ޚަބަރު / ސުޕްރީމް ކޯޓް

މެމްބަރުން ޖަލްސާއަށް ނުދާ މައްސަލާގައި ސުޕްރީމް ކޯޓުގައި އަނެއްކާވެސް ބޮޑު ބަހުސެއް

ސުޕްރީމް ކޯޓު: ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުުގެ މައްސަލާގައި މިއަދު ހުކުމް ކުރާނެ ކަމަށް ބެލެވިފައި އޮތަސް، މިއަދު ބޭއްވީ އަޑުއެހުމެއް --ފޮޓޯ/މިހާރު

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ އޮޓަމެޓިކުން ފަނޑިޔާރުކަމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގެ މައްސަލައިގެ ޝަރީއަތުގައި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ޖަލްސާއަށް ހާޒިރުނުވާތީ އެކަމާ އަނެއްކާވެސް ބޮޑު ބަހުސެއް ސުޕްރީމް ކޯޓުގައި މިއަދު ކޮށްފި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް މިދިޔަ މަހު ގެނައި އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ކުރިން ނިންމާލާފައި އޮތުމުން މިއަދު އެ މައްސަލާގެ ހުކުމް ކުރާނެ ކަމަށް ކުރިން ބެލެވިފައި އޮތަސް، މިއަދު ބޭއްވި އަޑުއެހުމަކީ އިތުރު ކަންތައްތަކެއް ސާފުކުރަން ބޭއްވި އަޑުއެހުމެވެ. މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ދިޔައީ ބައެއް މެމްބަރުން ގަސްދުގައި ޖަލްސާއަށް ހާޒިރުނުވާ މައްސަލާގައި ދެ ފަރާތުން ކުރި ބަހުސެވެ.

ޖަލްސާއަށް ނުދާ މައްސަލާގައި މިއަދު ވެސް ބޮޑު ބަހުސެއް

މެމްބަރުން ޖަލްސާއަށް ހާޒިރުނުވާ މައްސަލާގައި ބަހުސްކުރީ އެ އިސްލާހަށް ވޯޓަށް އެހިއިރު ގާނޫނު އަސާސީގެ 87 ވަނަ މާއްދާގައި ބުނާ ފަދައިން 43 މެމްބަރުން ޖަލްސާގައި ހާޒިރުވެ ނެތުމުން އެއީ އެ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ކަމަށް އެ މައްސަލާގައި ތިން މެމްބަރުންގެ ފަރާތުން ފާހަގަކޮށްފައި އޮތުމުންނެވެ.

ދައުލަތުން ގަބޫލުކުރާ ގޮތުގައި އެ އިސްލާހަށް ވޯޓަށް އަހަން 43 މެމްބަރުން ހަމަވާކަށް ނުޖެހެ އެވެ. އަދި އެ އަދަދަށް މެމްބަރުން ޖަލްސާގައި ތިބެން ޖެހޭނެ ކަމަށް ބަހުސްގެ ބޭނުމަށް ބެލިޔަސް، އެ އިސްލާހު ފާސްކުރީ ރަނގަޅަަކަށް ކަމަށް ދައުލަތުން ދެކެ އެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނަނީ ގަސްދުގައި ބައެއް މެމްބަރުން ޖަލްސާއަށް ހާޒިރުނުވީ ކަމަށާއި އެހެންވެ ޑޮކްޓްރިން އޮފް ނެސެސިޓީގެ ދަށުން އެ ހާލަތުގައި 43 މެމްބަރުން ނެތީސް އެ އިސްލާހަށް ވޯޓަށް އެހުން ރަނގަޅު ކަމަށެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވެސް އެކަމާ ބެހޭގޮތުން ބަހުސްކޮށްފައި ވާއިރު މިއަދުގެ އަޑުއެހުމުގައި ވެސް މައިގަނޑު ގޮތެއްގައި ދެ ފަރާތުން ބަހުސްކުރީ އެކަމާ ގުޅޭގޮތުންނެވެ.

