އައްޑޫ މުޒާހަރާއާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރި، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް

އައްޑޫގައި އިއްޔެ ހަވީރު އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ހައްޔަރުކުރި ދެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް، އިތުރު ތަފުސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި ހިތަދޫގައި ބޭއްވި މުޒާހަރާ އަށް ފަހު، މަރަދު އަށް ދިޔަ މަގުމަތީގައި ފުލުހުން ހައްޔަރުކުރީ މަރަދޫ ފިތުރޯނުގޭ މުހައްމަދު ވަޖުދީ އާއި އެ އަވަށު ދޭލިގޭ އާސިމް ވަޖުދީ އެވެ. އެ ދެ މީހުން ވެސް ނިސްބަތް ވަނީ އެމްޑީޕީ އަށެވެ.

އާސިމާއި ވަޖުދީގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު މެންދުރު ފަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ވަނީ ހާޒިރުކޮށްފަ އެވެ.

އިދިކޮޅު ޕާޓީތަކުން އިއްޔެ އައްޑޫގައި މުޒާހަރާކުރީ ހައްޔަރުކޮށްފައިވާ ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ދޫކޮށްލައި، މި މަހު 1 ގައި އެ ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވައިލުމުގެ ގޮތުންނެވެ.

ނަމަވެސް އެމްޑީޕީ ހިތަދޫ ހަރުގެ ސަރަހައްދުގައި ބާއްވަން އުޅުނު އެއްވުން ރަޔަޓް ގިޔަރުގައި ފުލުހުން ނުކުމެ ރޫޅާލި އެވެ.

ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އިސްކޮށް ހުންނަވައިގެން އައްޑޫގައި އިއްޔެ ބޭއްވި ހަރަކާތް ކުރިއަށް ގެންދަން ފުލުހުން ފުރުސަތު ދިނެވެ.

އެމްޑީޕީން ބުނީ މިއަދު ވެސް އައްޑޫގައި އެއްވުމަކަށް ރައްޔިތުން މަގުމައްޗަށް ނުކުންނާނެ ކަމަށާއި އެކަން ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.