ސިޔާސީ ގޮތުން އަޑު ގަދަ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ފާޅު ކުރެއްވީ ޚިޔާލެކެވެ؛ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ނަމަ، އިދިކޮޅު ކެންޑިޑޭޓަކަށް އެމްޑީޕީން އެންމެ ރަނގަޅީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހެވެ. އިދިކޮޅު ކެންޑިޑޭޓަކު ކަނޑަނޭޅި ޕާޓީތައް "ހުއްޓިފައި" ތިއްބައި މަހްލޫފްގެ ހުށަހެޅުއްވުން، އެމްޑީޕީގެ ބައެއް މެމްބަރުން ރުޅިއަރުވާލީ އެވެ. އަނެއް ބަޔަކު، އެރީ މަހްލޫފާ އެއްކޮޅަށެވެ. އެއާއެކު، މައްސަލަ ހޫނުވެ ހުރިހާ ފާޑުކިއުމެއް އަމާޒުވެފައި މިވަނީ އިބޫ އަށެވެ.
މި ފާޑުކިއުންތަކަށް އެއްވެސް އެއްޗެއް ވިދާޅު ނުވެ އިބޫ ހުންނެވީ "ހިމޭނުންނެ"ވެ. މިކަމާ ގުޅޭ ގޮތުން މީޑިއާގެ ސުވާލުތަކަށް ވެސް ޖަވާބު ދެއްވާކަށް އިބޫ ބޭނުމެއް ނުވެ އެވެ.
ސަބަބަކީ، ސިޔާސީ މަސްރަހުގައި އާއްމުންނާ ހަމަ އަށް، ތިލަވާ މިންވަރަށް ވުރެން ބޮޑަށް އިބޫ އަށް ކަންކަން އެނގިވަޑައިގަންނަވާތީ ކަން ޔަގީނެވެ. ސިޔާސީ ކަންކަން ހިނގާ ގޮތާއި ނަތީޖާ ވެސް އޭނާ އަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ. ސިޔާސީ ދާއިރާގައި އިބޫ ހޭދަކުރެއްވި 24 އަހަރުގެ ތަޖުރިބާއިންނެވެ.
ފާޑުކިއުންތަކަށް އިބޫ އެއްޗެއް ވިދާޅު ނުވި ނަމަވެސް އޭނާގެ އާއިލާ އަށް ކެތެއް ނުކުރެވުނެވެ.
ރިޔާސީ ކެންޑިޑޭޓާ ގުޅުވައި އިބޫ އަށް އަމާޒުކުރާ ހަމަލާތަކަށް އަނބިކަނބަލުން، ފަޒްނާ އަހްމަދު ރައްދު ދެއްވީ، ހުސައިން ސަލާހުއްދީންގެ ޅެން ބައިތަކުންނެވެ. އޭނާ ވިދާޅުވީ މިހެންނެވެ.
"ވިމާ މޮޅު ނަސަބަކުން އަޔަތީ، ތިމާމެން ކިބުރުވެރި މިވަނީ. ރިމާދަށް ފުރޮޅިގެން އެ ދަނީ، ދިމާޔަށް އަނގުރު އަލިފާނޭ،"
ފަޒްނާގެ ޓުވީޓަށް ފަހު، އިބޫގެ ދައްތަ އައިމިނަތު މުހައްމަދު ސާލިހް ވެސް ވަނީ އިބޫ ދިފާއުކުރައްވައި ފާޑުކިއުންތަކަށް ރައްދު ދެއްވައިފަ އެވެ.
އޭނާ އެއްސެވީ، މަހްލޫފް ފާޅުކުރެއްވި ޚިޔާލަކާ ގުޅިގެން، ބަޔަކު ރަން ބުއްދިވެ އިބޫގެ ބޯ ކަނޑައި ހަވަރަށް ދޭން ގޮވަން ޖެހެނީ ކީއްވެ ހެއްޔެވެ. އަދި އެއީ ދެރަ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން ބަލިކުރަން އިދިކޮޅުން ނެރޭ ކެންޑިޑޭޓަކަށް އިބޫ ވެދާނެތޯ ނުވަތަ ނަޝީދު ފަހަތަށް ޖައްސާލައްވައި ރިޔާސީ ރޭހަށް އިބޫ ނިކުންނަވާފާނެތޯ ސުވާލު އުފައްދަމުން އަންނަ އިރު، އިދިކޮޅު އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވަނީ ވެސް އިބޫ އެވެ. މިހާތަނަށް، އިބޫ ވިދާޅުވަމުން އައީ، އިދިކޮޅު ކެންޑިޑޭޓަކު ނެރެ ރައީސް ޔާމީން ބަލިކުރާނެ ކަމަށެވެ.
ވަރަށް ސާބިތުކަމާ އެކު އިބޫ ދައްކަވަމުން އައި، އެތައް ބަޔަކު އިތުބާރުކުރި މި ވާހަކައާ މެދު ސުވާލުކުރާނެ ޖާގަ ލިބިފައި މިއޮތީ، ރިޔާސީ ކެންޑިޑޭޓަކަށް އިބޫގެ ނަން އައި ހިސާބުންނެވެ. އެހެންވެ އިންތިހާބުގެ ކުރިން އިބޫ ޖަވާބު ދެއްވަން ޖެހޭ ސުވާލުތައް ވެސް ހުރީ އެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ކޯލިޝަންގައި، ލީޑަރުންގެ ފަރާތްޕުޅުން އެންމެ އިސްކޮށް އުޅުއްވި އިބޫ ސިޔާސީ ހަރަކާތްތަކުން ފެނުން ވެސް މިހާރު ވަނީ މަދުވެފަ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި، އިބޫ "ގެއްލުނީ"، ސިޔާސީ ލީޑަރުން މިނިވަންކުރަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފެބްރުއަރީ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް، އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި އިބޫ ހައްޔަރުކުރުމަށް ފަހު ދޫކޮށްލި ފަހުންނެވެ.
އޭނާ ހައްޔަރުކުރީ، ޖުމްހޫރީ މައިދާނަށް ވެންނެވި މައްސަލައިގަ އެވެ. އެ މައްސަލައިގައި، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިބޫގެ މައްޗަށް ދައުވާ ނުކުރަން ނިންމުމުން، މައްސަލަ ފައިލްކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ޕީޖީ އޮފީހުން ބުނަނީ، އިބޫ އަށް ދައުވާ ކުރަން މައްސަލަ ފުލުހުން ނުފޮނުވާ ކަމަށެވެ.
ސިޔާސީ މަސްރަހުގައި، ކޮންމެ ފަދަ ކަމެއް ވެސް ފުރޮޅިދާނެ އެވެ؛ އެހެން ނޫން ނަމަ، އިދިކޮޅު ސިޔާސީ ޕާޓީތަކާއި އަމިއްލަ ޕާޓީގެ ބައެއް މެމްބަރުންގެ ފާޑުކިއުންތަކުގެ ތެރޭގައި އިބޫ ހަނު ހުންނަވަން ޖެހިވަޑައިނުގަތީހެވެ.