މެމްބަރުންގެ ހާޒިިރީގެ ބައެއް ތަފްސީލުތައް މިއަދުގެ އަޑުއެހުމުގައި ހާމަކުރުމަށް ފަހު ދައުލަތުގެ ވަކީލާ މާޝާ ލުތުފީ ވިދާޅުވީ ގަސްދުގައި ޖަލްސާއަށް ބައެއް މެމްބަރުން ހާޒިރު ނުވުމުގެ ސަބަބުން މަޖިލީހުން ފާސްކުރަންޖެހޭ މުހިންމު ބިލްތަކެއް ފާސް ނުކުރެވި އެބަހުރި ކަމަށާއި އެ ބިލްތަކަކީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ބިލްތަކެއް ކަމަށެވެ. އެކަމަށް ހައްލެއް ނުގެނެވިއްޖެ ނަމަ ކުރިއަށް އޮތް ތަނުގައި ވެސް މަޖިލީހުން މުހިންމު ކަންކަން ފާސް ނުކުރެވި، ބޮޑެތި ހުރަސްތައް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް މާޝާ ވިދާޅުވި އެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި، ތިން މެމްބަރުންގެ ވަކީލުން ވަނީ، ގަސްދުގައި މެމްބަރުން ހާޒިރު ނުވާތީ ނެސެސިޓީގެ ވާހަކަ ދައުލަތުން ގެންނަން ޖެހެނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ޖެހުމުންތޯ ވިދާޅުވެ، ސުވާލު އުފައްދަވައިފަ އެވެ. އަދި މެމްބަރުން ހާޒިރު ނުވުމުގެ ސަބަބުން ކިތައް ބިލް މަޖިލީހުގައި މިހާރު ފާސް ނުކުރެވި އޮތްކަން ދައުލަތުން ސާފު ކޮށްދޭން ޖެހޭނެ ކަމަށް އެ ވަކީލުން ވިދާޅުވި އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލާ މާޝާ ވިދާޅުވީ ދައުލަތުގެ އެ ވާހަކަ ނިސްބަތްކުރީ ވަކި ބިލަކަށް ނޫން ކަމަށާއި އެ ވާހަކަ ފާހަގަކުރީ މަޖިލިސް މިހާރު އޮތް ހާލަތު ސާފުކޮށް ދިނުމުގެ ގޮތުން ކަމަށެވެ. އަދި މިއަހަރުގެ ދައުލަތުގެ ބަޖެޓް ފާސް ކުރިއިރު ވެސް ގިނަ އަދަދެއްގެ މެމްބަރުން ޖަލްސާއަށް ހާޒިރު ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ތިން މެމްބަރުންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައަށް ފަހު ހިނގި ކަންކަމާ ގުޅިގެން ކަމަށެވެ. އެކަމަކު މަޖިލީހުން ކަމެއް ފާސް ނުކުރެވިގެން މިހާތަނަށް ގައުމު ހުއްޓުމަކަށް އަންނަން ޖެހިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިއަހަރުގެ ދައުލަތުގެ ބަޖެޓް ވެސް މަޖިލީހުން ފާސްކޮށް، އެ ބަޖެޓްގެ ދަށުން މިހާރު ވެސް ޚަރަދުތައް ކުރަމުންދާ ކަން ރިފްއަތު ފާހަގަކުރެއްވި އެވެ.

މެމްބަރުން ހާޒިރުނުވާ މައްސަލައިގެ ތަފްސީލު ހާމަ ކުރައްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މި އަހަރު މިހާތަނަށް ނެގި ގިނަ ވޯޓުތަކުގައި ވެސް 43 މެމްބަރުން ޖަލްސާއަށް ހާޒިރުވީ މަދު ޖަލްސާތަކެއްގައި ކަމަށެވެ. މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ވެސް އެކަން ހިނގަމުން އައިސްފައިވަނީ އެގޮތަށް ކަމަށް ވިދާޅުވެ، މާޝާ ވިދާޅުވި ގޮތުގައި ޖަލްސާއަށް ހާޒިރު ނުވަނީ އާންމުކޮށް އެއް މެމްބަރުންތަކެއް ކަން ފާހަގަ ކުރެވެ އެވެ. އެހެންވެ، އެއީ މަގްބޫލު އުޒުރެއް ނެތި ގަސްދުގައި ހާޒިރުނުވުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާޝާ ވިދާޅުވި ގޮތުގައި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ވޯޓަށް އެހި ދުވަހު ވެސް 28 މެމްބަރަކު މަޖިލީހަށް ހާޒިރު ނުވެވޭނެ ކަން އެންގި އެވެ. އެކަމަކު އޭގެ ތެރެއިން ނުވަ މެމްބަރަކު އެދުވަހު މަޖިލީހުގައި އޮތް ކޮމެޓީތަކަށް ހާޒިރުވި ކަމަށް ވިދާޅުވި އެވެ.

