ފްލެޓް ފޯމު ހުށަހަޅަން ނަމްބަރު ނަގަން ޖެހެނީ ކިއުބީ އިން: މިނިސްޓްރީ

ބޯހިޔާވަހިކަމަށް މި ސަރުކާރުން ހުޅުވާލި 7،000 ފްލެޓަށް އެދި ފޯމު ހުށަހަޅަން ނަމްބަރު ނަގަން ޖެހެނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފި އެވެ.


ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތައް 17 ކެޓަގަރީ އަކަށް ބަހާލައި، ކުރިމަތިލާން ހުޅުވާލުމުން މިހާތަނަށް ގާތްގަނޑަކަށް 50،000 ފޯމު ވަނީ ނަގައިފަ އެވެ. އެ ފޯމުތައް މާދަމާ އިން ފެށިގެން އަންނަ ޖުލައި 31 ގެ ނިޔަލަށް ބަލައިގަތުމަށް ވަނީ ހަމަޖައްސައިފަ އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް، އަހްމަދު ފަޒާލް ވިދާޅުވީ ފްލެޓަށް އެދޭ ފޯމު، ކިއުބީ މެދުވެރިކޮށް ބަލައިގަތުމަށް ހަމަޖެއްސީ، އާއްމުން ކިއޫގައި ނުޖެހި ވީހާވެސް ފަސޭހަ އިން ފޯމު ލެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ކަމަށެވެ. ފޯމު ބަލައިގަތުމުގެ ނަމްބަރު ދޫކުރަން ހަމަޖައްސާފައި ވަނީ މާދަމާ ހެނދުނު 10:00 އިން ފެށިގެންނެވެ.

ސްމާޓް ފޯނުތަކަށް، ކިއުބީ އެޕްލިކޭޝަން ޑައުންލޯޑް ކުރޭވޭނެ އެވެ.

ކިއުބީން އަމިއްލަ އަށް ނަމްބަރު ނެގޭއިރު، ދަރުބާރުގެ އިން ވެސް ނަމްބަރު ދޫކުރާނެ އެވެ.

"ދަރުބާރުގެ އިން ވެސް ނަމްބަރު ދޫކުރާނީ ކިއުބީ ސިސްޓަމްގެ ތެރެއިން. ބޭނުމަކީ ފޯމު ހުށަހަޅަން ތޮއްޖެހި، ތަކުލީފު އުފުލަން ނުޖެހޭނެ ލުޔެއް ހޯދައި ދިނުން. ކޮންމެ ދުވަހަކު ވެސް ފޯމުތައް ބަލައިގަނެވޭ މިންވަރަކަށް ފޯމު ދޫކުރާނީ،" ފަޒާލް ވިދާޅުވި އެވެ.

ރޯދަ މަހު، ފޯމު ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 10:30 އިން މެންދުރު 1:30 އަށް، އަދި ރޭގަނޑު 9:00 އިން ރޭގަނޑު 11:00 އަަށް ދަރުބާރުގެ އިންނެވެ.

ފަޒާލް ވިދާޅުވި ގޮތުގައި ކިއޫގައި ނުޖެހި ފޯމު ހުށަހެޅޭނެ މުއްދަތު ހައުސިން މިނިސްޓްރީން ވަނީ ދީފަ އެވެ. ޖުލައި 31 އާ ހަމައަށް ފޯމު ބަލައިގަތުމަށް ހަމަޖައްސާފައިވާއިރު، އެ ދުވަހުގެ ނިޔަލަށް ފޯމު ދޫކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފޯމު ނަގަނީ އުމުރުން 18-40 ދެމެދަށް ޚާއްސަ ކުރި ކެޓަގަރީންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫ އަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ.

އެ މަޝްރޫއުން ފްލެޓް ނުލިބުނު މީހުންނަށް ސަރުކާރުން ދެއްކި ހައްލަކީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ 80،000 ފްލެޓެވެ. އެ މަޝްރޫއު ރައީސް ޔާމީން ފައްޓަވައި ދެއްވައި، ފްލެޓް އަޅަން ހަވާލުކުރީ ސަރުކާރުގެ އެކި ކުންފުނިތަކާ އެވެ. މި މަޝްރޫއުގެ ބޮޑު ބައި މި އަހަރު ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ބޯހިޔާވަހިކަމުގެ ހައްލަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.