ރާއްޖޭގައި ނަރުހުންގެ 92 ޕަސެންޓަކީ އަންހެނުން ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ނަރުހުންގެ ދުވަހާ ގުޅިގެން އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި މިއަދު އާއްމުކުރި ނަމްބަރުތައް ދައްކާ ގޮތުން، ސިއްހީ ހިދުމަތްދޭ ތަންތަނުގައި 3،907 ނަރުހުން މަސައްކަތް ކުރެ އެވެ. އެއީ ސަރުކާރުގެ ހޮސްޕިޓަލުތަކުގައި 3،291 ނަރުހުންނާއި އަމިއްލަ ތަންތަނުގައި 616 ނަރުހުންނެވެ. 

މިނިސްޓްރީން ބުނީ ނަރުހުންގެ ތެރެއިން އަންހެނުންގެ އަދަދަކީ 3،593 ކަމަށެވެ. ފިރިހެނުން ނަރުހުންނަށް ތިބީ 314 މީހުންނެވެ. ކޮންމެ 10 ނަރުހުންގެ ތެރެއިން ނުވަ މީހުންނަކީ އަންހެން ނަރުހުންކަން، އެ މައުލޫމާތުތަކުން ދައްކަ އެވެ. 

ނަރުހުންގެ 51 ޕަސެންޓު، 1،989 މީހުން މަސައްކަތް ކުރަނީ މާލެ ސަރަހައްދުގަ އެވެ. ރަށްރަށުގައި މަސައްކަތް ކުރަނީ 1،918 ނަރުހުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި މި ފަހަކާ ޖެހެންދެން ނަރުހުންގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރީ ބިދޭސީންނެވެ. ނަމަވެސް، މިހާރު އެ ނަމްބަރުތަކަށް ވެސް ބޮޑު ކުރިއެރުމެއް މިހާރު ވަނީ އައިސްފަ އެވެ. 

ރާއްޖޭގައި މި ވަގުތު 2،503 ދިވެހި ނަރުހުންނާއި 1،404 ނަރުހުން އެބަތިއްބެވެ. އެއީ ދިވެހިންގެ 64 ޕަސެންޓު އަދި ބިދޭސީންގެ 36 ޕަސެންޓެވެ.