ރައުފިއްޔާ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
12 މެއި 2025 - 10:59
މީގެ 34 އަހަރު ކުރިން، މާލޭ ސެންޓްރަލް ހޮސްޕިޓަލްގައި ނަރުހެއްގެ ވަޒީފާއިން މި ދާއިރާއަށް ނުކުތް ރައުފިއްޔާ ވަލީދަށް ފެނުނު އެތައް މަންޒަރަކުން ވެސް އަދިވެސް އެންމެ ހަނދާނުގައި ހުންނަ އެއް ކަމަކީ ކުރިމަތީގައި ފަސް މީހުން މަރުވި ރެޔެކެވެ.
މާލެއިން އޯ ލެވެލް ނިންމާލުމަށް ފަހު އުފަން ރަށް، މ. ކޮޅުފުށީގައި ހުއްޓާ ނަރުސްކަން ކިޔަވާނެ ކުދިން ހޯދަން ކުރި އިއުލާނެއް ފެނި ހޯދި ފުރުސަތުގައި ނަރުހަކަށްވެ ސެންޓްރަލް ހޮސްޕިޓަލްގައި ވަޒީފާ އަދާކުރަން ފެށިތާ އޭރު އަދި މާ ގިނަ ދުވަހެއް ވެސް ނުވެ އެވެ.
ރައުފިއްޔާ ބުނީ ފަސް މީހުން މަރުވި ރެޔަކީ އޭނާ އެކަނި ޑިއުޓީގައި އުޅެން ޖެހުނު ރެއެއް ކަމަށެވެ. ރައުފިއްޔާ ބުނި ގޮތުގައި އެއީ އޭނާއަށް ހެދުނު ގޯހެއްގެ ސަބަބުން ދިމާވި ކަމެކޭ ހިތަށް އަރައި ވަރަށް ބޮޑަށް އުނދަގޫވި އެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.
ރައުފިއްޔާ، މީހަކަށް ހިދުމަތް ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"އެރޭ ވަރަށް ގިނައިން ރޮވުނު. ގެއަށް ގޮސްފައި ވެސް ނުނިދުނު. ފަހުން ސްޓާފް ނަރުހަކަށް އުޅުނު ކުއްޖެއް މި ބުނަނީ ކިތައްމެ ރަނގަޅަށް ކަންތައް ކޮށްދިނަސް ވަގުތު އައިސް ޖެހުނީމަ ދާނެއޭ. އެ ހިސާބުން މީހާ ހަމައަކަށް އެޅުނީ." ރައުފިއްޔާ ބުންޏެވެ.
ރައުފިއްޔާ ބުނީ އޭނާ ނަރުސްކަމާ ގުޅެން ނިންމި އިރު އެ ދުވަސްވަރަކީ އެކަމަށް މީހުންގެ ޝައުގުވެރިކަމެއް ވެސް މާބޮޑަށް ހުރި ދުވަސްވަރެއް ނޫން ކަމަށެވެ. އޭރު އޭނާއަށް އެ ލިބުނު ނާސިންގެ އެޑްވާންސް ކޯހަކީ ވެސް މުލީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގެ އިމާރާތް ނިމުމުން އެ ތަނަށް ބަދަލުވާން ޝަރުތުކޮށް ދިން ކޯހެކެވެ.
އެކަމަކު، ރައުފިއްޔާ، 55، ބުނި ގޮތުގައި ދެ އަހަރާއި ހަ މަސް ދުވަހުގެ ކޯސް ނިމުނުއިރު ވެސް އެ އިމާރާތެއް ނުނިމެ އެވެ. އެހެންވެ، ސެންޓްރަލް ހޮސްޕިޓަލުގެ މަސައްކަތާ ގުޅުނެވެ. އޭގެ އަހަރެއް ފަހުން މުލީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށް، އެކަމަކު 15 ދުވަސް ފަހުން އަނބުރާ މާލެ ގެނައީ އެވެ. އޭގެ ފަހުން، އައިޖީއެމްއެޗް ހަދައި އެ ތަނަށް ބަދަލުކުރި ފުރަތަމަ ހަ ނަރުހުންގެ ތެރެއިން އެކަކަކީ ރައުފިއްޔާ އެވެ.