ޖަލްސާއަށް ހާޒިރުނުވި ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު ދެ މެމްބަރުންނަށް

އެ މައްސަލަ ހުށަހެޅި ތިން މެމްބަރުންގެ ތެރެއިން މިއަދުގެ އަޑުއެހުމަށް ހާޒިރުވި ދެ މެމްބަރުން ކަމަށްވާ އަނާރާ އާއި އަލީ ހުސައިން އެދުވަހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިނުގަތް ސަބަބާ ބެހޭގޮތުން ފަނޑިޔާރުންގެ ބެންޗުން އެ ދެ ބޭފުޅުން ސުވާލު ކުރެއްވި އެވެ. އަނާރާ ވިދާޅުވި ގޮތުގައި އޭނާ ހާޒިރުވެ ވަޑައިނުގަނެވޭކަން މަޖިލީހަށް އަންގައި، ސަލާމް ފޮނުވީ ޖަލްސާގެ ވަގުތު އޮތްގޮތުންނެވެ.

އެކަމާ ގުޅޭގޮތުން އަލީ ހުސައިނާ ސުވާލު ކުރެއްވުމުން އޭނާ ފުރަތަމަ ޖަވާބު ދެއްވަން ދެކޮޅު ހެއްދެވި އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އޭނާ ވަކީލުކަމުން ސަސްޕެންޑް ކޮށްފައިވާތީ އެއްވެސް ވާހަކައެއް ކޯޓުގައި ދެއްކުން އޭނާއަށް މަނާ ކޮށްފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އަލީ ހުސައިނަށް މަނާކުރީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުގައި ވާހަކަ ދެއްކުން ކަމަށާއި އެ މައްސަަލާގައި އަލީ ހުސައިނަކީ މައްސަަލަ ހުށަހެޅި ފަރާތެއް ކަމަށްވާތީ ވާހަކަ ދައްކަން ހުރަހެއް ނެތް ކަމަށެވެ.

ބެންޗުން އެގޮތަށް ވިދާޅުވުމުން އަލީ ހުސައިން ވިދާޅުވީ އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިނުގެންނެވޭނެކަން އަންގައި، މަޖިލީހަށް ސަލާމް ފޮނުއްވާފައިވާނެ ކަމަށާއި އެކަމަކު ސަލާމް ފޮނުއްވި ސަބަބު ހާމަ ނުކުރެވެން ނެތް ކަމަށެވެ. އެއީ އޭނާގެ ޒާތީ ކަމެއް ކަމަށް ވިދާޅުވެ އަލީ ހުސައިން ވިދާޅުވީ ޒާތީ މުއާމަލާތްތައް ހާމަ ނުކުރެވޭނެ ކަމަށެވެ.

ހާޒިރީއާ ގުޅޭ ސިއްރު ލިޔުމެއްގެ މައްސަލާގައި ވެސް ބޮޑު ބަހުސެއް

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުގެ ދެމެދުގައި ބޮޑު ބަހެސެއް ހިނގި އަނެއް ކަމަކީ އެ މައްސަލާގައި ދައުލަތުން ސިއްރު ލިޔުމެއް ޝަރީއަތަށް ހުށަހެޅުމެވެ. އަޑުއެހުން ފެށުމާ އެކު ދައުލަތުން ހުށަހެޅި ސިއްރު އެ ލިޔުމަކީ މެމްބަރުންގެ ހާޒިރީއާ ގުޅޭގޮތުން މަޖިލީހުން ހޯދާފައިވާ ލިޔުމެކެވެ. އެ ލިޔުން މަޖިލީހުން ދިނީ ސިއްރު ލިޔުމެއްގެ ގޮތުގައި ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު އެ ލިޔުމާ ގުޅޭ ބައެއް ތަފްސީލުތައް ދައުލަތުން ޝަރީއަތުގައި އިއްވި އެވެ.

