޗެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން،"
އިބޫ ވިދާޅުވީ ގާނޫނާ ހިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާފައި ވާތީ، އެއާ ގުޅިފައިވާ ހުރިހާ ކަމެއް ނިމުމަކަށް އަންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށެވެ. އަދި ކުރިން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި އެއްވެސް ބަޔަކު ބަންދުގައި މިހާރު ނުބޭތިއްބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ މަޖިލީހުގެ މިއަދުގެ ނިންމުން ސަލާމަތީ ބާރުތަކުން ވެސް ބަލައިގަންނަން ނުޖެހޭނެ ކަމަށެވެ.
"މަޖިލީހުން މިއީ ނިންމުމެއް ކަމަށް ކަނޑައެއް ނޭޅޭނެ. އެހެންވެ އަޅުގަނޑު ދެކޭ ގޮތުގައި އެސްއޯއީގެ ދަށުން ކަމަށް ބުނެ، ބަންދުކުރި ހުރިހާ އެންމެން ދޫކޮށްލަންޖެހޭ. އެއްވެސް މީހަކު ނުބެހެއްޓޭނެ އަދި އެ މީހުން ބަންދުގައި އިތުރަށް ބަހައްޓާ ކަމުގައިވާނަމަ ބެހެއްޓޭނީ ހަމަ ޖިނާއީ އިޖުރާއަތުގައި އޮންނަ ގޮތަށް އިމްޕްލިމެންޓް ކުރަންޖެހޭނީ،" ރިޔާޒު ވިދާޅުވި އެވެ.