މިއަދު ކުރިއަށް ގެންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ސިމެންތި ގަށާ މެޝިނަކަށް މީހަކު ވޯޓު ކަރުދާސްކޮޅު ވޯޓު ވައްޓާލަނީ.
30 މެއި 2018 - 21:32
އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރުން ފެށިގެން ކުރިއަށް ގެންދަނީ އާދަޔާ ޚިލާފު ގޮތަކަށެވެ. އެ ޕްރައިމަރީގައި ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވުމާ އެކު، ޕްރައިމަރީ ހުއްޓުވަން ސިވިލް ކޯޓުން ނެރުނު އަމުރު ފުލުހުން ތަންފީޒު ކުރަން ނުކުތުމުން ފެނުނީ މި މަންޒަރުތަކެވެ. މާލެ އާއި ބައެއް ރަށްރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފުލުހުން ގެންދިއުމުން ވޯޓު ކަރުދާސް އަޅަން ގެންގުޅުނީ ބޮޑެތި ކޮތަޅާއި ޑަބިޔާ އާއި ސިމެންތި ގަށާ މެޝިން އަދި ކަންނެލި މަސް އަޅާ ބޮޑެތި ފޮށިފޮއްޓެވެ.
އެމްޑީޕީ އާއި ނަޝީދަށް މަރުދޭ މީހުން ބޭނުންވީ އެމަނިކުފާނަށް އެ މީހުންގެ ސަޕޯޓް އޮތް މިންވަރު އަދަދުން ދައްކާލުމަށެވެ. ރިޔާސީ އިންތިޚާބަށް ނަޝީދުގެ ޝަރުތު ހަމަނުވާ ކަމަށް ކަމާ ގުޅޭ މުއައްސަސާތަކުން ފަހުން ނިންމިޔަސް އެމްޑީީޕީގެ ރޫހަކީ އެއީ ކަމަށް ސާބިތު ކޮށްދިނުމަށެވެ.
"ވޯޓު ފޮއްޓަށް ވޯޓު އަޅައިގެން ބަލި ކުރަން ބޭނުމީ. ވޯޓު އަޅައި ފޮށިތައް ބަރުކޮށްގެން މި ވެރިކަން ނިމުމަކަށް ގެންނަން ބޭނުމީ،" ޕްރައިމަރީގައި ވޯޓުލުމަށް އެ ޕާޓީގެ މައި ހަރުގެ އާއި ޕާޓީ އޮފީހުގައި ވޯޓުލާން ގޮސް ތިބި ގިނަ ބައެއްގެ ދުލު ކުރިއަށް އައީ މި ވާހަކަތަކެވެ.
ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރު 2:00 ގައި ފެށުމާ އެކު، ކޮންމެ މީހަކު ވެސް ބެލީ ވީހާ ވެސް އަވަހަކަށް ވޯޓުލުމުގައި ބައިވެރިވެ، ނަޝީދަށް ވޯޓު ލެވޭތޯ އެވެ. އޭރު، ފުލުހުންގެ އެއްވެސް ހިލަމެއް ނުވެ އެވެ. ވޯޓުލުމުގެ ގަޑި ފެށުމާ އެކު، މުޅި ހަރުގެ ތެރެ އާއި ބޭރު ތޮއްޖެހުނެވެ. ވޯޓުލުން، ފުލުހުން ހުއްޓުވާނެ ކަން އެނގި ތިބެ އެވެ. ފުލުހުން ނުކުތީ، ޕްރައިމަރީ ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންނަށް އަމުރު ނެރުނު ހިސާބުންނެވެ.
އެމްޑީޕީ ހަރުގޭގައި ހުރި ފޮށިތައް ހިފައިގެން ފުލުހުން މިއަދު ނިކުންނަނީ. ފުލުހުން ވޯޓު ފޮށިތައް ގެންދިޔަ ނަމަވެސް، ވޯޓުލުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ދިޔަ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމްޑީޕީގެ ހަރުގޭގައި ބަހައްޓާފައި ހުރި ފޮއްޓަކަށް ވޯޓުލި ގއ. ކޮލަމާފުއްޓަށް އުފަން އިބްރާހިމް ޝަރީފަކީ އެ ޕާޓީ އުފައްދަން 668 ވަނަ އަށް ސޮއި ކުރި މީހާ އެވެ. ޝަރީފު ބުނީ އިލެކްޝަންސް ކޮމިޝަންގައި ތިބީ ރައީސް ޔާމީންގެ "ޕަޕެޓުން" ތަކެއް ކަމަށާއި އެ ކޮމިޝަނުން އަންގާ ގޮތަކަށް ފުލުހުން އަމަލު ކުރަން ނުޖެހޭ ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވަނީ ގާނޫނާ ގަވައިދާ ހިލާފަށް ކަމަށް އޭނާ ބުންޏެވެ.
