މި އުޅެނީ މާކެޓްގައި މިހާރު ހުރި އެންމެ ބާރުގަދަ ދެތިން ފޯނެއްގެ ވާހަކަދައްކާށެވެ. އާ ފޯނެއް ގަންނަން ވިސްނާ ނަމަ މިއީ ކޮންމެހެން ވެސް ކިޔަން ޖެހޭ ލިޔުމެކެވެ. ފޯނުތަކުގެ ނަންތައް ހޮވާފައި އެ ވަނީ ބޭނުންކުރި މީހުން ދިން ޚިޔާލަށް ބުރަވެ އެވެ.
މި ލިޔުމުގައި ފޯނުތަކުގެ ހުރިހާ ތަފުސީލެއް ނުހިމަނާނަ މެވެ. "ޖީއެސްއެމްއެރީނާ" އަށް ވަދެލާށެވެ. ނަމެއް އޮޅިފައި އޮތަސް އެނގޭނެ އެވެ. އެއް ފޯނު އަނެއް ފޯނާ އަޅާ ކިޔާލެވޭނެ އެވެ. ބޭނުންކުރާ މީހުން ދީފައި ހުރި ކޮމެންޓްތައް ވެސް ހުންނާނެ އެވެ.
ސެމްސަންގް ގެލަކްސީ އެސް7 އެޖް:
ރީތިކަމާ ހެދި ވެސް ގަންނަ ވަރު ވެ އެވެ. އެ ވަރު ވެފައި ހުރި މީހެއް ގާތު "ސެމްސަންގް ގެލަކްސީ އެސް7 އެޖް"އާ ބެހޭ ގޮތުން ދެން ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ގިނަ ބަޔަކަށް ގަބޫލުކުރެވޭ ގޮތުގައި މި އަށް ވުރެ ސްމާޓްފޯނެއް މާކެޓްގައި ނެތެވެ. ފޯނުގެ ސްޕެކްއާ ބެހޭ ގޮތުން މި ތަނުގައި ލިޔުނަސް ކަށަވަރުކުރަން ގިނަ ބަޔަކު ޖީއެސްއެމްއެރީނާ އަށް ވަންނާނެ އެވެ.
ސެމްސަންގް ގެލަކްސީ އެސް7:
ސެމްސަންގް ގެލަކްސީ އާއިލާ އަށް އުފަން އެއް މާބަނޑު ދެބެން ކަމަށް ބުނެވޭ، ސެމްސަންގް ގެލަކްސީ އެސް7 އެޖް އަދި ސެމްސަންގް ގެލަކްސީ އެސް7ގެ ތެރެއިން ސެމްސަންގް ގެލަކްސީ އެސް7 އަކީ ގެލަކްސީ އެސް6 އަށް ގެނައި ބޮޑު ކުރިއެރުމެއް ކަމަށް ބުނެވެ އެވެ. އެސް 6 ތައާރުފުކުރި ހުރިހާ ކަމެއް އެސް 7 ވަނީ ދަމަހައްޓާފަ އެވެ. އެސް 6 އަށް ވުރެ އޮމާންކޮށް، އަލިކޮށް އަދި އެހައި ބާރުގަދަކޮށެވެ. ބަލާބެލުމަށް ހުރި އެ ދެ ފޯނުގައި ހުރި ތަފާތު މަދު ނަމަވެސް، އެސް 7 ގައި މައިކްރޮއެސްޑީ ކާޑް ސްލޮޓެއް ހުރެ އެވެ.
އެޕަލް އައިފޯން 6އެސް:
އެޕަލުން ބުނާ ގޮތުގައި ކޮންމެ އައިފޯނަކީ ވެސް އާ އީޖާދެކެވެ. އައިފޯނު ބޭނުންކުރާ މީހުން ވެސް ބުނަނީ އެހެންނެވެ. އެ ނޫން ހުރިހައި ފޯނަކަށް ވުރެ މޮޅު އުފެއްދުމަކަށް އެ ވާތީ އެވެ.
