ކ. ދިއްފުށީގައި ރޭ ދެ މާރާމާރީއެއް ހިންގައި ބިދޭސީއަކަށާއި ދިވެއްސަކަށް އަނިޔާތަކެއް ލިބިއްޖެ އެވެ. އޭގެ ތެރެއިން ދިވެހި މީހާ ވަނީ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭގެ ތެރެއިން ފުރަތަމަ މާރާމާރީ ހިންގިކަމުގެ ރިޕޯޓު ލިބުނީ ރޭ 9:30 ހާއިރެވެ. އެ މާރާމާރީގައި ޖަރުމަނުގެ 56 އަހަރުގެ ފިރިހެނު ޒަހަމްވި އެވެ. އެކަމަކު އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

އެނގިފައިވާ ގޮތުގަައި ޖަރުމަނު މީހަކީ ދިއްފުށީގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

ދެ ވަނަ މާރާމާރީ ހިންގިކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅީ ދަންވަރު 1:30 ހާއިރެވެ. އެ މާރާމާރީގައި ޒަހަމްވީ 43 އަހަރުގެ ދިވެހި ފިރިހަނެކެވެ. އައިޖީއެމްއެޗުގައި އޭނާއަށް ފަރުވާ ދެމުން އައި ނަމަވެސް، ހާލު އެހާ ސީރިއަސް ނޫން ކަމަށްވެ އެވެ.

ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހާގެ މެޔަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

މި ދެ މާރާމާރީއާ ގުޅިގެން މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު މިއީ ގުޅިފައި އޮތް ދެ މާރާމަރީއެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.