"ނަޝީދަކީ ސުޕްރީމް ކޯޓުގެ އަމުރުން މިނިވަން ވެފައި ހުރި ބޭފުޅެއް. އެހެން ނޫނަސް، ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތެއް ނަޝީދުގެ އުނިވެފައި ނެތް. ނަޝީދަށް ރިޔާސީ އިންތިހާބުގައި ވެސް، އެމްޑީޕީ ޕްރައިމަރީގައި ވެސް ވާދަ ކުރެވެން ޖެހޭނެ،" ޝަރީފް ބުންޏެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮއްޓެއް ހިފައިގެން ދެ ފުލުހަކު ސައިކަލްގައި ދަނީ.
ޝަރީފް ބުނި ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާގެ ކެންޑިޑޭޓަކީ ނަޝީދެވެ. ނަޝީދަށް، ރައީސް ޔާމީން ބަލި ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ބުންޏެވެ.
"އެމްޑީޕީ ޕްރައިމަރީގެ ވޯޓު ކަރުދާސްކޮޅުގައި ނަޝީދުގެ ނަން އޮތް ދިމާލުގައި ފާހަގަ ޖެހި ގޮތަށް، ރިޔާސީ އިންތިހާބުގައި ލިބޭ ވޯޓު ކަރުދާސްކޮޅުގައި ނަޝީދާ ދިމާލުގައި ހެޔޮ ފާހަގަ ޖަހާނީ،" ޕްރައިމަރީގައި ވޯޓުލުމަށް ފަހު، ހަރުގެއިން ނުކުތް، އައިޝަތު ވަހީދާ "މިހާރު" އަށް ބުންޏެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ހިނގި ކަމެކެވެ؛ ފުލުހުން ވަނުމާ އެކު އެ ތަނުގައި ތިބި އޮފިޝަލުން ފުލުހުންނާ އެންމެ ބޮޑަށް ޖަދަލު ކުރި އެއް ކަމަކީ ސިވިލް ކޯޓުގެ އަމުރުގައި "މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ" އޮތުމުންނެވެ. އެހެންވެ، ކޯޓު އަމުރުގައި އޮތީ ކުށް ގޮތެއް ކަމަށް އެމީހުން ތަކުރާރުކޮށް ދިޔައީ ބުނަމުންނެވެ. އެމްޑީޕީ ރަޖިސްޓަރީ ކޮށްފައި އޮތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ނަމުގަ އެވެ.
ރާއްޖޭގެ ރަށެއްގައި ހުރި ވަޅަކަށް އެމްޑީޕީ ސަޕޯޓަރަކު މިއަދު ވޯޓު ލަނީ.
އެކަމަކު، އެތަނަށް ގޮސް ތިބި ފުލުހުން ހަމައެކަނި ބުނީ، އެ ކަންތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ. އަދި އެމްޑީޕީގެ އޮފީހުގައި ބަހައްޓާފައި ހުރި އިންތިހާބާ ބެހޭ ހުރިހާ ތަކެތި ގެންދަން ބޭނުންވާ ކަމަށް ބުނެ، ބައެއް ތަކެތި ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔައީ އެވެ. އެމްޑީޕީގެ އޮފީހުގައި ބަހައްޓާފައި ހުރީ އައްޑު އާއި ފުވައްމުލަކު މީހުން ވޯޓުލުމަށް ޚާއްސަ ކޮށްފައި ހުރި ދެ ފޮއްޓެކެވެ.
"ހަގީގަތުގައި ފުލުހުންނަށް ގެންދެވުނީ ދެ ފޮއްޓެއް. އެއީ ހުސް ކަރުދާސްތަކެއް އަޅާފައި ހުރި ފޮއްޓަކާއި މެމްބަރުން ވޯޓުލަމުން ދިޔަ ފޮއްޓެއް. އަނެއް ފޮށި އަޅުގަނޑުމެން ވާނީ ފޮރުވާފައި،" އެމްޑީޕީގެ ހަރުގޭގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވި އޮފިޝަލަކު ވިދާޅުވި އެވެ.
