ބޮޑު އޮޕަރޭޝަނަށް ފަހު ޑރ. ޝިފާނަށް ތައުރީފް

ކާއެއްޗެހި ހަޖަމްކުރާ މައިދާއަށް ކެންސަރު ޖެހުމުން އެ ގުނަވަން އެކުގައި ނަގަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބު އޮޕަރޭޝަނެއް އައިޖީއެމްއެޗުގައި އިއްޔެ ކޮށްފި އެވެ.


ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަވެވަޑައިގެން ދާދި ފަހުން އައިޖީއެމްއެޗުގައި މަސައްކަތް ފެއްޓެވި ޑރ. މުހައްމަދު ޝިފާން ކުރެއްވި ތާރީހީ މި އޮޕަރޭޝަން ކާމިޔާބުވުމުން އެހެން ޑޮކްޓަރުން ގެންދަވަނީ އެކަން ފާހަގަކުރައްވައި، މަރުހަބާ ވިދާޅުވަމުންނެވެ.

މުޅި މައިދާ ނެގުމަކުން މި އޮޕަރޭޝަން އަދި ފުރިހަމައެއް ނުވެ އެވެ. އޭގެ އިތުރުން ކަރުން ފެށިގެން މައިދާއާ ގުޅިފައިވާ ހޮޅި، ހިމަ ގޮހޮރަށް ލެއްވުމުގެ އުނދަގޫ ބައި ވެސް އޮވެ އެވެ. އުމުރުން 70 އަހަރުގެ ފިރިހެންމީހާގެ މުޅި އޮޕަރޭޝަނަށް އިއްޔެ ހަ ގަޑިއިރު ހޭދަވި އެވެ.

އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، އަހުމަދު މިގްދާދު ސިފަކުރެއްވި ގޮތުގައި ޝިފާން އަކީ އޭނާއަށް މި ވަގުތު ރާއްޖޭގައި ހުންނެވި އެންމެ ހުނަރުވެރި އޮޕަރޭޝަން ޑޮކްޓަރެވެ.

"އަޅުގަނޑުގެ ކުޑައިރުގެ ރަހުމަތްތެރިޔާ ޝިފާންއަށްޓަކައި ފަހަރުވެރިވަމެވެ،" އެފްބީގައި މިގުދާދު ލިއުއްވި އެވެ.

ޝިފާން އަކީ ކެންސަރަށް ހާއްސަ ރާއްޖޭގެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރެވެ. ކުރިން ވެސް ސާޖަންއެއްގެ ގޮތުން މަސައްކަތްކުރެއްވި ޝިފާން ދާދި ފަހުން "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެ އިން ބޭރަށް ނުގޮސް ކެންސަރުގެ ގިނަ އޮޕަރޭޝަންތަކެއް އައިޖީއެމްއެޗުގައި ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އަދި ފުރިހަމަ ބައެއް ނޫން، ގަބޫލުކުރަން އެކަންތައް. އެކަމަކު އެންމެންނަށް ފަސޭހަ، ލުއިތަކެއް ހޯދައިދިނުމުގެ އަމާޒުގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" ޝިފާން ވިދާޅުވި އެވެ.

ކެންސަރަކީ ރާއްޖޭގައި މިހާރު އެންމެ ގިނަވަމުން އަންނަ ނުރައްކާތެރި އެއް ބައްޔެވެ. އެހެންކަމުން އެ ބައްޔަށް ހާއްސަ އޮޕަރޭޝަން ޑޮކްޓަރެއް ހުރުމަކީ ވަރަށް ބޮޑު ފަސޭހައެއް ކަމަށް، އައިޖީއެމްއެޗުގެ މެނޭޖްމަންޓުން ގަބޫލުކުރެ އެވެ.