އިއްތިހާދުގެ މިރޭގެ ޖަލްސާ ޕްރޮމޯޓް ކުރަން ދެމި ބެނާތައް ފުލުހުން ނަގައިފި

ސަރުކާރާ އިދިކޮޅު އިއްތިހާދު (މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން) އިން މިރޭ މާލޭގައި ބާއްވާ ޖަލްސާ ޕްރޮމޯޓް ކުރަން ދެމި ބެނާތައް ފުލުހުން ނަގައިފި އެވެ.


ފުލުހުންގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ އެ ބެނާތައް ހުރިހާ ސަރަހައްދަކުން ނަގާފައިވާ ކަމަށެވެ. އޭގެ ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ބެނާތައް ފުލުހުން ނެގީ ހައުސިން މިނިސްޓްރީގެ ހުއްދަ ނުނަގައި ދަމާފައިވާތީ އެވެ.

މަތުގަކުގައި އިސްތިހާރުކުރުމުގެ ކުރިން އެކަމުގެ ހުއްދަ ހައުސިން މިނިސްޓްރީން ހޯދަން ޖެހޭނެ އެވެ.

"އިސްތިހާރުކުރަން އޮންނަ އުސޫލުތަކުގެ ބޭރުން އެކަން ކުރަންޏާ ބެލުމަށް ފަހު ފުލުހުން އެ އެއްޗެހި ނަގާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ޖަލްސާ ބާއްވާނެ ތަނެއް ހައުސިން މިނިސްޓްރީން ހަމަޖައްސައިދީފައި ނުވާތީ، އިއްތިހާދުގެ މިރޭގެ ޖަލްސާ ބާއްވަނީ އެމްޑީޕީގެ ހަރުގޭގަ އެވެ.

އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގަން ސަރުކާރުން ހުރަސްއަޅާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.