ދިރިއުޅުމާއި ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ގޮވާލައިފި އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ރާއްޖޭގައި އަންހެނުންގެ ހައްގުތައް ނިގުޅައިގަނެ، އެ މީހުން ތަފާތު އަނިޔާގެ ޝިކާރައަކަށްވަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާ ގުޅޭ މައްސަލަތަކާއި އަނިޔާ ލިބޭ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކާއި ބައެއް އަސާސީ ހައްގުތައް ނުލިބޭ ކަމަށް ބުނެ، ހުށަހަޅާ މައްސަލަތައް ހިމެނޭ ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.
އެހެންވެ، އެޗްއާރުސީއެމުން ގޮވާލީ މުޖުތަމައުގައި އަންހެނުންނާ މެދު ހުންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް، އަނިޔާއިން ރައްކާތެރިކަން ފޯރުކޮށްދީ، އުފެއްދުންތެރިކަމާއި، ހުނަރުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭނެ ގޮތަކަށް ގައުމުގެ ސިޔާސަތުތައް ބައްޓަން ކުރުމަށެވެ.
އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބުމަކީ އެ ގައުމެއްގެ ހުރިހާ ފަރުދުންނަށް ލިބޭ ކުރިއެރުމެއް ކަމަށް ބަލައިގަނެ، ގާނޫނުތަކާއި ގަވައިދުތަކުގެ ދަށުން ހެދިފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، އެ ނިޒާމުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލު ކުރުމަށް އެ ބަޔާނުގައި އިލްތިމާސްކުރި އެވެ.
އަންހެނުންގެ ދުވަސް ދުނިޔޭގައި ފާހަގަ ކުރާއިރު، މިއަދު ވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަންހެނުންގެ ހައްގުތައް ނިގުޅައިގަނެ، އަންހެނުންނާމެދު ތަފާތުކުރުންތައް ގެންގުޅެ އަދި އެކިއެކި އަނިޔާތައް އަންހެނުންނަށް ލިބެމުންދާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.