ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ކުރެއްވި ޓުވީޓަކާ ގުޅިގެން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކޮށް ފޯނު އަތުލައިފި އެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން މި މަހުގެ 22 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނުހައްގުން ފުލުހަކު މީހެއްހެ ގައިގައި އަތްލައިފި ނަމަ، އަމިއްލަ ނަފްސުގެ ދިފާއުގައި އެ ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.
ފުލުހުންގެ މައި މަރުކަޒު ހުސައިން އާދަމް ބިލްޑިންގުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ނުހައްގުން ފުލުހަކު މީހެއްގެ ގައިގައި އަތްލައިފިނަަ، އެމީހެއްގެ ނަފްސުގެ ދިފާއުގައި އެމީހަކަށް ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ގާނޫނީ އިމުގެ ތެރެއިން ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މީހަކަށް ލިބިގެންވާ ހައްގެއްގެ ވާހަކަ ބުނުމަކީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުން ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
"ވަކި ކަމެއް މީހަކު ގާތު ނުކުރާށެކޭ ނުވަތަ ކުރާށެކޭ ވެސް ނުބުނަން. އަޅުގަނޑުމެން އެންމެންނަށް ލިބިފައިވާ ހައްގެއް އެއީ އެމީހެއްގެ އަމިއްލަ ނަފްސު ދިފާއު ކުރުމަކީ. ނުހައްގުން މީހަކު އަތްލައިފި ނަމަ، އެމީހެއްގެ ނަފްސު ދިފާއު ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބިގެންވާނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވި ގޮތުގައި އޭނާގެ ފޯނު ފުލުހުން އަތުލާފައި ވަނީ ކޯޓު އަމުރެއް ދެއްކުމަށް ފަހު އެވެ. އެއާ އެކު ގާނޫނީ ވަކީލެއް ހޯދުމުގެ ފުރުސަތަށް އެދިވަޑައިގެންފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންނަ ހަފުތާގައި ފުލުސް އޮފީހަށް ހާޒިރުކުރަން ފުލުހުން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ އޭނާގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން އުޅެނީ ހިޔާލުފާޅު ކުރުން ހުއްޓުވަން ކަމަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގެ ސަބަބުން، ސޯޝަލް މީޑިއާތަކުގައި މީހުން ކުރާ ޓުވީޓުތަކާ ގުޅިގެން ދައުވާ ކުރެވި އަދަބު ދެވިގެން ދިޔަޔަސް، ގާނޫނީ އިމުގެ ތެރެއިން ފާޅުކުރަން ޖެހޭ ހިޔާލު ފާޅުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަން ސާބިތުވެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްޗަށް ވަނީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.