ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިއާސީ ޕްރައިމަރީގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ބުނުން ބަލައިނުގަންނަ ކަމަށާއި، އެ މަނިކުފާނުގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އެ މަނިކުފާނުގެ ކެމްޕޭން މެނޭޖަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ އަށް ނަޝީދު އެކަނި ކުރިމަތިލެއްވި އިރު އިލެކްޝަން ކޮމިޝަނުން ވަނީ ކުށެއް ސާބިތުވެފައިވާ އެއްވެސް މީހަކަށް ސިޔާސީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށް ބުނެ ގާނޫނާއި ގަވާއިދާ ޚިލާފަށް ބާއްވާ ޕްރައިމަރީތައް ބާތިލްކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. ޕްރައިމަރީ އަށް ކުރިމަތިލެއްވި އިރު ނަޝީދު މިހާރު ވެސް ހުންނެވީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.
ނަޝީދުގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވީ ނަޝީދަކީ ޝަރުތު ފުރިހަމަވާ، ރައްޔިތުން ބޭނުންވާ ކެންޑިޑޭޓް ކަމަށެވެ.
ކެނޑިޑޭޓެއްގެ ޝަތުރު ހަމަނުވާ ކަމަށް އިލެކްޝަން ކޮމިޝަނަށް އެންގޭނީ އެ ކޮމިޝަނަށް ކެންޑިޑެސީ ހުށަހެޅުމުން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ކެންޑިޑޭޓެއްގެ ނަން ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން އިލެކްޝަނުން އެ ކެންޑިޑޭޓަކަށް އަންގަން ޖެހެ އެވެ. ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަނުން ނިންމައިފިނަމަ ކޯޓަށް ދިއުމުގެ ފުރުސަތު ކެންޑިޑޭޓަށް ލިބިގެންވެ އެވެ. ކެންޑިޑެސީއާ ގުޅޭ ގޮތުން ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
"ރައީސް ނަޝީދަށް ކުރިމަތިލެވޭނެތޯ ނުލެވޭތޯ ނިންމަން ޖެހޭނީ ސްޕްރީމް ކޯޓުން. އެނގިވަޑައިގަންނަވާނެ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވޭ ރައީސް ނަޝީދަކީ ކުށްވެރިއެއް ނޫން ކަމަށް." އަސްލަމް ވިދާޅުވި އެވެ.
ރައީސް ނަޝީދު ހިމެނޭގޮތަށް ސިޔާސީ ބޭފުޅުންތަކެއް މިނިވަން ކުރުމަށް ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ އިރު ރައީސް ނަޝީދުގެ ޝަރުތު ހަމަވާ ކަމަށް އެމްޑީޕީން ގަބޫލް ކުރަނީ އެހުކުމުގެ މައްޗަށެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުން ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.
އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުން އެކަމަށް ގޮތެއް ނިންމަން ޖެހޭނީ ފަސް ފަނޑިޔާރުން ހިމެނޭ ބެންޗަކުން ކަމަށެވެ. ރައީސް ނަޝީދު ވެސް ވަނީ މީގެ ކުރިން އެ ގޮތަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދުގެ ކެމްޕެއިނާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވީ މިހާތަނަށް 78 ރަށެއްގައި ކެމްޕެއިން ހަރަކާތްތައް ބާއްވާފައިވާ އިރު މި މަހު 28ގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 30 ގަ އެވެ.
"ޖަޒީރާ ރައީސް"ގެ ނަމުގައި ކެމްޕެއިން ފަށާފައިވާ އިރު ނަޝީދު ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވަމުންނެވެ. ޕްރައިމަރީގައި ވެސް އެކަން ހުށަހުއްވާފައި ވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.