އެކަމަކު ތިން މެމްބަރުންގެ ވަކީލުން ވަނީ އެ ލިޔުން ސިއްރު ނުކުރެވޭނެ ކަމަށް ވިިދާޅުވެ، އެ ލިޔުން ހާމަކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ތިން މެމްބަރުންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ އިސްތިސްނާ ހާލަތްތައް ފިޔަވައި ޝަރީއަތް އާންމުކޮށް ހުޅުވާލައިގެން ގެންދަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާ ކަމަށާއި ޝަރީއަތް ހުޅުވާލުމުގެ މާނައިގެ ތެރޭގައި ލިޔުންތައް ވެސް ދެ ފަރާތަށް ހާމަކުރުން ހިމެނޭނެ ކަމަށެވެ. ދައުލަތުން ހުށަހެޅި ސިއްރު ލިޔުން ނުލިިބެނީސް، ހާޒިރީއާ ގުޅޭގޮތުން ވާހަކަ ނުދެއްކޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

އެ ލިޔުން ނުދިނަސް، އެ ލިޔުމުގައި ހުރި ގިނަ މައުލޫމާތުތަކުގެ ތަފްސީލުތައް ޝަރީއަތުގައި ދައުލަތުން ހާމަ ކޮށްފައިވާ ކަން ފާހަގަކޮށް، ފަނޑިޔާރުންގެ ބެންޗުން ވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ތިން މެމްބަރުންނަށް ވަކީލުންނަށް ދަތިިވޭތޯ ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި އެ ވަކީލުން ވިދާޅުވީ ދައުލަތުން ހާމަކުރި ތަފްސީލުތައް ބިނާކުރަނީ އެ ލިޔުމަށް ކަމަށާއި އެހެންވެ އެ ލިޔުން ފެންނަން ނެތީސް، އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަން އުނދަގޫ ކަމަށެވެ. އެހެންވެ، އެ ލިޔުން ސިއްރު ކުރުމާ މެދު ފަނޑިޔާރުން ގޮތެއް ނިންމައި ދިނުމަށް އެ ވަކީލުން އެދުނެވެ.

އެކަމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން މަޝްވަރާ ކުރުމަށް ފަހު ބެންޗުން ނިންމެވީ އެ ލިޔުން ތިން މެމްބަރުންގެ ވަކީލުންނަށް ފޯރުކޮށް ދިނުމަށެވެ. ކޯޓުގައި ތިބެގެން އެ ލިޔުން ބެލުމުގެ ފުރުސަތު ވަކީލުންނަށް ދެއްވާނެ ކަމަށް ބެންޗުން އިއުލާން ކުރައްވައި، އެ ލިޔުން ވަކީލުންނަށް ދިނެވެ.

އެ ލިޔުން ބެއްލެވުމަށް ފަހު، ވާހަކަ ދެއްކެވުމަށް ތައްޔާރުވެ ވަޑައިގަތުމަށް އެއް ގަޑިއިރުގެ ވަގުތެއް ދެއްވުމަށް ވަކީލުން އެދިވަޑައިގަތަސް، ބެންޗުން ވިދާޅުވީ ދެވޭނީ ބައިގަޑިއިރުގެ ވަގުތެއް ކަމަށެވެ. އެކަމަކު ބައިގަޑިއިރުގެ ތެރޭގައި ތައްޔާރު ނުވެވޭނެ ކަމަށް ވިދާޅުވެ، ވަކީލުން ވަނީ އެ ލިޔުމާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދޫކޮށްލައިފަ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.

37 ކޮމެންޓް, 66 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 3%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޏުދިއުމުގެ ހައްގު

