ރިޔާޒްގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ފުލުހުންގެ ތަހުގީގެއްގައި އޭނާގެ ފޯނު ހުޅުވައި ނުދިން ކަމަށް ބުނެ އޭނާއާ ދެކޮޅަށް ދައުލަތުން އިސްތިއުނާފް ކޮށްފައިވާ މައްސަލާގެ އަޑުއެހުމެއް މާދަމާ ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.


ކުރިން ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒްއާ ދެކޮޅަށް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލައަކީ މިދިޔަ އަހަރު ކޯޓު އަމުރެއްގެ ދަށުން އޭނާ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން އޭނާ ނުކުރި މައްސަލަ އެވެ. އެ މައްސަލާގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ރިޔާޒްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލުމުން އެ ކޯޓުން ނިންމީ ރިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިމަހުގެ ދެވަނަ ދުވަހު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. އެހެންވެ، އެ މައްސަލާގެ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، މާދަމާ އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.

ރިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރު ކަން ނުގެއްލުނަސް، ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

އެ މައްސަލަ ހައި ކޯޓުގައި ހިނގަމުން ދަނިކޮށް އެ މައްސަލަ ބައްލަވާ ބެންޗަށް ވެސް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން އެ ބެންޗުގައި ތިއްބެވި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފްގެ ބަދަލުގައި ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ އައްޔަން ކޮށްފަ އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ބެންޗުގައި ދެން އިންނަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

ރިޔާޒާ ދެކޮޅަށް ދައުލަތުން އިސްތިއުނާފްކުރި މައްސަލައިގެ އަޑުއެހުން މާދަމާ ބާއްވާއިރު، ރިޔާޒްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރާ އެހެން މައްސަލައަކާ ގުޅިގެން އޭނާ މިހާރު ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ދައުލަތުން ކުރެ އެވެ.