އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަން ފޮނުއްވައިފި އެވެ.
އެ ކޮމިޝަންގެ މެމްބަރު ކަމަށް ޝަރީފް އައްޔަން ކުރުމުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. ހެނދުނު 9:00 ގައި ބާއްވާ ޖަލްސާގައި އޮތީ ޝަރީފްގެ ނަން ދިރާސާ ކުރުމަށް ރިޔާސަތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ފޮނުވުމުގެ މައްސަލަ އެކަންޏެވެ.
ޝަރީފް ވަނީ މީގެ ކުރިން އަހަރެއްހާ ދުވަސް ވަންދެން ވެސް އީސީގައި މަސައްކަތް ކުރައްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޔާމީން މަޖިލީހަށް ފޮނުއްވީ ޝަރީފްގެ ނަން އެކަންޏެވެ.
ރައީސް ޔާމީނާ ގާތްގުޅުމެއް އޮންނަ ޝަރީފް ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރީ ޑިސެމްބަރު 26، 2016 ގަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަދި ކުރީގެ ޕްރިންސިޕަލް ޝަރީފް މި ސަރުކާރުގައި އެންމެ ފުރަތަމަ އަދާކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބެއްގެ މަގާމެވެ.
ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަރީފް އަނެއްކާ ވެސް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރައްވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ސުލައިމާން މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. ސުލެއިމާން އިސްތިއުފާ ދެއްވީ ކޮމިޝަންގެ ރައީސް ކަމަށް ޝަރީފް އައްޔަން ކުރެއްވުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ކުރިން ވެސް ވަނީ ބުނެފަ އެވެ.
ސުލެއިމާނަށް ރައީސް ޔާމީން މިހާރު ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސް ކަން ދެއްވައިފަ އެވެ. ސުލައިމާން އެންއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ، އޭނާ އަށް ރުހުން ދޭން ފެންނަ ކަމަށް ޕީޕީއެމް/އެމްޑީއޭ ކޯލިޝަން މެމްބަރުންގެ ވޯޓުން މިދިޔަ ހަފުތާގައި ފާސް ކުރުމުންނެވެ.
އެންއައިސީ އަށް ސުލައިމާން އައްޔަން ކުރީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ.