ބައްޕާފުޅު ބަންދުކުރި ފަހުން ޣައްސާން ދެ ފަހަރަށް ބައްދަލުކުރައްވައިފި

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރި ފަހުން، ދަރިކަލުން ޣައްސާން މައުމޫން، އެ މަނިކުފާނާ ދެ ފަހަރަށް ބައްދަލު ކުރައްވައިފި އެވެ.


"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޣައްސާން، ބައްޕާފުޅާ ދެ ވަނަ ފަހަރަށް ބައްދަލުކުރެއްވީ އިއްޔެ އެވެ. ދެ ފަހަރު ވެސް މި ބައްދަލުކުރެއްވީ، ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރަން އޮންނަ އުސޫލުން ބޭރުންނެވެ.

އާއްމު އުސޫލަކީ، ބަންދުގައި ތިބޭ މީހުންނާ އެކު އާއިލީ ބައްދަލުވުންތައް ހަމަޖައްސައިދެނީ، އެކަމަށް އެދި ފުލުސް އޮފީހަށް ފޯމެއް ހުށަހެޅުމުންނެވެ. އެކަމަކު ދެ ފަހަރު ވެސް ޣައްސާން ބައްދަލުކުރެއްވީ، "ޚާއްސަ އުސޫލަކުން" އަމިއްލަފުޅަށް ވަޑައިގެންނެވެ.

އެނގިފައިވާ ގޮތުގައި ޣައްސާން ދޫނިދު އަށް ވަޑައިގަތުމުން ބައްޕާފުޅާ ބައްދަލުކުރެއްވުމުގެ ކަންތައް ހަމަޖައްސައިދެނީ ވެސް، އާއިލާގެ އެހެން ބޭފުޅުންނާ އެކު ބައްދަލުވުންތައް ބާއްވައިދޭ އާންމު އުސޫލުގެ ބޭރުންނެވެ. އާއިލާގެ އެހެން ބޭފުޅުން ވަޑައިގަތުމުން ސަލާމް ކުރެއްވުމަށް ފަހު، ވާހަކަ ދައްކަވަން ތިއްބަވަން ޖެހެނީ ވަކި ދެ ކޮޓަރިއެއްގަ އެވެ.

ފުލުހަކާ އެކު މައުމޫން ވަކި ކޮޓަރިއެއްގައި އަދި އާއިލާގެ ބޭފުޅުން ވަކި ކޮޓަރިއެެއްގައި ތިއްބަވައިގެން ބައްދަލުކުރައްވަނީ ދެ ކޮޓަރި ގުޅޭ ގޮތަށް ހަދާފައި ހުންނަ ބިއްލޫރި ކުޑަ ދޮރެއްގެ ދެ ފަރާތުގައި ތިއްބަވައިގެންނެވެ. ވާހަކަ ދައްކަވަން ޖެހެނީ ފޯން އަތްގަނޑެއްގެ ޒަރީއާއިންނެވެ.

ނަމަވެސް މިއާ ޚިލާފަށް ޣައްސާން ވަޑައިގެން މައުމޫނާ ބައްދަލު ކުރައްވަނީ އެއް ތަނެއްގައި ތިއްބަވައިގެންނެވެ. އަދި ޣައްސާން ބައްދަލުކުރައްވާއިރު، މައުމޫންގެ ވާހަކަތައް އަޑުއިވޭ ފަށުގައި ފުލުހަކު ވެސް ނުހުރެ އެވެ.

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހު ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި މައުމޫންގެ އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

މައުމޫނާ، ޣައްސާން ބައްދަލުކުރެއްވި އިރު އޭނާ އަދިވެސް ރައީސް އަބްދުﷲ ޔާމީނާ އެކު ހުންނެވީ ބައްޕާފުޅާއި ބޭބޭފުޅު ފާރިސް މައުމޫން ހައްޔަރުކުރުން ވެސް މައްސަލައެއްގެ ގޮތުގައި ދެކިވަޑައި ނުގަންނަވާތީ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.

ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި އިދިކޮޅު ފަރާތްތަކާ އެކު މައުމޫން މަސައްކަތް ފެއްޓެވުމުން ވެސް ޣައްސާނާއި އެއްބަނޑުއެއްބަފާ ދައްތާފުޅު ދުންޔާ މައުމޫން ތިއްބެވީ މި ސަރުކާރުގެ އިސް މަގާމުތަކުގަ އެވެ. އެކަމަކު، މައުމޫން ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، ފަހުން ދުންޔާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގެންފަ އެވެ.

ޣައްސާން، ރައީސް ޔާމީނާ އެކު ހުންނަވަނީ މަޖުބޫރުވެވަޑައިގެން ކަމަށް ދައްކާ ވާހަކަތައް ދޮގުކުރައްވައި އޭނާ ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ހުންނަވާނީ ރައީސް ޔާމީނާ އެކުގައި ކަމަށެވެ. އޭގެ ސަބަބުން އާއިލާގެ ތެރޭގައި އޮތް ގުޅުންމުން ދުވަހަކު ވެސް ވަތްކެއް ނުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.