އެމްޑީޕީން ބުނީ މިއަދު ހަވީރާ ހަމައަށް ހޯދި މައުލޫމާތުތަކުން 11،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށެވެ. އަދި ފޮށިތައް ގެންދިޔަ ކަމުގައިވިޔަސް، ވޯޓުލުން ކުރިއަށް ގެންދިއުމަށް އެއްވެސް ދައްޗެއް ކުރިމަތިވަމުން ނުދާ ކަމަށް އެ ޕާޓީން ބުންޏެވެ. އެމްޑީޕީން ބުނި ގޮތުގައި ބައެއް ވޯޓުތައް އަޅަމުން ދިޔަ ފޮށިތައް ފުލުހުން ގެންދިޔަ ކަމުގައި ވިޔަސް، ވޯޓާސް ލިސްޓު ފުލުހުންނަށް ގެންދެވިފައެއް ނުވެ އެވެ.
ޕްރައިމަރީއާ ގުޅިގެން ބައެއް ރަށްރަށުގައި ވޯޓު ފޮށި ހިފައިގެން މެންބަރުން ކައިރި އަށް ގޮސްގެން ވެސް އެމްޑީޕީން ދަނީ ވޯޓުލުން ކުރިއަށް ގެންދަމުންނެވެ. އެމްޑީޕީން ބުނިގޮތުގައި މިރޭ ދަންވަރު 12 ޖަހަންދެން ވޯޓުލުން ކުރިއަށް ގެންދާނެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މީހަކު، ޑަބިޔާއަކަށް ވޯޓުލާއިރު، މެމްބަރު އީވާ ގޮނޑިއެއްގައި އިށީންނަވައިގެން.
ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަޝީދުގެ ކެމްޕެއިން މެނޭޖަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ 11،698 ވޯޓަކީ ޕާޓީގައި މިވަގުތު ތިބި މެމްބަރުންގެ 23 ޕަސަންޓު ކަމަށެވެ. ޕާޓީގެ އަސާސީ ގަވައިދުގައި އެއް ކެންޑިޑޭޓަކު ނުކުތަސް، 10 ޕަސަންޓު ވޯޓު ހޯދަން ޖެހޭއިރު، ފެންނަން އޮތް ނަތީޖާ އަށް ބަލާއިރު، ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ވޯޓު ފޮށިތައް ގެންދިއުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑު ކިއުން ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. އަދި ސަރުކާރަށް ތާއީދު ކުރާ ބައެއް މީހުން ވަނީ އެމްޑީޕީ ސަޕޯޓަރުންނަކީ "މޮޔަ" ބައެއްގެ ގޮތުގައި ސިފަކޮށް، ފުލުހުންގެ އަމަލުތަކަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.
ސިމެންތި ގަށާ މެޝިނުގެ ފޮޓޯއާ އެކު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އެމްޑީޕީ އަށް އިޝާރާތް ކުރައްވައި ވިދާޅުވީ ބަޔަކު މީހުން ދުނިޔެ އިން މޮޔަވާނީ މި ވަރަކަށް ކަމަށެވެ. ނިހާންގެ ޓުވީޓަށް ރައްދު ދިން ބައެއް މީހުން ބުނީ މި ފެންނަނީ ބަޔަކު މީހުން، މީހަކު ދެކޭވާ ލޯބި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1ދުވަސް
31 May 2018
1ދުވަހުން މުޅިރައްޖޭގައި ކެމްޕެއިނެއް ކުޑަ ޚަރަދަކުން ހުރިހާ މީޑިއާ އެއް ބޭނުންކޮށްގެން ކޮށްފައި މިއޮތީ.
ޝޮކްތެރަޕީ
31 May 2018
އެމްޑީޕީއަކީ މައުލޫދު ޕާޓީއެއް ދެތިންމީހަކުވެގެން އެޕަޓީ ހިސޯރުކަފި.
