އަމުރު ތަންފީޒު ކުރަން ކުރީގެ ސީޕީ އަރީފް ދުރާލައި ތައްޔާރުވި: ފުލުހުން

ސިޔާސީ އިދިކޮޅު ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކުން ދޫކުރަން މިދިޔަ ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ދުރާލައި ތައްޔާރު ވެފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ސީޕީ އަރީފާ ގުޅޭގޮތުން، ފުލުހުންގެ ތަރުޖަމާން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އަމުރު ތަންފީޒު ކުރުމަށް ބައެއް ފުލުހުންގެ އޮފިސަރުންނަށް ޚާއްސަ ޓާސްކްތަކެއް ދީ، އަރީފް ދުރާލައި ތައްޔާރު ވެފައިވާ ކަމަށެވެ.

"ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށްޓަކައި ދުރާލައި، ރާވައިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ އިދާރީ އޮނިގަނޑަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަން އަޅުގަނޑު ފާހަގަ ކޮށްލަން. މި ބަދަލަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އާއްމު އުސޫލާ ޚިލާފަށް ގެނެވިފައިވާ ބަދަލެއް ކަން ވެސް ފާހަގަކޮށްލަން،" ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނުދީ ބޭއްވި މީޑިއާ ބްރީފިންގައި ޝިފާން ވިދާޅުވި އެވެ.

ފުލުހުންގެ ތަރުޖަމާން ޝިފާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފައިލް ފޮޓޯ: މިހާރު

ނަމަވެސް ފުލުހުންގެ އިދާރީ އޮނިގަނޑަށް އަރީފް އޭރު ގެންނެވި ބަދަލުތަކުގެ ތަފްސީލެއް ޝިފާން ނުދެއްވަ އެވެ.

ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު މިނިވަން ކުރުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރާނެ ކަމަށް އެ އަމުރު ނެރުނު ރޭ ފުލުހުން ބުނެފައި ވެ އެވެ.

އެއާ އެކު، މާ ގިނައިރުތަކެއް ނުވެ ރައީސް އަބްދުﷲ ޔާމީން ވަނީ ކޮމިޝަނަރު ކަމުން އަރީފް ވަކިކުރައްވައިފަ އެވެ. ސަރުކާރުން އޭރު ބުނީ އަރީފް މަގާމުން ވަކިކުރީ ރައީސް ޔާމީން ގުޅުއްވުމުން ފޯނަށް ޖަވާބް ނުދެއްވާތީ ކަމަށެވެ.

ޝިފާން ވިދާޅުވީ ފެބްރުއަރީ 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި ފުލުހުންގެ ބަޔަކު ނުކުމެ ފުލުހުންނާ ކުރިމަތިލާފައިވާ ކަމަށެވެ.

އެ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ.

އަރީފާއި އިތުރު ފުލުހުންތަކެއް ވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ ތުހުމަތުގައި ބަންދު ކޮށްފައިވާ އިތުރު ބޭފުޅުންގެ ގެތެރޭގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