ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ކ. މާފުށިން ހައްޔަރުކުރި ފަސް މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

މާފުށީގައި މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައި ބަލައި ފާސްކުރަމުން ދަނިކޮށް ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއަޅައި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހަ މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

 އެ މައްސަލާގައި ހައްޔަރުކުރި މާފުށީ މީހުން:

  •  ހެވަން، މުހައްމަދު ޝާބިން ޝުޖާއު
  • ސްޓާލައިން، އަބްދުﷲ ނިހާދު
  • ގްރީންޕާކް، އިބްރާހީމް ސުނީޒް
  • ވާރޭވިލާ، އަހުމަދު އަހުނަފް އަސްފާގު
  • ފާއިޒާމަންޒިލް، ހަސަން ނަބީލް
  • ގްރީންޕާކް، މުހައްމަދު ޝައިހާން

ފުލުހުން ބުނީ އެ ހަ މީހުންގެ ތެރެއިން މުހައްމަދު ޝާބިން ޝުޖާއުގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައިވާތީ އެ މައްސަލަ އެ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ.

ބާކީ ތިބި ފަސް މީހުންގެ ތެރެއިން ނިހާދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހު 14 ވަނަ ދުވަހު ކަމަށާއި އަދި އޭނާގެ ބަންދު މުއްދަތު ހަމަވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސުނީޒް ހައްޔަރުކޮށްފައި މިދިޔަ މަހުގެ 15 ވަނަ ދުވަހު ކަމަށާއި އޭނާގެ ބަންދު މުއްދަތު ހަމަވާނީ އަންނަ ބުދަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މިދިޔަ މަހުގެ 19 ވަނަ ދުވަހު ހައްޔަރުކުރި އަހުނަފްގެ ބަންދު މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައްޔަރުކުރި ޝައިހާންގެ ބަންދު މުއްދަތު ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށާއި އަދި މިިދިޔަ މަހުގެ 29 ވަނަ ދުވަހު ހައްޔަރުކުރި ނަބީލުގެ ބަންދު މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.