ޓީޗަރު، ދަރިވަރާ މާރާމާރީ ހިންގިކަން ސާބިތެއް ނުވޭ: އެޑިއުކޭޝަން

މަޖީދިއްޔާ ސްކޫލްގައި ދަރިވަރާ ޓީޗަރު މާރާމާރީ ހިނގިކަން މިހާތަނަށް ސާބިތު ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރަކާއި އެ ސްކޫލް ކިޔަވައިދޭތާ 12 އަހަރު ވެފައިވާ އިންޑިއާގެ ޓީޗަރަކާ ދެމެދު އާދިއްތަ ދުވަހު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވެނީ، އެ ދަރިވަރު ހުއްދަ ނެތި ކްލާހަކަށް ވަދެ ކުދިންނަށް ފުރައްސާރަ ކުރަން ފެށުމުން ކްލާހުން ނެރެން އެ ޓީޗަރު މަސައްކަތް ކުރުމުންނެވެ. އެ މައްސަލާގައި ޓީޗަރު ސަސްޕެންޑް ވެސް ކުރި އެވެ.

އެ މައްސަލަ ބެއްލެވި، އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު "މިހާރު" އަށް ވިދާޅުވީ އެކަން ބަލައި ބަޔާން ނަގަން ޖެހޭ ފަރާތްތަކުގެ ބަޔާންތައް އިއްޔެ ނަގާފައިވާ ކަމަށެވެ. އެ މައުލޫމާތުތަކަށް ބަލާއިރު އެ ޓީޗަރު ދަރިވަރާ މާރާމާރީ ހިންގިކަން ސާބިތު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން އިއްޔެ މެންދުރު އަޅުގަނޑުމެން ވާނީ މަޖީދިއްޔާ ސްކޫލަށް ވެސް އަންގާފައި،" ސައީދު ވިދާޅުވި އެވެ.

ނަމަވެސް މަންޒަރު ދުށް ޓީޗަރަކު "މިހާރު" އަށް ބުނި ގޮތުގައި ދަރިވަރާއި ޓީޗަރާ ދެމެދު މާރާމާރީ ހިންގި އެވެ. ކަތުރަކާއި ދަނޑިބުރިއެއް ހިފައިގެން ޓީޗަރަށް ހަމަލާދޭން ދަރިވަރު މަސައްކަތް ކުރި ކަމަށް ވެސް އެ ޓީޗަރު ބުންޏެވެ.

ސާބިތުނުވާ މައްސަލައެއްގައި ޓީޗަރު ސަސްޕެންޑްކުރީ ކީއްވެގެންތޯ ދެންނެވުމުން ސައީދު ވިދާޅުވީ ޓީޗަރު ސަސްޕެންޑްކުރީ އޭނާ ކުށްވެރިވެގެން ނޫން ކަމަށެވެ. އެއީ އެ މައްސަލަ ބަލައި ނިމެންދެން އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުސާރަ ލިބޭ ގޮތަށް ގޭގައި މަޑުކުރަން އެންގީ. އެއީ އެ ޓީޗަރު ކުށްވެރި ވެގެން އެޅި ފިޔަވަޅެއް ނޫން. ސިވިލް ސާވިސް ގަވައިދުގައިވާ ގޮތުން ވެސް މުވައްޒަފަކަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލާއިރު އެގޮތަށް ގޭގައި ވަކި މުއްދަތަކަށް މަޑުކުރަން އަންގާާ،" ސައީދު ވިދާޅުވި އެވެ.

ނަމަވެސް ޓީޗަރު މިހާރު ވަނީ އެ ދަރިވަރު އޭނާ އަށް އިންޒާރުދޭ ކަމަށް ބުނެ އިއްޔެ ވަޒީފާއިން ވަކިވެގެން އޭނާގެ ގައުމަށް އެނބުރި ގޮސްފަ އެވެ.

އެ މައްސަލާގައި ދަރިވަރާ މެދު ފިޔަވަޅެއް އެޅިތޯ ދެންނެވުމުން ސައީދު ވިދާޅުވީ އެފަދަ މައްސަލަތަކުގައި ދަރިވަރުންނާ ދޭތެރޭ ފިޔަވަޅު އެޅޭނެ އުސޫލުތަކެއް އޮންނަ ކަމަށެވެ. ނަމަވެސް އެއީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ވާތީ އެ ކުއްޖާއާ ގުޅޭ އެއްވެސް ތަފުސީލެއް މީޑިއާ އަށް ނުދެއްވި އެވެ.

ޓީޗަރު ސަސްޕެންޑް ކުރި މައްސަލާގައި، މަޖީދިއްޔާގައި ކިޔަވައިދޭ ދިވެހި ޓީޗަރުން އިއްޔެ ވަނީ ކިޔަވައިދިނުން ހުއްޓާލައި ހަޅުތާލުކޮށްފަ އެވެ. ނަމަވެސް މިއަދު އެ ޓީޗަރުން ކިޔަވައިދޭން ނުކުތެވެ.

މަޖީދިއްޔާ ސްކޫލުގެ ޓީޗަރަކު ބުނި ގޮތުގައި މައްސަލަ ޖެހިފައިވާ ދަރިވަރު މިދިޔަ އަހަރު ޓީޗަރަކަށް ވަޅިން ބިރުދެއްކި މައްސަލައެއް ވެސް ބަލާފައިވެ އެވެ. އަދި މި އަހަރު އެ ސްކޫލުގެ ކައުންސިލަރަށް ބިރުދެއްކުމާއި ސްކޫލުގެ ސެކިއުރިޓީ ގާޑަކަށް ހަމަލާ ދިން މައްސަލައެއް ވެސް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އެ ދަރިވަރާ މެދު ސްކޫލުން ފިޔަވަޅެއް ނާޅަ އެވެ.