މިނަސް
31 May 2018
ހިސާރުކޮށް ކިހާދުއްފަރަށް ފާ ހެދިގޮތް ބަލާ
ބޮޑު މަންޒަރު
31 May 2018
މި ފެންނަނީ ނަޝީދު އަކީ ޑިމޮކްރެޓިކް މީހެއްނޫން ކަން. ކޮންމެފަދަ ގޮތަކަށްވެސް ވެރިކަމަށް އާދެވޭތޯ ގަނަތެޅެނީ. ދެން ހުރީ އެއަށްްވުރެ މާ ހަރުކަށި މީހެއް. ތަރިކަ މުދާހެން މިވެރިކަން ހިމާޔަތް ކުރެވޭތޯ. އެހެޔޮ ރައްޔިތުން ހައްގުތަކުން މަހުރޫމްވިޔަސް. މި އަހަރެމެން ކުޅިބަލަން ތިބޭ މީހުނަށް ކަންތައް ފެންނަ ގޮތް. ތި ފަހު ތަޅާލުންގަނޑު ނިމުނީމަ ވީ ވިލް ޕިކް އަޕް ވަޓްސް ލެފްޓް އޮފް އަވާ ކަންޓްރީ އެންޑް ކީޕް މޫވިން ފޯވާރޑް.
ދެނޯ
31 May 2018
އެމޮޔައިންނަށްވުރެ މުވައްސަސާތައް މޮޔަވެއްޖެ.
ރާއްޖެ
31 May 2018
ސުވާލަކީ ތި ޕްރައިމަރީގަ ނަޝީދަށް ނޫނެކޭ ބުނީ ކިތައް މީހުންތޯ؟ ގަލޮޅުގެ ވޯޓް ފޮށި ހިފައިގެން އިނީ ކޮއްކޮ.
ބޯނޯ
31 May 2018
މަ އެއްއިރަކުވެސް ސިޔާސީ ލީޑަރުންނަށް މާކަ ތައުރީފު އެއް ނުކުރަން. އެކަމަކު މިއަދު ސަރުކާރުން ކުރި ފުރައްސާރައަށް ކެތްތެރިވެ ވޯޓު ދިން މީހުން ފެނިފައި އަންނިއަށް އޮތް ސަޕޯޓު އިހުސާސްވެއްޖެ. ގައިމު ޔާމީނަކަށް އުމުރު ދުވަހު ބުރިޖު އެޅިޔަސް ނޭޅޭނެ ބްރިޖެއް އަންނި އަޅާފައި އެބައިން. އެއީ ވެރިޔަކާ ރައްޔިތުންނާ ދެމެދު އޮންނަން ޖެހޭ ބުރިޖު. ވެރިޔާޔާ ރައްޔިތުންނާ ގުޅުވައިދޭ ބުރިޖު. އޯގާތެރިކަމުގެ ބުރިޖު.
ސޮފޫ
31 May 2018
އެހެންވީމާ މީން މިއެނގުނީ މީ ވޯޓެއްނޫންކަން މިކުޅެނީ ޖޯކެއްކަން. ވޯޓަކީ ވަޅު ވަޅަށާ ސިމެންތިގަށާ މެޝިންތަކަށް އަޅާއެއްޗެއްނޫން.އެއީޖޯކު
ރިޔާޒް ރަށީދު
31 May 2018
އެހެން ނުވީސް ވޯޓަށް ހުރަސް ނޭޅި ނަމަ. ވޯޓަށް ހުރަސް އަޅާފަ ތިހެން ކީމަ ޖޯކީ ކަލޭމެން
ޔަޤީން
31 May 2018
ވޯޓިން ލިސްޓޭ...ފުސް ފޭކް ދޮގު އޮޅުވާލުން ތި ކަމުގާ އޮންނާނީ...
ޙުސެން
31 May 2018
ވޯޓުފޮށި ގެންދެވުނަސް ވޯޓެއް ނުގެންދެވޭނެ.
ކޮބާ..ކޮބާ
30 May 2018
ގޮށްމުށު ބާރަށް ޖެހޭނީ ފަހަތަށް ޖެހެން... ސާބަހޭ އެމްޑީޕީ.. ތިއޭ މި ގައުމުގެ ރޫޙަކީ...ބޭނުންވި ކަންތައް ފުރިހަމަ ވެއްޖެ.. ސަލާމް
ކާޖާ
30 May 2018
އެމްޑިޕީ ބޭނުންވި ގުއިރޯނުގައި ސަރުކާރުން ތިޔޮތީ ޖެހިފައެވެ.
ސައިނީ
30 May 2018
ލޯބި ކޮށްލަކޮށްލާ ތިބޭ އަނެއްކާ ތިއޮޑި ފެތެނީ