އެންޓި ޑިފެކްޝަން ބިލަށް ނަޝީދާއި މުހައްމަދު ހުސައިން ވޯޓެއް ނުދެއްވި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލް ފާސްކުރުމަށް މިއަދު ނެގި ވޯޓުގައި ޕީޕީއެމްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސއިން ބައިވެރިވެވަޑައެއް ނުގެންނެވި އެވެ.


ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުށަހެޅުއްވި އެ ބިލް ޕީޕީއެމް/އެމްޑީއޭގެ 36 މެމްބަރުންގެ އިއްތިފާގުން ފާސް ކުރި އިރު، ނަޝީދާއި މުހައްމަދު ހުސައިން ޖަލްސާ ކުރާ މާލަމުގައި ތިއްބެވި އެވެ. ނަމަވެސް ދެ ބޭފުޅުން ވޯޓުގައި ބައިވެރިވެޑައިނުގެންނެވި ސަބަބެއް ނޭނގެ އެވެ.

އެކަމަކު، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކުރަން ނަޝީދާއި މުހައްމަދު ހުސައިން ވޯޓު ދެއްވި އެވެ. އެ ބިލު ފާސް ކުރީ ޕީޕީއެމް/އެމްޑީއޭގެ 38 މެމްބަރުންގެ އިއްތިފާގުންނެވެ.

ދެ މެމްބަރުންގެ ތެރެއިން މުހައްމަދު ހުސައިން ވަނީ އިއްޔެ އެންޓި ޑިފެކްޝަން ބިލް ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވުމަށް ވޯޓު ދެއްވައިފަ އެވެ. ނަޝީދު އިއްޔެގެ ޖަލްސާގައި އިންނެވި ނަމަވެސް، ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ދެ ބިލު ފާސް ކުރަން މިއަދު ވޯޓަށް އެހި އިރު، ޕީޕީއެމްގެ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެކަމަކު، އެ ދެ މެމްބަރުން ވެސް މާލޭގައި ތިއްބެވި ކަމަށްވެ އެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

މެމްބަރު ނަޝީދުގެ އަމިއްލަ ބްލޮގްގައި މީގެ ކުރިން ވިދާޅުވެފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނެއް އަންނަން ޖެހޭނީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ފަހު ކަމަށެވެ. އަދި މި ބިލަށް ބަހުސް ކުރައްވަމުން މުހައްމަދު ހުސައިން ވިދާޅުވީ އެންޓި ޑިފެކްޝަން ބިލް ބިނާކުރަން ޖެހޭނީ ގާނޫނު އަސާސީގެ ބިންގަލުގެ މަތީގައި ކަމަށެވެ. އެކަމަކު މެމްބަރަކު، ޕާޓީ ދޫކޮށްލައިފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ އުސޫލަށް ތާއީދުކުރައްވާ ކަމަށް މުހައްމަދު ހުސެއިން ވިދާޅުވި އެވެ.