ޕާޓީގެ އެއްވެސް ކަމެއް އެމަނިކުފާނު ގޯސްކޮށް ކުރައްވާފައި ނުވާނެ ކަމަށާއި މިހާރު ޖެހިފައިވާ މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުުލްގައްޔޫމު މިރޭ ވިދާޅުވެއްޖެ އެވެ.

މައުމޫނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު ޕާޓީގެ ކަންކަމުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި އިސްލާހީ އެޖެންޑާއާ ގުޅޭ ގޮތުން މަޝްވަރާކުރަން ޕީޕީއެމްގެ އޮފީހުގައި މިރޭ ވަނީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. އެކަމަކު ޔާމީންގެ ފެކްޝަންގެ ބޭފުޅުން ވަނީ، ވަކި ހިސާބަކުން، ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފަ އެވެ.

އެއަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މައުމޫން ވިދާޅުވީ ޕާޓީގައި ޖެހިފައިވާ މައްސަލަތަކުގައި ދޫދެއްވަން ޖެހޭ ފަދަ ގޯސް ކަމެއް އެމަނިކުފާނު ނުކުުރައްވާ ކަމަށެވެ. އެ ފިޔަވަޅުތައް އެޅުއްވީ މައްސަލަތައް އިސްލާހު ކުރެއްވުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.

"ދޫދޭން އަޅުގަނޑު ކޮން ކަމެއްތޯ ގޯސްކުރީ؟ އަޅުގަނޑު ކަން މިކުރަނީ ރަނގަޅަށް. އިސްލާހު ކުރުމުގެ ބޭނުމުގައި، ދެން (ދޫދޭން) ކޮން ކަމެއްތޯ ރަނގަޅު ކުރާނީ؟" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިރޭގެ ބައްދަލުވުން، ކޯރަމް ހަމަނުވެގެން މެދުކަނޑާލަން ޖެހުނު ނަމަވެސް ޕާޓީގެ ތެރޭގައި ޖެހިފައިވާ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރައްވާނެ ކަމަށެވެ.

ކޯރަމް ގެއްލުނީ ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ނުކުމެވަޑައިގަތުމުންނެވެ. ޕީޕީއެމްގެ ކައުންސިލްގައި 33 މެމްބަރުން ތިބޭ އިރު މެޖޯރިޓީ އޮތީ ރައީސް ޔާމީންގެ އަތްޕުޅުގަ އެވެ.

ރައީސް ޔާމީން "ވަޑައިގެންނެވި ނަމަ އަޅުގަނޑު ވަރަށް އިއްޒަތާއި ގަދަރާ އެކު މަރުހަބާ ދަންނަވާނަން --މައުމޫން

މައުމޫން ވިދާޅުވި ގޮތުގައި އިސްލާހީ ޕްރޮގްރާމް ހުށަހެޅުއްވި ސަބަބު އެންމެންނަށް ވެސް އެނގޭނެ އެވެ. އެހެންވެ، އެހެން މެމްބަރުން ވެސް އެކަމާ މެދު ވިސްނައި، ޕާޓީ އިސްލާހު ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ.

މައުމޫން ވިދާޅުވީ ކައުންސިލް ބައްދަލުވުންތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނީ މުސްތަޝާރެއް ނުވަތަ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށާއި ނަމަވެސް އާއްމުކޮށް އެމަނިކުފާނު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ. އެހެންވެ ރައީސް ޔާމީން އޮތީ މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކަން އެނގިވަޑައިނުގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެކަމަކު އެމަނިކުފާނު ވަޑައިގެންނެވި ނަމަ އަޅުގަނޑު ވަރަށް އިއްޒަތާއި ގަދަރާ އެކު މަރުހަބާ ދަންނަވާނަން،" މައުމޫން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ބައްދަލުވުމުން ނުކުމެވަޑައިގަތީ، ޕީޕީއެމުން ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމާފައިވާ ދެ މެމްބަރަކު ބައްދަލުވުމުގައި އިންނެވުމުން ކަމަށް ވިދާޅުވެ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނެވެ.

ފާރިސް ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމިޔަސް އެއީ އަސާސީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.