ރައްޔިތުންގެ މަޖިލީހުގެެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް 13 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފި އެވެ.
މަހުލޫފުގެ ގާނޫނީ ވަކީލް، ނާޒިމް ސައްތާރު ހައި ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލާގައި ބުނެފައި ވަނީ މަހުލޫފް ހައްޔަރުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާ ހިލާފަށް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއަކުން މިދިޔަ މަހުގެ 22 ގައި ހައްޔަރުކުރި މަހްލޫފްގެ ބަންދުގެ މުއްދަތު އިތުރުކުރުމާ ހަމައަށް އޭނާ ބަންދުގައި ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.
އޭނާ ހައްޔަރު ކުރިއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މެމްބަރުންނަށް ލިބޭ އިމްތިޔާޒުގެ ބާރުތައް ހިފަހައްޓާފައި ނުވާކަން ވަކީލް ފާހަގަކުރައްވަ އެވެ.
މަހުލޫފް ހައްޔަރުކުރަން އެމްޑީޕީ ހަރުގެއަށް ފުލުހުން ވަނީ މީހެއްގެ ގެދޮރަށް ވަންނަ އިރު ބޭނުންވާ ހުއްދަ ނެތި ކަމަށް ވާތީ އެއީ ވެސް މައްސަލައެއްގެ ގޮތުގައި ނާޒިމް ވަނީ ފާހަގަކުރައްވައިފަ އެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މަހުލޫފުގެ އިތުރުން އިދިކޮޅު ގިނަ ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ.