ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވާލަން އެންގި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ދައުލަތުގެ އިދާރާތަކުގެ މެދުގައި ލިޔުންތައް ބަދަލުކުރަން އޮންނަ ޖެމްސް ސިސްޓަމް މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ސުޕްރީމް ކޯޓުގައި ހުއްޓުވާލަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކުރީ އެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުންނެވެ.

ހައި ކޯޓުގެ ހުކުުގައި ވަނީ، ޖެމްސް އަކީ ސަރުކާރުގެ އިދާރާތަކުގެ ލިޔުންތައް ބަދަލުކުރަން 2010 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ ނިޒާމެއް ކަމަށާއި އެ ނިޒާމު ކޯޓުތަކުން ވެސް ބޭނުން ކުރަމުން އައިސްފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި ވެސް އެ ނިޒާމު ގާއިމް ކޮށްފައި އޮތްކަން ފާހަގަކޮށް، އެ ހުކުމުގައި ވަނީ އެ ކޯޓުގައި އެ ޚިދުމަތް ގާއިމް ކޮށްފައި ވަނީ އެއީ ގާއިމް ކުރުން ލާޒިމް ޚިދުމަތެއް ކަމުގައި ދެކިގެން ކަމަށް ބަލަންޖެހޭ ކަމަށެވެ.

ހުކުމުގައިވާ ގޮތުން، އުއްތަމަ ފަނޑިޔާރުގެ އެންގެވުމަށް މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އެކި ފަހަރު މަތިން ސުޕްރީމް ކޯޓުގައި ޖެމްސް ހުއްޓުވާލި ކަން ހެކިންގެ ބަހުން އެނގެން އެބައޮތެވެ. އެހެންވެ އެމަނިކުފާނުގެ އެ އަމަލަކީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގައި ބުނާ ފަދައިން މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތި ކުރުވައިގެން ނުވަތަ ރަސްމީ ވާޖިބަކާ ޚިލާފްވެގެން ނުވަތަ އެ ނޫން ވެސް ހުއްދަ އަމަލެއް ކޮށްގެން ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުން ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ދަށު ކޯޓުގައި ހެކިބަސް ދިން މީހުންގެ ހެކިބަހާ މެދު އެމަނިކުފާނުގެ ވަކީލުން ސުވާލު އުފައްދާފައިވާތީ އެ ނުކުތާއާ ގުޅިގެން ހައި ކޯޓުގެ ހުކުމުގައި ވަނީ ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް އެންގުމުން އެގޮތަށް އެ މުވައްޒަފުން އަމަލު ކުރިކަން އެނގެން އޮތަސް، އެކަމުގައި އެ މުވައްޒަފުންގެ އަމިއްލަ މަސްލަހަތެއް ނެތް ކަމަށެވެ. އަދި މުވައްޒަފުން އަމަލު ކޮށްފައިވަނީ ވެސް އުުއްތަމަ ފަނޑިޔާރު އެންގި ގޮތަށް ކަން ހެކިންގެ ބަހުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ހެކިވެރިން ސިއްރުކޮށް، ހެކިބަސް ނަގާފައި ވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށް ކަމަށާއި އަދި ދިފާއީ ބައެއް ހެކިން ހާޒިރު ނުކުރި މައްސަލަ ނިންމާފައިވާތީ އެކަން ވެސް އުއްތަމަ ފަނޑިޔާރުގެ ވަކީލުން ހައި ކޯޓުގައި ފާހަގަކުރި އެވެ.

އެ ނުކުތާއާ ގުޅިގެން ހައި ކޯޓުގެ ހުކުމުގައި ވަނީ އެ މައްސަލާގައި ހެކި ސިއްރު ކޮށްފައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ހެކި ސިއްރު ކުރުމުގެ އަމުރަަކަށް އެދި ދައުލަތުން ހުށެޅުމުން ކަމަށާއި ހެކިން ސިއްރު ކޮށްފައި ވިޔަސް، އެ މީހުންނާ ސުވާލު ކުރުމުގެ ފުރުސަތު އުއްތަމަ ފަނޑިޔާރަށް ލިބިދީފައިވާ ކަން އެނގެން އޮތް ކަމަށް އެ ހުކުމުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ ދިފާއުގައި ހުށަހެޅި ބައެއް ހެކިންގެ ހެކިބަސް ނަގާފައި ނުވަނީ އެ މީހުން ކޯޓަށް ހާޒިރު ނުވުމުން ކަމަށާއި އަނެއް ބައި ހެކިން ހާޒިރު ނުކުރީ އެ މައްސަލާގައި މަސްލަހަތު ފުށުއަރާތީ އެ މީހުންގެ ހެކިބަސް ގަބޫލު ނުކުރަން ދަށު ކޯޓުން ނިންމާފައިވާތީ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެ މައްސަލަ ދަށު ކޯޓުގައި ބެއްލެވި ގާޒީ ބަދަލުވި މައްސަލަ އާއި ދައުވާ ފޯމްގައި ސޮއިކޮށްފައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލް ހުއްދަ ދިން ފަރާތެއް ކަން އެނގެން ނެތް މައްސަލަ ވެސް އުއްތަމަ ފަނޑިޔާރުގެ ވަކީލުން ފާހަގަކުރި އެވެ. އެކަމުގައި ހައި ކޯޓުގެ ހުކުމުގައިވަނީ އެކަމުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފް ކަމެއް ނެތް ކަމަށެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ނެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން އަލީ އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖާއު އެވެ.

ފަނޑިޔާރުންގެ ގާނޫނު އޮތްގޮތުން ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލައެއް 30 ދުވަސް ތެރޭގައި ސުޕްރީމް ކޯޓުން ނިންމަން އެ ގާނޫނު ލާޒިމް ކުރެ އެވެ.

ޖެމްސް މައްސަލާގައި އުއްތަމަ ފަނޑިޔާރަށް ޖަލު ހުކުމެއް އައިސްފައިވާއިރު، ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އެމަނިކުފާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވަނީ އިތުރު އެއް އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އެ ހުކުމް ވެސް ހައި ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު ދަމަހައްޓައިފަ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް މިހާރު ސާބިތުވެފައިވާ މައްސަލަތަކުގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމޭއިރު ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ، ފަނޑިޔާރުކަމުގެ މަގާމުން އެ ބޭފުޅުން އޮޓަމެޓިިކުން ވަކިވާނެ އެވެ.

އުުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ. އެ މައްސަލަތައް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.