ޕީޕީއެމްގެ "އައިޑެންޓިޓީ ނިގުޅައިގަތުމަށް" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މަސައްކަތް ކުރައްވަނީ ޑިމޮކްރަސީއާ ހިލާފަށް ކަމަށާއި އެކަން ނުކުރުމަށް ރާއްޖެއިން ރަޝިޔާއަށް ކަނޑައަޅާފައިވާ އެމްބަސެޑަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ގޮވާލައްވައިފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުރިން ރައީސް މައުމޫނާ ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި މުންދު ވިދާޅުވީ މިހާރު ވެރިކަން ހިންގާ ޕާޓީ ޕީޕީއެމްގެ އައިޑެންޓިޓީ މައުމޫނަށް ލިބިވަޑައިގެންފި ނަމަ އިދިކޮޅު ޕާޓީއެއް ނޯންނާނެ ކަމަށެވެ. އަދި އިދިކޮޅު އެންމެ ޕާޓީއެއް ވެސް ނެތުން ޑިމޮކްރަސީގެ އަސާސްތަކާ ހިލާފް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑު ކޯލިޝަނެއް ވެރިކަމެއް އަންނަ އިރު އަޅުގަނޑުމެން އެކަނި މި ދަނީ އޮޕޮޒިޝަނަށް. އެހެންވީމާ އަޅުގަނޑުމެން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމުގެ މުހިންމުކަން އިހުނަށްވުރެ ބޮޑު. އެއީ އަޅުގަނޑުމެން ނޫން އިތުރު އޮޕޮޒިޝަނެއް ނެތް ނަމަ އަޅުގަނޑުމެންނަށް ރައްޔިތުން ތަމްސީލު ކުރުމުގެ އިހްތިޔާރާއި ފުރުސަތު ލިބިދިނުމަކީ ޑިމޮކްރަސީގެ އުސޫލުން ވެސް ކޮންމެހެން ވާންޖެހޭ ކަމެއް،" މުންދު ވިދާޅުވި އެވެ.

ޕީޕީއެމުން މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮންގްރެސް ހުއްޓުމަށް އެދިވަޑައިގެން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އަދި އެ ކޮންގްރެސް އާއި ކޮންގްރެސްގެ ނިންމުންތައް ސައްހަ ނޫން ކަމަށް ވިދާޅުވެ ރައީސް މައުމޫން ވަނީ އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.

މީގެ އިތުރުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ ރައީސް މައުމޫން މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ އައިޑެންޓިޓީ "ތަރިކަ މުދަލެއް ގޮތަށް" ގެންދަވަން ކަމަށާއި ކޯޓު މެދުވެރިކޮށް ނަމަވެސް މައުމޫން ޕާޓީ ހޯއްދަވަން ކުރައްވާ މަސައްކަތް ޑިމޮކްރަސީއާ ހިލާފް ކަމަށެވެ.

"... އަދި އަޅުގަނޑުމެންގެ މަސައްކަތަށް ހުރަސް އަޅަން، ކޯޓު މެދުވެރިކޮށް ވެސް އަދި އެ ނޫން ގޮތަކުން ވެސް ކުރާ މަސައްކަތަކީ ޑިމޮކްރަސީއާ ހިލާފަށް ކުރާ މަސައްކަތެއް ކަމަށް އަޅުގަނޑު ދެކެން. އަދި ރައީސް މައުމޫނާއި ރައީސް މައުމޫންގެ ބައިވެރިން އެ ކުރައްވާ މަސައްކަތުން އަޅުގަނޑަށް ދޭހަވަނީ ޑިމޮކްރަސީގެ މުހިންމު އަސާސަކަށް އެބޭފުޅުން ފުރަގަސްދެއްވަނީ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މައުމޫން ވެރިކަމުން ފައިބައިވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ އޮފީސް ހިންގެވުމުގައި ވެސް އުޅުއްވި މުންދު ގޮވާލެއްވީ މައުމޫންގެ މަސައްކަތް ހުއްޓާލެއްވުމަށެވެ.

"... އެކަން ރައީސް މައުމޫނާއި ރައީސް މައުމޫންގެ ބައިވެރިން ހުއްޓާލެއްވުމަށް އަޅުގަނޑު އިހުލާސްތެރިކަމާއެކު ގޮވާލަން،" އޭނާ ވިދާޅުވި އެވެ.

އެއް އަހަރާއި ހަތް މަހުގެ ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދެވި މައުމޫން ކަފާލަތުގެ ދަށުން މިނިވަންކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހެވެ. ޕީޕީއެމްގެ ކޮންގްރެސްއާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުއްވާފައި ވަނީ ހޯމަ ދުވަހެވެ.