06 April 2018

ބަލަގަ ތިޔަ ބުނާ މަޖިލިހަށް މެމްބަރުން ދިޔުމާ ނުދިއުމަކީ ކޮންމެ މެމްބަރަކަށް ލިބިގެންވާ ހައްގެއް. ޟަޖިލީހުގަ ހިނގާ ކަންތައްތަކާ ބެހޭގޮތުން ހިއްހަމަ ނުޖެހޭނަމަ އިހުތިޖާޖުކުރމުގެ ގޮތުންވެސް އެތަނަށް ނުދިއުމުގެ ހައްްޤު ކޮންމެ މެމްބަރަކައްވެސް އޮންނާނެ. އަދި ކިއެއްތަ.. އެތަނުގެ ޤަވާއިދުތަކާއި ޤާނުނުތަކުގަ ނުދިޔަސް މުސާރަ ނުކުަޑާގޮތައް އޮންނަނީވެސް މިއަސަސްތަކަށްބިނާކޮށް ކަމަށްދެކެން. ގަދަކަމުން ބަނދެގެން އެތަނަށް މެމްބަރުން ވައްދާނަމަ އެނެގޭ ވޯޓަކީ ބަޔަކު ގަދަކަމުން ވައްދައިގެން ބިރުދައްކާގެން ނެގޭ ވޯޓެއް ގޮތުގައި ނުވެނުދާނެ.

The name is already taken The name is available. Register?

ނުދިޔުމޭ

07 April 2018

މުސާރަ ނުކަނޑާގޮތަށް އޮންނަނީ އެއްވެސް ޙައްޤެއް ދޭކަށް ނޫން. އެއީ ހަމަ މެމްބަރުން ދަހިކަމުން އަމިއްލައަށް ޤަވާއިދު ހެދިގޮތް. އަނެއް ކޮޅުން އިހުތިޖާޖުކުރުމުގެ މަޤުޞަދުގަ މަޖިލިހަށް ނުދަންޏާ އިހުތިޖާޖު ކުރާ ދުވަސްތަކަށް މުސާރަ ނަގައިގެން ނުވާނެ. އެހެންނޫނީ އެއީ ޒިންމާދާރު އިހުތިޖާޖެއް ނޫން. އެހެން ޤައުމުތަކުގަ ސްޓްރައިކް ކުރާ މީހުން މުސާރަ ނަގާތޯ ބަލާލަބަލަ؟ ނުނަގާނެ. އެއީ ހަމަޖެހޭ ގޮތެއްވެސް ނޫން. ޒިންމާދާރު ގޮތެއްވެސް ނޫން.

The name is already taken The name is available. Register?

ހެހެ

06 April 2018

ޖަލްސާއަށް ގަސްތުގައި ނުދާ މެމްބަރުންގެވެސް މުސާރަ އެމީހުންނަށް ހަލާލުވޭބާ؟

The name is already taken The name is available. Register?

ބޮޑުރިޔާ

06 April 2018

ޢަަލީކީއްވެތަނުބުނީ އެތަނަށްދިޔައީމާ އެއްލާލަނީ ފާރުމަތިންނޭނުބުމީ އަދި ޖަލްސާތަށްބާއް ވަނީ ސައްްހަނޫން ރައީސެއްމެދުވެރިކޮށްގެންނޭނުބުނީ

The name is already taken The name is available. Register?

މެންޓަލިސްޓް

06 April 2018

އާދެ އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ މިހާރު ތިޔައޮތް ސްޕްރީމްކޯޓަކީ އެއްވެސް ހާލެއްގައި ރާއްޖޭގެ ގާނޫންއަސާސީގައި ދިވެހިބަހުން ލިއެފައިއޮތް އެއްޗަކަށް ބަލާއިރު ސައްހަވާނޭ ސްޕްރީމްކޯޓެއްނޫނޭ ،،،، އޭގައި ކަނޑައެޅިގެން ކަޅާއިހުދުން ލިއެފައިއެބައޮތް ސްޕްރީމްކޯޓް އެކުލެވިގެންވަނީ އުއްތަމަފަނޑިޔާރާޢި އެކުގައިކަމުގައި ،،،، މާނައަކީ އެތަނުގެ ނިންމުންތަށް ސައްހަވުމުގައި އުއްތަމަފަނޑިޔާރުގެ ރޯލްއޮންނަންވާނެކަމަށް ،،،،، ނަމަވެސް މިއަދު އުއްތަމަ ފަނޑިޔާރު ހުންނެވީ ޖަލުގައި ،،،، ވީމާ ކޮންމެވެސް އުސޫލަކުން ގޮތަކުން ނަމަވެސް އުއްތަމަ ފަނޑިޔާރުކަން 3 މީހުންކުރެ އެކަކަށް ދީގެން މެނުވީ މިއަދުއޮތް ސްޕްރީމްކޯޓް ސައްހައެއްނުވާނެ ،،،، ވީމާ ގާނޫންއަސާސީގެ ވާހަކަ ދައްކާއިރު ފުރަތަމަ އެތަން ސައްހަކުރައްވާ ،،،، ނޫނީ ހުރިހާ ނިންމުމެއް ބާތިލްވާނެ ،،، މައައްސަލާމާ

The name is already taken The name is available. Register?