އައިޖީއެމްއެޗަށް އެންމެ ފުރަތަމަ ގުޅުނު ނަރުހުންގެ ތެރޭގައި ހިމެނޭ ރައުފިއްޔާ "މިހާރު"އަށް އިއްޔެ އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ބުނީ މި ހޭދަވި ދިގު މުއްދަތުގައި އެތައް ކަމެއް ތަޖުރިބާކުރެވިފައި ވާއިރު ދޯންޏެއް ބަންޑުން ޖަހާލައިގެން އެއްފަހަރާ ހަތް މީހުން މަރުވެގެން ގެނައި ދުވަހަކީ ވެސް ހަނދާނުން ނުފިލާނެ ދުވަހެއް ކަމަށެވެ. އެއީ ޕެންޒީމާގޭ އާއިލާގެ ބަޔަކު ނިޔާވި، މުޅި ރާއްޖެއަށް ސިހުން ގެނުވި ހިތާމަވެރި ހާދިސާ އެވެ.
މިފަދަ އެތައް ތަޖުރިބާއަކާ އެކު އައިޖީއެމްއެޗްގެ އެކި ތަންތަނުގައި މަސައްކަތްކޮށް މިހާރު ހުރީ ފުއްޕާމޭގެ ބަލިތަކުގެ ޑިޕާޓްމަންޓުގަ އެވެ.
އޭނާގެ ހިދުމަތަށް 34 އަހަރުވީ އެވެ. ބަލި އެނދުގައި ތިބޭ މީހުންނަށް އެންމެ ކައިރިން އެހީތެރިކަމުގެ އަތް ދިއްކޮށްލާ އެކަކަކީ އޭނާ އެވެ. އެތައް ބަޔަކަށް ލުއިތަކެއް ގެނެސްދީފި އެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް އޭނާގެ މަސައްކަތް އާއްމުން ބަލައިގަތުމަކީ ލިބޭ އެންމެ ބޮޑު އުފަލެވެ.
ރައުފިއްޔާ ބުނީ ހިދުމަތް ހޯދަން ހޮސްޕިޓަލަށް ގޮސް ރައުފިއްޔާ ފެންނަން ނެތުމުން އޭނާ ހޯދާ މީހުން ވެސް ގިނަ ކަމަށެވެ.
"ބަލި މީހުން ބުނާނެ ވަރަށް ގިނައިން ހާދަ ރަނގަޅު ކުއްޖެކޭ، އެހެން ބުނެލާ ފަހަރު ވަރަށް އުފާވޭ." އެއްބަނޑުއެއްބަފާ 11 ކުދިންގެ ތެރެއިން ދެ ވަނައަށް އެންމެ ދޮއްޓަށް ހުރި ރައުފިއްޔާ ބުންޏެވެ.
ރައުފިއްޔާ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"ހަމައެކަނި ރުފިޔާ ހޯދާކަށް މި މަަސައްކަތެއް ނުކުރެވޭނެ. މިއީ، ވަރަށް ބޮޑު މަސައްކަތެއް. އަންނާނެ އެކި ވައްތަރުގެ، އެކި މިޒާޖުގެ މީހުން ...،"
"ބަލި މީހުން މި ތަނަށް ވަދެގެން އަންނައިރު ފެންނާނީ އެ މީހުން އެއްބަނޑުއެއްބަފާ މީހުންނަށް ވެސް އަޅުގަނޑުމެން، މައިންބަފައިން ގޮތަށް ވެސް އަޅުގަނޑުމެން ފެންނާނީ. އެހެންވިއްޔާ އަޅުގަނޑުމެން ޖެހޭނެތާ ގަބޫލުކޮށްގެން އެ މީހުންނަށް ވީ އެންމެ ރަނގަޅަށް ކަންތައް ކޮށްދެވޭތޯ ބަލަން. އިންސާނިއްޔަތުކަން ހުންނަން ޖެހޭނެ."
ކިތަންމެ ބުރަކޮށް އުޅުނަސް ރަނގަޅު ސިއްހަތެއްގައި ހުރުމަކީ ރައުފިއްޔާ އެންމެ ސަމާލުކަން ދޭ އެއް ކަމެވެ. އޭގެ ތެރެއިން، ރަސްމީ ވަގުތު ނިންމުމަށްފަހު ކޮންމެ ދުވަހަކު ވެސް އެއް ގަޑިއިރު ހާއްސަކޮށްފައިވަނީ ޖިމަށެވެ. އޭގެ ފަހުން، އަމިއްލަ ކްލިނިކުގައި މަސައްކަތްކުރުމަށް ފަހު ގެއަށް ދެވެނީ ރޭގަނޑު 11 ޖަހާ އިރު އެވެ.
