ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި ނަރުހުންގެ ދައުރު އޮތުމަކީ މުހިންމު ކަމެއް ކަމަށް މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން މިއަދު ބުނެފި އެވެ.
މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހާ ގުޅިގެން އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަރުހުންނަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރަމުންދާ މީހުން ކަމުގައިވާތީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކުރަން އެންމެ އިސް ދައުރެއް އަދާކުރާ އެއްބަޔަކީ ނަރުހުން ކަމަށެވެ.
"މުޖުތަމައުގައި ދިމާވާ އެކިއެކި މައްސަލަތަކުން ނުކުމެދާނެ ބަލިމަޑުކަމަކުން ސަލާމަތްވުމަށް ގައުމުގެ އެހެނިހެން މުއައްސަސާތަކާއެކު ނަރުހުން އިސް ދައުރެއް އަދާކުރޭ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއްގައި ހުރަހެއް ކުރިމަތިވުމަކީ ވެގެންވާނެ ކަމެއް ނޫންކަމުގައި ނަރުހުން އަޑު އުފުލާ،" ބަޔާނުގައި ބުނެފައިވެ އެވެ.
މިއަދު ފާހަގަ ކުރަމުންދާ ނަރުހުން ދުވަހުގެ ޝިއާރަކީ "ނަރުހުން: ދުޅަހެޔޮ ސިއްހަތަކީ އިންސާނީ ހައްގެއްކަމަށް އިސްވެ އަޑު އުފުލާ،" މި އެވެ.
ނަރުހުންގެ އުއްމީދަކީ މަސައްކަތު މާހައުލުން ރައްކާތެރިކަން ލިބުމާއެކު ނަރުހުންގެ ކުރިމަގު ފަހިވެގެން ދިއުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ސިއްހީ ދާއިރާއަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވަމުން ދާއިރު ހާއްސަ ދާއިރާތަކަށް ނަރުހުން ތަމްރީނުވެފައި ތިބުމަކީ މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމެއް ކަމަށް އެކައުންސިލުން ދެކެ އެވެ.
ނަރުހުންގެ އަގު ވަޒަންކޮށް އެބަޔާނުގައި ބުނެފައިވަނީ އެތައް ގޮންޖެހުންތަކަކާއެކު ވެސް އިންސާނާގެ ދިރިއުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ނަރުހުންގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.