މާސްކު ބެހި މައްސަލާގައި މަހުލޫފްގެ ބަންދަށް ފަސް ދުވަސް

އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި މާސްކް ބެހުމުން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް މިއަދު ދީފި އެވެ.


އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއަކުން މިދިޔަ މަހުގެ 22 ގައި ހައްޔަރުކުރި މަހްލޫފްގެ ބަންދަށް މިމަހު 17 ވަނަ ދުވަހު 13 ދުވަސް ދިނުމާ ހަމައަށް އޭނާ ބަންދުގައި ހުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

މަހުލޫފްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ މަހުލޫފްގެ ބަންދަށް ފަސް ދުވަސް އިތުރު ކުރީ މަހުލޫފް، ހެއްކަށް ނުފޫޒު ފޯރުވަފާނެތީ އާއި މުޖުތަމައުގެ ސަލާމަތައް ނުރައްކާތެރި މީހެއް ކަމަށް ބުނެ ކަމަށެވެ. މީގެ ކުރިން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދޭއިރު ވަކި މުއްދަތަކަށް ބަންދުކޮށްދިނުމަށް މިއަދު ދައުލަތުން އެދިފައިނުވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

"މާސްކް ބެހިބެހުން ފުލުހުން ބުނާގޮތުން އެއްވެއުޅުމުގެ ގާނޫނާ ހިލާފު. އަޅުގަނޑުމެން ޝަރީއަތުގައި ފާހަގަކުރިން އެއްވެ އުޅުމުގެ ގާނޫނަކީ ޖިނާއީ ކުށެއް ބަޔާން ކުރާ ގާނޫނެއް ނޫނޭ. އަނެއްކާ އެ ގާނޫނުގެ ދަށަކުން ނޫނޭ ދައުވާ ވެސް ކޮށްފައި އޮތީކީ،" ނޫރުއްސަލާމް ވިދާޅުވި އެވެ.

މާސްކު ބެހުމަކީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުން ކަމަށް ފުލުހުން ބުނާއިރު، މާސްކް ބެހި ކަމަށާއި އެއީ ކުށެއް ނޫން ކަމަށް ޝަރީއަތުގެ މަޖިލީހުގައި މަހުލޫފް ވިދާޅުވެފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

އެ މައްސަލާގައި މިހާރު ދައުވާކޮށްފައިވާއިރު އެ ކުށް ސާބިތުވެއްޖެ ނަމަ ލިބޭނެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

މަހުލޫފް އެ އަދަބުގެ ހަތަރު ބައިކުޅަ އެއްބައި މިހާރުވެސް ޖަލުގައި ހޭދަކޮށްފައިވާތީ އޭނާ ދޫކޮށްލުމަށް އެދުނު ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އެފަދަ މައްސަލަތަކަކީ ޝަރީއަތް ކުރިއަށްދާއިރު ބަންދުގައި ބަހައްޓާ މައްސަލަތައް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ.

މަހުލޫފްގެ ވަކީލެއް ކަމަށްވާ ނާޒިމް ސައްތާރު ވިދާޅުވީ މަހުލޫފްގެ މައްޗަށް ދައުވާ ކުރަނީ ތިން މައްސަލައެއްގައި ކަމަށާއި އޭގެ ތެރެއިން ދެ މައްސަލައަކީ މަހުލޫފް ކުރައްވާފައިވާ ދެ ޓުވީޓަކާ ގުޅޭ މައްސަލަތަކެއް ކަމަށެވެ. އަނެއް މައްސަލައަކީ މާސްކް ބެހި މައްސަލަ އެވެ.

ފުލުހުންނަށް ހުރަސް އެޅުމުގެ ދެ ދައުވާއެއް ސާބިތުވެ، 2016 ވަނަ އަހަރު ވަނީ މަހުލޫފް 10 މަހާއި 24 ދުވަހަށް ޖަލަށްލައި ހުކުމް ތަންފީޒުކޮށްފަ އެވެ.