ބަލާބެލުމަށް ހުރިހާ އައިފޯނެއް ހުންނަނީ ދާދި އެއް ގޮތަކަށެވެ. އެކަމަކު ތޮށިގަނޑުގެ ދަށުގައި ވިރިކެކޭ އަލިފާން ފަރުބަދަތައް އެއް މޮޑެލް އަށް ވުރެ އަނެއް މޮޑެލްގައި ގިނަ އެވެ. އައިފޯން 6އެސް ގައި ވަކިން ގިނަ އެވެ.
އެޕަލުން ކޮންމެ އައިފޯނެއްގައި ވެސް މޮޅު ކަމެއް ހިމަނަ އެވެ. ކާބަފައިންނަށް ނުކުޅަދާނަ ކިތަންމެ ކަމެއް ހިމަނަ އެވެ. އެ ގޮތުގައި އައިފޯން 6އެސް ގައި ހިމެނޭ އެންމެ ޚާއްސަ ފީޗާ އަކީ "ޕްރެޝާ ސެންސިޓިވިޓީ" އެވެ. އެޕަލުން އެ އަށް ކިޔަނީ "ތްރީޑީ ޓަޗް" އެވެ.
ސްމާޓްފޯން މާކެޓްގައި ތްރީޑީ ޓަޗަކީ މުޅިން އާ ފީޗާއެއް ނޫނެވެ. އެހެން ނަމަވެސް އެޕަލުން ތްރީޑީ ޓަޗް ބޭނުންހިފާ ގޮތް ދެން ހުރި ހުރިހައި ފޯނަކަށް ވުރެ މޮޅެެވެ. ތްރީޑީ ޓަޗަކީ ކޮން އެއްޗެއްކަން ބޭނުންކުރާ މީހުންނަށް ބުނެދޭ ގޮތް ވެސް ތަފާތެވެ.
އައިފޯން 6އެސް އަކީ އެޕަލުން މިހާ ތަނަށް ނެރުނު އެންމެ ކުޅަދާނަ ފޯނެވެ. އެހާ ރީތި ވެސް މެ އެވެ. އައިފޯނަށް ލޯބިޖެހިފައި ހުރި މީހަކު ދޫ ވެސް ކޮށް ނުލާނެ އެވެ. ދެން ތިބި މީހުން އެ އަށް ކަޅި އަޅާނެ އެވެ.
ސްމާޓްފޯން މާކެޓްގައި ހުރި ފޯނުތައް ކިޔޫ ތަރުތީބުކުރާއިރު، ކުރި ހޯދާނެ ފޯނުތަކެއް އެބަ ހުއްޓެވެ. ކޮންމެ ފޯނެއް އިޚްތިޔާރުކުރި ނަމަ ވެސް މައްސަލައެއް ނެތެވެ. ވާދަވެރިކަން ވަރަށް ބޮޑެވެ. ލިސްޓްގައި ފޯނުތައް އެ ހުރީ ވަކި ތަރުތީބަކުން ނޫނެވެ.
ވަންޕްލަސް 3، އެޗްޓީސީ ވަން އޭ9، ވާވޭ އޮނާ 7، އެޗްޓީސީ 10، އެޕަލް އައިފޯން އެސްއީ، ވާވޭ ނެކްސަސް 6ޕީ، އައިފޯން 6އެސް ޕްލަސް، ބްލެކްބެރީ ޕްރިވް، ސޮނީ އެކްސްޕީރިއާ ޒީ5، މޮޓޮރޯލާ މޮޓޯ އެކްސް ޕްލޭ، ވާވޭ މޭޓް އެސް، އެލްޖީ ނެކްސަސް 5އެކްސް، އެލްޖީ ޖީ5، މޮޓޮރޯލާ މޮޓޯ ޖީ4 އަދި ވާވޭ މޭޓް8 އެވެ.