ޣައިރު ޤާނޫނު

06 April 2018

ރައްޔިތުން ހޮވާފައި ތިބި 12 މެމްބަރުން ސިފައިން ބޭނުން ކޮށްގެން މަޖްލީހަށް ވަނަ ނުދީ ދެބްތިބި ތަނުން ޢިދިކޮޅު ހައެއްކަ މެމްބަރުން އަބަދުވެސް ޖަލުގައި ހައްޔަރު ކޮށް ބަހައްޓާފައި 85 މެމްބަރުން ތިބޭ މަޖްލީ ހަކުން ޕީޕީއެމްގެ 24 މެމްބަރުން ވަދެ ތިބެ ފާސް ކުރާ އެއްޗެއްސަށް ޤާނޫނޭ ކިޔޭނެ ބާއެވެ. މި ގޮތަށް ނުބައި ނިޔަތުގައި ތިބެ އުސޫލް ތަކާ ޚިލާފަށް ފާސްކުރާ އެއްޗެހި ތަންފީޒު ކުރަން ތަންފީޒީ ބާރު ތަކަށް ޖެހޭނެ ތޯއެވެ؟

The name is already taken The name is available. Register?

ރައްޔިތުމީހާ1

06 April 2018

ނިކަމެތި ސްޕީމް ކޯޓުގެ ފަނޑިޔާރުންނަށް އިންސާފު ހޯދާ ނުދެވޭނެކަމަށް ފެންނަނަމަ މައުޝަރު ދުވަހަށް ބިރުވެތިވެ ތިކަން ނުކުރުން މާ ހެޔޮކަން ބޮޑު!

The name is already taken The name is available. Register?

އަލީ!

05 April 2018

ފަނީޔާރުން ބިރުވެތިވަނީ ވަކި އިންސާނަކަށް!!

The name is already taken The name is available. Register?

އަލީ!

05 April 2018

ކޯޓުންވެސް ބަލަނީ ދިގު ދެއްމޭތޯ... ހަމަ ސަރުހާރު ހިތްޕުޅާވާ ގޮތަށްނޫނީ ހުކުމެއް ނުނެރެވޭނެ.

The name is already taken The name is available. Register?

ޖަނަބެ

05 April 2018

ޢަލީ ޙުސައިނަކީ ތަނެއްދޮރެއް ނުދަންނަ މީހެއްކަން މިއަދު ކޯޓުގައި ތިޔަ ދެއްކި ވާހަކައިންވެސް އެނގިއްޖެ.

The name is already taken The name is available. Register?

މޮހަނާ

05 April 2018

ފުރަތަމަ މި ހެދިގޮތަކީ މިޖިލީހުން ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭނެކަން ޔަގީންވުމުން 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ހަދާ 12 މެމްބަރުން މަޖިލީހަށް ވަނަނުދީ ހިފަހައްޓާގެން ތިބީއެވެ. ޢެހާވަރުން އަދި ޤާނޫނީ ގޮތުން މެމްބަރުންގެ ގޮނޑި ޤާނޫނު އޮތްގޮތުން ނުގެއްލޭކަން އެނގުމުން ދެން މިހެދި ގޮތަކީ އެމެމްބަރުން މަޖިލީހަށް ނުވައްދާ ޢެމެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަމަށް ބުނެ ޤާނޫނެއް ފާސްކުރީއެވެ. މީ އެއްވެސް ގޮތަކަށް އިންސާފުން ހިނގާ ކަމެއްކަމަށް ޤަބޫލު ކުރރވޭނީ ކިހިނަކުންތޯއެވެ. ޥީމާ މިކަން ކުރާ ނިޔަތާއި މަޤްސަދާއި ކުރާގޮތްވެސް ގޯސް ނޫންތޯއެވެ. މަކަރާއި ހީލަތާއި ނުފޫޒުން ހިންގާ ކަންކަމަކީ އަދުލުއިންސާފު ކަމުގައި ޤަބޫލު ކުރަންވީތޯއެވެ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454