އިދިކޮޅު ލީޑަރުންގެ ހިތްވަރަކީ އަތުގައި ހުރި ފައިސާ: ރައީސް

ސުޕްރީމް ކޯޓުން އަމުރު ނެރެގެން މުޅި ދައުލަތް ހުއްޓުވާލަން ގެންނަން އުޅުނު ބަޣާވާތުގެ އަޑީގައި ތިބި އިދިކޮޅު ލީޑަރުންގެ ހިތްވަރަކީ އެ ބޭފުޅުންގެ އަތުގައި ހުރި ފައިސާ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް ރައީސް އަބްދުﷲ ޔާމީން މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.


"ސަލާމަތީ ބާރުތަކާއެކު ރައްޔިތުން" މި ނަމުގައި ޕީޕީއެމުން ވެސްޓްޕާކް ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި ދިވެހި ތާރީހު ނަގައިދިން ފިލާވަޅަކީ ރާއްޖޭގެ ވެރިކަމަށް ދަހިވެތިވާ ބަޔަކު އަބަދުވެސް އުޅޭ ކަމެވެ. އެކަމަކު، ސިޔާސީ ޕާޓީތަކުގައި ތިއްބެވި ލީޑަރުން އެކަން ކުރަންވީ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކަން ކުރަންވީ މަގުމައްޗަށް ނިކުމެ ހަމަނުޖެހުން އުފައްދައިގެން، ސިފައިންނާއި ފުލުހުންގެ ތެރޭގައި ނުބައި ވިސްނުމަށް ޖާގަ ލިބޭ ގޮތަށް ފުރުސަތެއް އުފައްދައިގެން، ބަޔަކު ނިކުމެ ތަޅާފޮޅައިގެން އެ ހައްލުކުރާ ކުރުމަކު ނޫން. އެކަން ކުރާނަމަ، އެއަށްވުރެ ބޮޑެތި ނުރައްކާތެރިކަން ކަން ދިމާވާނެ،" ރައީސް ވިދާޅުވި އެވެ.

ވެސްޓްޕާކް ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ވިދާޅުވީ ބަޣާވާތުގެ ފުންމިން ނޭނގޭ ކަމަށް މީގެ ކުރިން ވިދާޅުވި ނަމަވެސް މިހާރު އޭގެ ފުންމިން ދެނެގަނެވިފައިވާ ކަމަށެވެ. އެކަމަކު، އޭގެ ތަފްސީލެއް ރައީސް ނުދެއްވަ އެވެ.

ގާނޫނުއަސާސީގައި "ކައްޕިއަށް" (ވެރިމީހާ) ދޭ ބާރުތަކަކީ އެހެން މީހަކާ ހިއްސާ ކުރެވޭނެ ބާރުތަކެއް ނޫން ކަމަށެވެ. އަދި ކައްޕިއާ ސުވާލު ކުރެވޭނީ ހަމައެކަނި ގާނޫނުއަސާސީއާ ހިލާފުވެފައިވުމާއި ކައްޕިގެ ޝަރުތެއް އުނިވެއްޖެ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"ކައްޕިގެ ބުއްދި ގޯސްވެއްޖެނަމަ، ކައްޕިއާ ސުވާލު އުފައްދަން ވާނެ. އެކަމަކު، ކައްޕި 25 ބުރީގެ ހޮސްޕިޓަލެއް އަޅާތީ ސުވާލު އުފައްދައިގެން ނުވާނެ،" މާލޭގައި އިމާރާތް ކުރަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅު ފައްޓަވަމުން މިސާލެއްގެ ގޮތުގައި ވެސް ނެންގެވީ ކައްޕިއެއް އޮޑި ދުއްވާ ގޮތުގެ މިސާލެވެ. އެ އޮޑީގައި ކައްޕިއާ ހިޔާލު ތަފާތުވާ ފަޅުވެރިން ތިބޭނެ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެކަމަކު، ހުރިހާ ފަޅުވެރިން ވެސް ކައްޕިއަށް ކިޔަމަންވާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކައްޕިއެއް ފަޅުވެރިންނަށް ދެރަ ގޮތެއް ނަހަދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކައްޕިގެ ޝައުގުވެރިކަމެއް ނުހުންނާނެ، ގަދަ ކޮޅިގަނޑެއް ޖެހުނީމަ، އޮޑި ހަލާކުކޮށްލާކަށް. އެކަމަކު ފަޅުވެރިންގެ ތެރޭގައި ފަހަރުގައި ތިބެދާނެ ކޮންމެވެސް ގެއަކަށް މަސްބައެއް ހިފައިގެން ގޮސް އެގެއިން ކޮންމެވެސް ރަނގަޅު އެއްޗެއް ލިބޭ ފަޅުވެރިއެއް އިނދެދާނެ އޮޑީގައި،" ރައީސް ވިދާޅުވި އެވެ.

މިރޭ ބޭއްވި ޖަލްސާގައި ބައެއް ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ---ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެކަހަލަ މީހަކު ވިސްނާނީ އޭނާއަށް ލާރިކޮޅު ދޭ މީހަކާ ދޭތެރޭގައި. މިކަހަލަ މީހަކު ފަހަރުގައި ކައްޕިއާ ދެކޮޅަށް ވާހަކަ ދައްކަފާނެ. އެކަމަކު އެ ދައްކާ ވާހަކަ ވެސް އާހިރުގައި ޒިންމާ އުފުލަން ޖެހޭނީ ކައްޕި. އެ އުނދަގޫވަގުތުގައި ކައްޕިގެ ބޮލަށް އުނދަގޫކޮށްގެން ނުވާނެ،"

ރައީސް ވިދާޅުވީ ސަރުކާރު ބަޣާވާތަކުން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބޭފުޅުންނަށް އެހީތެރިވެފައިވަނީ ރާއްޖެއިން ބޭރުގައި ފިލާ ތިބި ބައެއް ކަމަށެވެ. އަދި ފިލާ ތިއްބެވި ބޭފުޅުންގެ ހިތްވަރެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ވަނީ އެބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"އެވަރުގެ ނުރައްކާތެރި ހާލަތަކަށް ދިވެހި ރާއްޖެ ހުށަހެޅި ބަޔަކީ ހަގީގަތުގައި ޣައްދާރުން. އެކަމަށް ވާގިވެރިވި މަގާމުތަކުގައި ތިބި މީހުންނަކީ ޣައްދާރުން. ސިޔާސީ ޕާޓީތަކުގެ ދެން ތިބި މީހުންނަކީ ދިވެއްސަކު އެއްޗެއް ބުނެފާނެތީ މިތާ ހުންނަން ނުކެރިގެން ފިލާ ތިބި މީހުން،" ރައީސް ވިދާޅުވި އެވެ.

އެހެންވެ، ރައީސް ވަނީ އޮޑީގައި ތިބޭއިރު، ކައްޕިގެ ހިޔާލަށް ޖާގަ ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ކައްޕިއެއް އޮޑިއަށް ނުވަތަ ދައުލަތަށް ގެއްލުމެއް ވާން ނޭދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.