ޖެހިގެން އަންނަ ދުވަހު ވެސް ފަތިހު ތެދުވެ، ހޮސްޕިޓަލަށް ދަނީ، އޭނާއާ އެކު ދިރިއުޅެމުން އަންނަ މަންމަ އާއި ބައްޕައަށް ކާން ތައްޔާރުކޮށް އަނެއްކާވެސް އެތައް ބަޔަކަށް ދެމުން އަންނަ ހުއްޓުމެއް ނެތް ހިދުމަތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޭޝަންޓު
19 May 2025
ވަރަށް ހިތްހެޔޮ ނަރުހެެއް. ހެޔޮ ރަހުމަތުގައި ހެޔޮ ސައްހަތެއްގައި ލައްވައި ކާމިޔާބު ދެއްވާންދޭވެ. އާމީން
ޝުކުރިއްޔާ
13 May 2025
ޙަޤީޤަތުގައި ވެސް ނަރުސް ކަމާއި މުދައްރިސް ކަމަކީ ހަމައެކަނި ފައިސާ ހޯދަން ކުރެވޭނެ މަސައްކަތެއްނޫން. ތިމާގެ ފަރާތުން ބަޔަކަށް ހެވެއް ހޯދައިދޭން ނޫނީ މިފަދަ މަސައްކަތެއް ނުކުރެވޭނެ. ޢާއްމުންގެ ފަރާތުން މިފަދަ މީހުން ބޭނުންވާނީ ޝުކުރު. އިތުރު އެއްޗެއް ބޭނުމެއްނުވާނެ.
ޏަރްސު
13 May 2025
ޖެހި ސުރުޙީ މާބޮޑެއްކަމަކުލިޔުން މާކުރު.
ވަރަށް ބެސްޓް ނަރުހެއް
12 May 2025
ރައުފިއްޔާ ގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވަވައި، އިތުރު ހުނަރާއި ކާމިޔާބީ މިންވަރު ކުރައްވާށި! އާމީން
ޖުމްނާ
12 May 2025
ރަނގަޅު ޚިދުމަތްތެރި ނަރުހެއް. އެކަމަކު ބަލި މީހުންނަށް ޚިދުމަތް ދޭއިރު އެއްވެސް ހިނިތުންވުމެއް މޫނު މަތިން ނުފެންނާތީ ދެރައީ.
ގެދޮރޭ
12 May 2025
މީ ފިސާރި އަންހެނެއް. ޚިދުމަތުގައި 25 އަހަރު ފާއިތުވެ ދިޔައިރުވެސް ސަލާމެއް ނެގި ކަމަކަށްވެސް ނުވޭ. އޭގެ ފަހުން ހިނގި ދުވަސްތައް ގޮތެއް ޔަގީނެއް ނޫން. މުރާލިކަމާ ކެތްތެރިކަން އަދި އޯގާތެރިކަމާ އަޅާލުމުގެ އިންތިހާ. ވަރަށް ރަނގަޅު ބޭކަނބަލެއް މީ. ސެލިއުޓް ޓު ރައުފިއްޔާ ސިސްޓަރ.
މުޙައްމަދުދ
12 May 2025
މީ ވަރަށް ކުރީއްސުރެ ދަންނަ ވަރަށް ރަނގަޅު ނަރުހެއް. ނަމޫނާ ނަރުހެއް. ސަރުކާރާއި ރައްޔިތުންނަށް ފާއިތުވި ދިގު މުއްދަތުގައި ދިނީ އަގު ނުކުރެވޭ ވަރުގެ ޚިދުމަތެއް.
މަބުނީ
12 May 2025
ތަނަކުން މީހަކު ބެރެއްޖަހާލާ އިރަށް ދާނެ އެވޯޑްތައް ހިފައިގެން. މުޖުތަމައުގައި ތިބި މިފަދަ ހީވާގި މީހުންގެ ނޫންތޯ އަގުވަޒަން ކުރަންވީ!؟
އަބްޑޫޅް +
12 May 2025
ހޫމް. ރުފިޔާ އަށް ވުރެން ރައުފިއްޔާ ރަނގަޅު.
އަލީ ބަލީ
12 May 2025
މި އީ އެގޭތޯ ބަތަލުން ނަކީ، ތި ދޭ އެވޯރޑްތަކާއި އިނާމްތަށް ދޭންވީ މިފަދަ ބޭފުޅުންނަށް